ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަނެއްކާވެސް ކުރިއަށް

Sep 6, 2026, 9:58 AM
އެމެރިކާގެ މަންދޫބުން ކަމަށްވާ ޖެރެޑް ކުޝްނާ (ވ) އަދި ސްޓީވް ވިޓްކޮފް.-- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ މަންދޫބުން ކަމަށްވާ ޖެރެޑް ކުޝްނާ (ވ) އަދި ސްޓީވް ވިޓްކޮފް.-- ފޮޓޯ: ރޮއިޓާސް

ރަޝިއާގެ ރައީސް ވްލަޑިމިއަ ޕޫޓިންއާ އެކު މޮސްކޯގައި ބޭއްވި މަޝްވަރާތަކަށް ފަހު، ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ޔޫކްރެއިންގައި ވެސް "އެފަދަ ބައްދަލުވުންތަކެއް" ބޭއްވޭނެ ކަމަށް އުންމީދުކުރާ ކަމަށް އެމެރިކާގެ ދެ މަންދޫބުން ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްއިން ބުނި ގޮތުގައި، ހޮނިހިރު ދުވަހު ރައީސް ޕޫޓިންއާ އެކު މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ފަހު، އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނާ އާދީއްތަ ދުވަހު ޔޫކްރެއިންގެ ކީވްއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، އެ މަޝްވަރާތަކުގެ ތަފުސީލު އަދި ސާފުނުވި ނަމަވެސް، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެކަމާ ގުޅޭ ރަސްމީ އިިއުލާނެއް ކުރާނެ ކަމަށް ބެލެވެ އެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް މަންދޫބުން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅާ ދިމާކޮށް، ރަޝިއާގެ ރައީސް ޕޫޓިން އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރް ޒެލެންސްކީ ވަނީ ތިން ދުވަހުގެ މުއްދަތަށް އެއް ގައުމުން އަނެއް ގައުމުގެ ވެރިރަށަށް ދޭ ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ރަޝިއާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު މޮސްކޯގައި ބޭއްވި ބައްދަލުވުން ތިން ގަޑިއިރަށް ދެމިގެންދިޔަ އެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ރަޝިއާގެ ވެރިރަށުގެ މެދުތެރޭގައި ހުންނަ ޕޫޓިންގެ ރަސްމީ ގަނޑުވަރުގަ އެވެ.

ޕޫޓިންގެ އެޑްވައިޒަރު ޔޫރީ އުޝަކޯވް އެ މަޝްވަރާތައް ސިފަކުރެއްވީ ވަރަށް ބިނާކުރަނިވި އަދި ދެފުށް ފެންނަ އިހުލާސްތެރި ބައްދަލުވުމެއްގެ ގޮތުގަ އެވެ.

ކުޝްނާ އާއި ވިޓްކޮފް މީގެ ކުރިން އެތައް ފަހަރަކު ރަޝިއާއަށް ޒިޔާރަތްކުރައްވާފައިވެ އެވެ. ނަމަވެސް، ފެބްރުއަރީ 2022 ގައި ހަނގުރާމަ ފެށި ފަހުން ޔޫކްރެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާތީ، އެ ބޭފުޅުން މޮސްކޯއިން ކީވްއަށް ދަތުރުކުރައްވާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.

މި މުހިންމު މަޝްވަރާތައް ކުރިއަށްދަނީ ފާއިތުވި މަސްތަކުގައި ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ވައިގެ މަގުން ދޭ ހަމަލާތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox