މުސްކުޅިވުމުން ދުޅަހެޔޮކޮށް ހުރުމަށް ތިރީހުގެ އަހަރުތަކުގައި ކުރަންވީ ކަންކަން

Sep 21, 2026, 8:42 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ދުވާލަކު 15 މިނެޓުގެ ހަލުވި ހިނގުމަކުން ފެށިގެން، ގަވާއިދުން ނިދި ހަމަކުރުމާ ހަމައަށް؛ އުމުރުން ތިރީހުގެ އަހަރުތަކުގައި މިފަދަ އާދަތައް އަށަގަންނުވައިފިނަމަ، އުމުރުން 70 ގެ އަހަރުތަކާ ހަމައަށް ދާއިރުވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިވެގެންދާނެ އެވެ.

އާންމުގޮތެއްގައި އުމުރުން 80 އަށް އެޅުމުން، ޒުވާން ދުވަސްވަރާ އަޅާބަލާއިރު ހަށިގަނޑު ބަލިކަށިވެ، ހުޅުތައް ހަރުވެ، ވިސްނުން ތޫނުކަން ކުޑަވާން ފަށަ އެވެ. ނިދުމުގެ އާދަތަކަށް ބަދަލު އައިސް، އިރުއޮއްސޭ ވަގުތު ނިދި އައިސްފައި ފަތިހާ ހޭލެވޭ ގޮތް މެދުވެރިވެ އެވެ. އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އުމުރަށް ދާއިރު މަދުވެގެން ދާއިމީ އެއް ބަލި ތަހައްމަލު ކުރަންޖެހުމުގެ ފުރުސަތު ބޮޑުވުމެވެ.

ނަމަވެސް، މިއީ ކޮންމެހެން ވާންޖެހޭނެ ކަމެއް ނޫންކަން މިހާރުގެ ދިރާސާތަކުން ވަނީ ސާބިތުވެފަ އެވެ. ކެލިފޯނިއާގެ 'ބަކް އިންސްޓިޓިއުޓް ފޯ ރިސާޗް އޮން އޭޖިން' ގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އެރިކް ވާޑިން ވިދާޅުވާ ގޮތުގައި، ދިރިއުޅުމުގެ އާދަކާދަތައް އެންމެ ރަނގަޅު ގޮތުގައި ބައްޓަންކޮށްފިނަމަ، ގިނަ މީހުންނަށް އުމުރުން 90 ނުވަތަ 95 އަހަރާ ހަމައަށްވެސް ދުޅަހެޔޮކަމާއެކު ދިރިއުޅެވިދާނެ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ހާލަތަކީ ގިނަ މީހުން 65 ނުވަތަ 70 އަހަރާ ހަމައަށް ދުޅަހެޔޮކޮށް ތިބުމަށްފަހު، ބަލިވެ، މުސްކުޅިބަލީގެ ތަކުލީފުތައް އުފުލަން ޖެހުމެވެ.

ކަސްރަތު ކުރުމާއި، ރަނގަޅު ކާނާ ކެއުމާއި، ފޮނި ބުއިންތަކާ ދުރުވުން ފަދަ ހެޔޮ ބަދަލުތައް ގެނައުމަކީ ކޮންމެ އުމުރެއްގައި ކުރި ނަމަވެސް ފައިދާހުރި ކަމެއް ކަމަށް ވާޑިން ވިދާޅުވި އެވެ. ނަމަވެސް، މިކަންކަން ވީހާވެސް އަވަހަކަށް ފެށުމުން ލިބޭ ނަތީޖާ މާ ރަނގަޅުވާނެ އެވެ. ހާއްސަކޮށް، އުމުރުން 30 ގެ އަހަރުތަކަކީ މަސްތަކުގެ ބާރާއި، ކަށީގެ ވަރުގަދަކަމާއި، މެޓަބޮލިޒަމް ނިޒާމަށް އުމުރާ ގުޅޭ ކުދިކުދި ބަދަލުތައް އަންނަން ފަށާ މުހިންމު ދުވަސްވަރެއްގެ ގޮތުގައި ދިރާސާވެރިން ފާހަގަކުރެ އެވެ.

މިނިސޯޓާގެ 'މޭޔޯ ކްލިނިކްސް ކޯގޮޑް ސެންޓަރު އޮން އޭޖިން' ގެ ފިޒިއޮލޮޖީ ޕްރޮފެސަރު ޖޮއާއޯ ޕާސޯސް ވިދާޅުވި ގޮތުގައި، 30 ގެ އަހަރުތަކަކީ ދިގު މުއްދަތަކަށް ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށްދޭނެ އާދަތައް އަށަގަންނުވަން ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.

މުސްކުޅިވުމުގެ މަރުހަލާގައި ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި، ދިރާސާވެރިން ބަލަނީ އާންމު އުސޫލުތަކާ ހިލާފަށް ދުޅަހެޔޮކޮށް ތިބޭ މީހުންނަށެވެ. މީގެ އެއް މިސާލަކީ އުމުރުން 35 އަހަރުން މަތީގެ 'މާސްޓާސް އެތުލީޓުން' ނެވެ. މިއީ އުމުރުން 60 އަހަރުން މަތިވާއިރުވެސް ދުވުމާއި ބައިސްކަލް ދުއްވުން ފަދަ ކުޅިވަރު މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވާ މީހުންނެވެ.

މެންޗެސްޓާ މެޓްރޯޕޮލިޓަން ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ ޕޯލް މޯގަން ފާހަގަކުރެއްވި ގޮތުގައި، މިފަދަ އެތުލީޓުން މުސްކުޅިވަމުންދާ ގޮތް އާންމު މީހުންނާ ވަރަށް ތަފާތެވެ. އެމީހުންގެ ހިތާއި ފުއްޕާމޭގެ މަސައްކަތްތަކާއި މަސްތަކުގެ ބާރު މާ ވަރުގަދަކޮށް ހުރުމަށްފަހު، ބަލިކަށިވާން ފަށަނީ މާ ފަހުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އުމުރުން ދުވަސްވާއިރުވެސް އެހެން މީހެއްގެ އެހީއާ ނުލައި އަމިއްލައަށް ހަރަކާތްތެރިވެ އުޅުމުގެ ގާބިލުކަން އެމީހުންގެ ކިބައިގައި ހުރެ އެވެ. މޯގަން ވިދާޅުވި ގޮތުގައި، ޒުވާން ދުވަސްވަރު ހޯދާ މި އިތުރު ބާރަކީ އުމުރުގެ މެދުތެރޭގައި ހަށިގަނޑަށް ލިބޭ ރައްކާތެރިކަމުގެ އައްޑަނައެކެވެ.

މިއީ އަހަރެމެން އެންމެންނަށްވެސް މީގެން ފިލާވަޅު ލިބިގަނެވިދާނެ ކަމެކެވެ. މޯގަން ވިދާޅުވާ ގޮތުގައި، އުމުރުން ދުވަސްވާއިރު ދުޅަހެޔޮކޮށް ހުރުމަށްޓަކައި، އުމުރުން 30 ގެ އަހަރުތަކުގައި ހަށިގަނޑުގެ އެއިރޯބިކް ކެޕޭސިޓީ (ކަސްރަތު ކުރާއިރު ހަށިގަނޑަށް ބޭނުންކުރެވޭ އޮކްސިޖަންގެ އެންމެ މަތީ މިންވަރު) އާއި، ހަށިގަނޑުގެ މަސްތަކުގެ ބާރު އެންމެ މަތީ ދަރަޖައަކަށް ގެންދިއުމަށް އަމާޒު ހިފަންޖެހެ އެވެ.

އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ ކުއްލިއަކަށް ވެއްޓުމެވެ. މިއީ ހަށިގަނޑުގެ ހަލުވިކަން ކުޑަވުމާއި ހުޅުތައް ހަރަކާތްކުރުމަށް އުނދަގޫވުމާ ގުޅިފައިވާ ކަމެކެވެ. މޯގަން ވިދާޅުވި ގޮތުގައި، އުމުރުން ދުވަސްވާއިރު އަމިއްލައަށް ހަރަކާތްތެރިވެ އުޅުމަށާއި ދުޅަހެޔޮކޮށް ހުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ފައިގެ މަސްތަކެވެ. އެހެންކަމުން، ފައިގެ މަސްތައް ވަރުގަދަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ.

ކުޅިވަރު ކުޅުމަކީ މިކަމަށް އޮތް އެންމެ ފުރިހަމަ މަގެވެ. ޓެނިސް ނުވަތަ ބެޑްމިންޓަން ފަދަ ރެކެޓް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކުގެ ސަބަބުން އުމުރު ދިގުވާކަން ދިރާސާތަކުން ދައްކަ އެވެ. އަދި 2025 ވަނަ އަހަރު ޖަޕާނުގައި ހެދި ދިރާސާއަކުން އެނގުނު ގޮތުގައި، ގަވާއިދުން ބައިސްކަލް ދުއްވާ އުމުރުން ދުވަސްވީ މީހުން، އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވުން ނުވަތަ އަވަހަށް މަރުވުމުގެ ފުރުސަތު ކުޑަ އެވެ.

ހަފުތާއަކު 75 މިނެޓަށްވުރެ ގިނައިރު ދުވުމަކީ މުސްކުޅިވުމުގެ މަރުހަލާ ލަސްކޮށްދޭ ކަމެއް ނަމަވެސް، މެރަތަން ދުވުމާ މެދު ވިސްނާލުން ބުއްދިވެރި އެވެ. ހަށިގަނޑަށް ކެތްނުވާ ވަރަށް ބުރަކޮށް މަސައްކަތް ކުރުވުމަކީ ހަށިގަނޑުގެ ބައެއް ސެލްތައް މުސްކުޅިވުން އަވަސްކޮށްދޭ ކަމެއް ކަމަށް ބައެއް ހެކިތަކުން ދައްކަ އެވެ. ނަމަވެސް މިކަން އަދި މުޅިން ސާފެއް ނުވެ އެވެ.

އަނެއްކޮޅުން، ދުވާލަކު އެންމެ ފަސް މިނެޓު މެދު މިންވަރަކަށް ކަސްރަތު ކުރުމުންވެސް ސިކުނޑި މުސްކުޅިވުން ލަސްކޮށްދޭ ކަމަށް ދިރާސާއަކުން ވަނީ ދައްކާފަ އެވެ. އެމެރިކާގެ ޔުނިވާސިޓީ އޮފް ޕިޓްސްބާގްގެ އެސިސްޓަންޓް ޕްރޮފެސަރު އަދިތީ ގުރްކާރު ވިދާޅުވި ގޮތުގައި، ވަރަށް އާދައިގެ ކަންކަމުންވެސް ދުޅަހެޔޮ ސިއްހަތެއް ހޯދިދާނެ އެވެ. "ކެއުމަށްފަހު 15 މިނެޓު ވަންދެން ބާރަށް ހިނގާލުމަކީވެސް ސިއްހަތަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އުމުރުން 30 ގެ އަހަރުތަކުގައި މަސްތަކާއި ހިތުގެ ނިޒާމު ވަރުގަދަކުރާ ފަދައިން، ސިކުނޑީގެ ދުޅަހެޔޮކަމަށްވެސް މަސައްކަތް ކުރެވިދާނެ އެވެ. ގަވާއިދުން ދަތްތައް ޗެކްކުރުމާއި، ރަނގަޅަށް ދަތް އުނގުޅުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ހަކުރު ގިނަ ކާނާ މަދުކުރުމަކީ ހީނުކުރާ ފަދަ ބޮޑު ފައިދާއެއް ކުރާނެ ކަންކަމެވެ.

މިކަން މިގޮތަށް ފާހަގަކުރެވެނީ، އަނގަ އާއި ގުޅުން ހުރި ބަލިތަކާއި، އުމުރުން ދުވަސްވާއިރު ހަނދާން ނެތޭ ބަލި ނުވަތަ ވިސްނުން ކުޑަވުމާ ގުޅުން ހުރިކަން ގިނަ ދިރާސާތަކަކުން ދައްކާތީ އެވެ. ބެލެވޭ ގޮތުގައި މިއީ ހަށިގަނޑުގައި އުފެދޭ ދުޅަހެޔޮ ނޫން މާއްދާތަކުގެ ސަބަބުން ސިކުނޑިއަށް ކުރާ ނޭދެވޭ އަސަރެކެވެ.

