ބާސެލޯނާ (ސެޕްޓެމްބަރު 9) - ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދުމަށްޓަކައި، ކެމްޕެއިނެއް ކުރަން ބޭނުންނުވާ ކަމަށް ބާސެލޯނާ އާއި ސްޕެއިންގެ ތަރި، ލަމީން ޔަމާލް ބުނެފި އެވެ.
މިދިޔަ އަހަރުގެ ބެލޮންޑިއޯ އެވޯޑް، ޕީއެސްޖީގެ ތަރި، އޮސްމާން ޑެމްބެލޭ ހޯދީ ޔަމާލް ފަހަަތަށް ޖައްސާލައިފަ އެވެ. މި ފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ނޮމިނީސް އިއުލާނުކުރިއިރު، ޔަމާލް ވެސް ހިމެނެ އެވެ.
ބެލޮންޑިއޯ އެވޯޑާ ބެހޭގޮތުން، ރެއާލް މެޑްރިޑްގެ ކޯޗު، ހޯސޭ މޮރީނިއޯ އާއި އެ ޓީމުގެ ތަރި، ކީިލިއަން އެމްބާޕޭ ވަނީ ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން، މޮރީނިއޯ ވަނީ ބެލޮންޑިއޯ ލިބެންޖެހޭނީ އެމްބާޕޭ އަށް ކަމަށް ބުނެފަ އެވެ. އެ ސުވާލު މީޑިއާ އިން ކުރިމަތިކުރުމުން، އެމްބާޕޭ ދިން ޖަވާބަކީ، މިއީ، ބެލޮންޑިއޯ ހޯދަން ރަނގަޅު އަހަރެއް ކަމަށެވެ.
އެމްބާޕޭގެ އެ ވާހަކަތަކާ ގުޅުވައި، ނޫސްވެރިން ވަނީ ޔަމާލަށް ވެސް އެ ސުވާލު އަމާޒުކޮށްފަ އެވެ.
މިއީ ބެލޮންޑިއޯ ހޯދަން ރަނގަޅު އަހަރެއް: އެމްބާޕޭ
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުވަތަ ބެލޮންޑިއޯ ހޯދުމަށް މިއީ ރަނގަޅު އަހަރެއް ކަމަށް ރެއާލް މެޑްރިޑްގެ ތަރި ކީލިއަން އެމްބާޕޭ ބުނެފި. ވޯލްޑް ކަޕްގައި އޭނާ ހޯދި ތާރީޚީ ކާމިޔާބީތަކާއެކު، މި އެވޯޑަށް ގިނަ ބައެއްގެ ލޯ އަމާޒުވެފައިވާއިރު، އެމްބާޕޭ ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ކްލަބަށް ކުޅުމަކީ މި ޝަރަފު ހޯދަން ލިބޭ ބޮޑު ބާރެއް
މިދިޔަ ސީޒަނުގައި ބާސެލޯނާއާ އެކު ސްޕެނިޝް ލީގު ހޯދައި، ސްޕެއިނާ އެކު، ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޔަމާލް ބުނީ، އޭނާ އަށް ބެލޮންޑިއޯ ލިބުމަކީ އަމިއްލަ އަތުގައި އޮތް ކަމެއް ނޫން ކަމަށެވެ.
"އެކަން ކުރަން ޖެހޭ ބަޔަކީ ތިއީ (ނޫސްވެރިން). އެއީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން. އަހަންނަށް ބާސެލޯނާ އާއި ގައުމީ ޓީމާ އެކު ކުރެވުނީ ވަރަށް ފުރިހަމަ ކަންކަން. ވަރަށް ގިނަ ކަންކަން ރަނގަޅަށް ދިޔަ، ރަނގަޅު އަހަރެއް އެއީ. ދެން ބަލަމާ،" ޔަމާލް ބުންޏެވެ.
"އަހަންނަށް ހިއެއް ނުވޭ އަހަރެެން މި ކަމަށް (ބެލޮންޑިއޯ އެވޯޑް ހޯދަން) ކެމްޕެއިނެއް ކުރަން ޖެހޭނެ ކަމަށް. ކޮންމެ މީހަކަށް ވެސް އަމިއްލަ އަށް ވިސްނޭ ގޮތެއް ބުނެވިދާނެ. އަހަރެން ފަހުރުވެރިވޭ ހާސިލްކުރެވުނު ކަންކަމާ މެދު. އަހަންނަށް އިތުރަކަށް ނުއެއް އެހޭނެ ކަމެއް ކޮށްދޭން. އެއީ، ވޯޓު ލުމަކީ ތި މީހުންގެ ވަޒީފާ. އަހަރެން އެ ކަމަށް ސަލާން ނުޖަހާނަން،"
ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު ދެނީ، ދުނިޔޭގެ ރޭންކިން ގަދަ 100 ގައުމުން އެކްރެޑިޓްކުރާ 100 ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުންނަށެވެ.
ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.
މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން، 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ. ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ.
މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ހަފްލާ އޮތީ އޮކްޓޫބަރު 26 ވަނަ ދުވަހު ލަންޑަންގަ އެވެ.