ނިދުމުގެ އާދަ އެއްގޮތެއްގައި ހިފެހެއްޓުމަށް ނިދަން އޮށޯންނަންވީ ވަގުތު ހަނދާންކޮށްދިނުމަށް އެލާމް ބޭނުންކުރުން ރަނގަޅުވާނެ އެވެ. އިންސާނުންގެ ހަށިގަނޑުގެ ހުރިހާ ނިޒާމެއް ބައްޓަންވެފައިވަނީ 24 ގަޑިއިރުގެ ބުރުގެ މައްޗަށެވެ. އެހެންކަމުން ކޮންމެ ދުވަހަކު އެއް ގަޑިއަކަށް ނިދުމުން ހަށިގަނޑުގެ މަސައްކަތްތައް އެއް ތަރުތީބަކުން ކުރިއަށް ގެންދިއުމަށް އެހީތެރިވެދެ އެވެ. އެހެންނަމަވެސް، 30 ގެ އަހަރުތަކުގައި ކުޑަކުދިން ބަލާ މީހުންނަށް ކޮންމެ ރެއަކު މިގޮތަށް ނިދި ހަމަކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ.

މީގެ އިތުރުން، 30 ގެ އަހަރުތަކަކީ ކާނާއަށް ސަމާލުކަން ދޭން ފަށަންވީ ދުވަސްވަރެވެ. ބައެއް ސައިންސްވެރިން ބުނާ ގޮތުގައި ހަށިގަނޑަށް ކުރެވޭނެ އެންމެ ރަނގަޅު އެއް ކަމަކީ ދުވާލުގެ ވަކި ވަގުތުތަކެއްގައި ނުކައި ހުރުމެވެ. މިސާލަކަށް 'އިންޓާމިޓަންޓް ފާސްޓިން' ނުވަތަ ވަކި ވަގުތުތަކެއްގައި ހުސްބަނޑާ ހުރުމެވެ.

ގިނަ މީހުން 16 ގަޑިއިރު ނުކައި ހުރެފައި 8 ގަޑިއިރު ތެރޭގައި ކެއުމަށް ލަފާދިން ނަމަވެސް، 12 ގަޑިއިރު ނުކައި ހުރެފައި ބާކީ 12 ގަޑިއިރު ކެއުމުންވެސް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ. 

ޕްރޮސެސްކޮށްފައިވާ ކާނާގެ ބަދަލުގައި މޭވާއާއި ތަރުކާރީ ގިނައިން ކެއުމަކީވެސް މުހިންމު ކަމެކެވެ. ކެރެޓް ފަދަ ތަރުކާރީއާއި، އަނބާއި އޭޕްރިކޮޓް ފަދަ މޭވާގައި ހުންނަ 'ކެރޮޓިނޮއިޑްސް' ގިނައިން ހުންނަ ކާނާ ކާ މީހުން މުސްކުޅިވަނީ މާ ލަހުންނެވެ. މިއީ މި މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭތީ އެވެ.

ޒުވާން އުމުރުގައި އަހަރެމެން ނިންމާ ނިންމުންތަކުގެ އަސަރު މުޅި އުމުރަށް ދެމިގެންދެ އެވެ. އެމެރިކާގައި އެތައް އަހަރެއް ވަންދެން ކުރިއަށްގެންދިޔަ ބޮޑެތި ދިރާސާތަކުން ދައްކާގޮތުގައި، އުމުރުގެ މެދުތެރޭގައި ދުޅަހެޔޮ އާދަތައް ގެންގުޅޭ މީހުންނަށް، އޭގެ އެތައް އަހަރެއް ފަހުންވެސް ހިތުގެ ބަލިތަކާއި ވިސްނުން ކުޑަވުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަ އެވެ.

އުމުރުން 30 ގެ އަހަރުތަކުގައި ތިމާއަކީ ބަލިނުވާނެ މީހެއް ކަމަށް ހީވި ނަމަވެސް، މުސްކުޅިވުމުގެ ވަގުތު ކޮންމެ މީހަކަށްވެސް ޖެހޭނެ އެވެ. ނަމަވެސް، އުމުރުން ދުވަސްވުމުގެ ކުރިން ރަނގަޅު ކުޅިވަރެއް ހޯދައި، ގަވާއިދުން ނިދައި، އަދި ހަށިގަނޑަށް އަރާމު ދީފިނަމަ، އޭގެ ފައިދާ ކުރިއަށް އޮތް އަހަރުތަކުގައި ހިތަށާއި، މަސްތަކަށާއި، ހުޅުތަކުގެ އިތުރުން ސިކުނޑިއަށްވެސް ކުރާނެ އެވެ.

މައުލޫމާތު: ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox