ރައްޔިތުންގެ މަޖިލީހުން ސްޓޭމްޕު ޖަހައިދިން ބިލުތަކެއް ތަސްދީގުކުރާން ރައީސް މުހައްމަދު މުއިއްޒު ބޭއްވެވި ރަސްމިއްޔާތުގައި އެމަނިކުފާނު އެ ދެއްކެވީ ތަފާތު ވާހަކަފުޅުތަކެކެވެ. ނޫސްވެރިންނަށް ވަށިވަށިން ދެއްވުމުގެ އިތުރުން ދެން އެ ދެއްކެވި ވާހަކަފުޅުތަކާމެދު ވެސް ފުންކޮށް ވިސްނާލުމަކީ ރައީސްއާއި މި ސަރުކާރުގެ މިޒާޖާއި ވިސްނުން ދެނެގަތުމަށްޓަކައި ބޭނުންތެރިކަމެކެވެ.
ބޭރު ފައިސާއާ ބެހޭ ސިޔާސަތު ދިފާއު ކުރައްވައި ރައީސް މުއިއްޒު އެ ދެއްކެވި ވާހަކަފުޅަކީ ހަމައެކަނި އިގުތިސާދީ ފިޔަވަޅެއްގެ މައްޗަށް ދެއްވި ތަފުސީލެއް ނޫނެވެ. އެމަނިކުފާނުގެ ވާހަކަފުޅުތަކުގެ ތެރޭގައި ދައުލަތާއި، އަމިއްލަ މުއްސަނދިކަމާއި، އަދި ރައްޔިތުންނާ ދެމެދު އޮންނަންޖެހޭ ގުޅުމާ މެދު އެ ދެއްކެވި ވާހަކަފުޅުތަކަކީ އެކަންކަމާމެދު އެމަނިކުފާނު ގެންގުޅުއްވާ ސިޔާސީ ފަލްސަފާކަމަށް ބަލަންޖެހެ އެވެ.
ވަރަށް ގިނަ ވާހަކަފުޅުތައް ދެއްކެވި އެވެ. އެއިން އެއްވެސް ވާހަކަފުޅެއް 'ޓުވިސްޓުނުކޮށް'، އެ ވާހަކަތަކުގެ ފަހަތުގައިވާ ސިޔާސީ ނަޒަރިއްޔާ ދެނެގަތުމަށް މަސައްކަތްކުރުމަކީ މި ލިޔުމުގެ ބޭނުމެވެ.
ރައްޔިތުންގެ ގިނަ ބަޔަކު ދަތި ހާލުގައި އުޅެމުންދާއިރު، ވަކި ބަޔަކު މުއްސަނދިވާންވީ ކީއްވެގެންތޯ ކުރެއްވި ސުވާލާއި، ރިސޯޓުތައް ހިންގަނީ ރާއްޖޭގައި ކަމަށްވާތީ އެ ރިސޯޓުތަކުން ލިބޭ މަންފާގެ ހައްގު ހިއްސާ ދިވެހިންނަށް ލިބެންޖެހޭނެކަމަށް ވިދާޅުވި ވާހަކަފުޅާއި، މި ވަސީލަތްތަކަކީ ދައުލަތުގެ މިލްކެއްކަމާއި، އަދި ސަރުކާރުން މިކަމުގެ ތެރެއަށް ވަންނަނީ އާންމު ރައްޔިތުންނަށް އެމީހުންގެ ހައްގު މިންވަރު ލިބޭނެކަން ކަށަވަރުކުރުމަށްކަމަށް އެ ވިދާޅުވި ވާހަކަފުޅުތަކުގެ ފަހަތުގައި ވަނީ ސިޔާސީ އިލްމުގައި ބޮޑެތި ނަޒަރިއްޔާތަކެވެ.
މި ވާހަކަފުޅުތަކުން ފެންނަ ސިޔާސީ ނަޒަރިއްޔާތަކުގެ ތެރޭގައި އިގުތިސާދީ ގައުމީވަންތަކަން (economic nationalism)، އިގުތިސާދީ ޕޮޕިއުލިޒަމް (economic populism)، ތަރައްގީއަށް އިސްކަންދޭ ދައުލަތެއްގެ ނިޒާމު (developmental statism) އަދި ޑިމޮކްރެޓިކް ސަރުކާރެއްގެ މެޖޯރިޓޭރިއަންގެ ވިސްނުން ފާޅުވެ އެވެ.
އިގުތިސާދީ ގައުމީވަންތަކަން: ރާއްޖޭގައި ރިސޯޓު ހިންގާތީ އެއީ ދައުލަތުގެ މިލްކެއް!؟
މިތަނުގައި ރައީސް އެ ދެއްކެވި ވާހަކަފުޅު، އޭގެ މާނަ ނުގެއްލޭނޭހެން ކުޑަކުޑަކޮށް ޓުވިސްޓުކޮށްލާނަމެވެ. ބޭނުމަކީ އެ ވާހަކަ ދޭހަވުން ފަސޭހަ ވުމެވެ.
މުންޑުކޮށި ކުރައްވައި، ކުރިމަތީގައި ހުރި މީހާގެ ދަތްދޮޅިދޮށަށް އަތް ދިމާކުރައްވަމުން އެވިދާޅުވީ، 'އޭ ބަލަގަ މިހިރަ ހޭބައްޔާ.. ކަލޭ ތިޔަ ހިންގާ ރިސޯޓަކީ ރާއްޖޭގެ ސަރަހައްދުގައި އޮތް އެއްޗަކަށްވީތީ ކަލޭ ހިންގިޔަސް މިއީ ރާއްޖޭގެ އެއްޗެކޭ' އެވެ. ދިމާ ހާމައަށް އޮތް ފުން ފަޅެއް ހިއްކައިގެން 100 އެނދުގެ ރިސޯޓެއް ތަރައްގީކުރި މީހާ އެކަން ކުރީ ދައުލަތަށް އެކިއުޒިޝަން ކޮސްޓާއި ހުރިހައި ޓެކުހެއް ދައްކައިގެންކަމާއި، އެ ފަޅު، ރަށަކަށް ހަދައި ތަރައްގީކުރީ އޭނާގެ އަމިއްލަ ފައިސާއިން ކަމެއް ރައީސްގެ ވިސްނުންފުޅަކު އަމުދަކުން ނެތެވެ.
ރައީސްގެ އެ ވާހަކަފުޅުގެ ފަހަތުގައިވާ ސިޔާސީ ނަޒަރިއްޔާއަކީ "އިގުތިސާދީ ގައުމީވަންތަކަން" ކަމަށް ބެލިދާނެ އެވެ.
މި ނަޒަރިއްޔާގައި، އެއްވެސް އިގުތިސާދީ ހަރަކާތަކީ ހަމައެކަނި ފަރުދުންނާއި ކުންފުނިތަކާ ދެމެދު ހިނގާ އަމިއްލަ މުއާމަލާތެއް ނޫނެވެ. ވިޔަފާރީގައި ވާދަވެރި މާކެޓެއް އުފެއްދުމަށްވުރެ ބޮޑު މި ނަޒަރިއްޔާގައި އިސްކަމެއް ދެނީ 'ގައުމީ މަސްލަހަތަށެވެ.' އަދި ގައުމުގެ އިމުގެ ތެރޭގައި ހިންގާ އިގުތިސާދީ ހަރަކާތްތަކަކީ ގައުމީ މަސްލަހަތުތައް ކުރިއަރުވާ ކަންކަންކަމުގައި ހެދުމަށް ދައުލަތަށް ބާރު ލިބިގެންވާކަމަށް މި ނަޒަރިއްޔާގައި ވަކާލާތުކުރެ އެވެ.
އިކޮނޮމިކް ނޭޝަނަލިޒަމްއަކީ އިގުތިސާދީ ނަތީޖާތައް ކަނޑައެޅުން ހަމައެކަނި ބާޒާރުގެ އުސޫލުތަކާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ހަމަތަކުގެ މައްޗަށް ދޫކޮށްލުމުގެ ބަދަލުގައި، ދައުލަތުގެ އިގުތިސާދީ ސިޔާސަތުތަކަކީ މައިގަނޑު ގޮތެއްގައި ގައުމުގެ މަސްލަހަތާއި، ތަރައްގީ އަދި އިގުތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައްޓަންކުރެވިފައިވާ ސިޔާސަތުތަކަކަށް ހެދުމުގެ ފަލްސަފާ އެކެވެ. މި ފިކުރު ބާރުއަޅަނީ ގައުމީ ސިނާއަތުތައް ހިމާޔަތްކުރުމާއި، އިސްތިރާތީޖީ ގޮތުން މުހިންމު ވަސީލަތްތައް ކޮންޓްރޯލްކުރުމާއި، ބޭރުގެ އިގުތިސާދީ ބާރުތައް ރެގިއުލޭޓްކުރުމުގައި ދައުލަތުގެ ދައުރު ފުޅާކުރުމަށެވެ.
ރައީސްގެ ދަލީލުތައް މި އުސޫލާ ވަރަށް ބޮޑަށް ގުޅެ އެވެ. ދޮގެއްވާ ނޫނެވެ. ރިސޯޓުތައް ހިންގަނީ ދިވެހިރާއްޖޭގެ ސަރަހައްދުގަ އެވެ. އެތަންތަނަށް މަންފާ ލިބެނީ ރާއްޖޭގެ ރަށްތަކާއި، ގޮނޑުދޮށްތަކާއި، ކަނޑުގެ މާހައުލާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑާއި، އަދި ދިވެހި ދައުލަތުން ފޯރުކޮށްދޭ ގާނޫނީ އަދި ނިޒާމީ އޮނިގަނޑުގެ ސަބަބުންނެވެ. އެހެންކަމުން، އެ ސިނާއަތުން އުފައްދާ ބޭރު ފައިސާއަކީ އާންމު ރައްޔިތުންގެ އެއްވެސް މަސްލަހަތެއް ނެތް އެއްޗެއްގެ ގޮތުގައި ނުބެލޭނެ އެވެ.
އެހެންނަމަވެސް، އެ މަސްލަހަތުގެ އިމަކީ ކޮބައިތޯ ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެކެވެ. ރާއްޖޭގެ ސަރަހައްދުގައި އޮތް ފުން ފަޅެއް، ރަށަކަށްވެ، އޭގެ ފަހަށް ރިސޯޓަކަށްވެ ބޭރު ފައިސާ އެތެރެކޮށްދޭ ވަސީލަތަކަށްވީ އެހެންބަޔަކު ކުޅަ ބުރަ މަސައްކަތުންނެވެ. އެތަން އޮތީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ކަމަށްވާތީ އެހިނދަކަށް ފެނުނު ގޮތަކަށް އަމަލުކުރާން އަޅުގަނޑުމެން އުޅެފިނަމަ އިންވެސްޓަރުން ބިރު ގަންނާނެ އެވެ. އެމީހުންގެ އިންވެސްޓްމަންޓުތައް ހިމާޔަތްކުރުމަށްޓަކައި ދެން އަޅާނީ އަޅުގަނޑުމެން ހިތަށް ވެސް ނުގެނެވޭ ކަހަލަ ފިޔަވަޅުތަކެވެ. އޭގެ ސަބަބުން ގެއްލުން ލިބޭނީ ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ގޮތުގައި ލިބެމުންދިޔަ އާމްދަނީއަށެވެ. އިގުތިސާދީ ގައުމީވަންތަކަމުގެ ފަލްސަފާގެ ތެރޭގައި ހައްދު ފަހަނައަޅައި ދިއުމަކީ ކުއްލިއަކަށް ބޮޑު މަންފާއެއް ހޯދުމަށް ރަންބިސްއަޅާ ކުކުޅު ކަތިލުން ފަދަ ކަމެކެވެ. މިއީ ކަމުދާ ސިޔާސަތަކަށް ނުވަނީ މިހެންވެ އެވެ.
ދައުލަތެއްގެ ތެރޭގައި އެއްޗެއް އުފެއްދުމަކީ، އެ އެއްޗަކީ ސީދާ ދައުލަތުގެ މިލްކެއް ކަމަށް ބެލެވޭނެ ސަބަބެއް ނޫނެވެ. ލިބަރަލް މާކެޓް އިގުތިސާދެއްގައި އާންމުކޮށް ސިޔާދަތީ ބާރާއި، ރެގިއުލޭޓްކުރުމާއި، ޓެކްސް ނެގުމާއި، އަދި މިލްކުވެރިކަމާ ދެމެދު ފަރަގުތަކެއް ގެންގުޅެ އެވެ. ދިވެހި ދައުލަތަށް ރިސޯޓުތަކުގެ މައްޗަށް ގާނޫނީ ބާރު ހިންގޭނެ އެވެ. ރައްޔިތުންގެ މަޖިލީހަށް އެތަންތަން ރެގިއުލޭޓް ކުރުމުގެ އުސޫލުތައް ކަނޑައެޅޭނެ އެވެ. ސަރުކާރަށް އެތަންތަނުން ޓެކްސް ނެގިދާނެ އެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ދައުލަތަށް އެތަންތަނުގެ މައްޗަށް ޒިންމާތަކެއް ވެސް މަތިކުރެވިދާނެ އެވެ. ނަމަވެސް، މިއިން އެއްވެސް ކަމަކުން، އަމިއްލަ ވިޔަފާރިއެއްގެ މިލްކިއްޔާތު ނުވަތަ އާމްދަނީއަކީ ދައުލަތުގެ މިލްކެއް ކަމަކަށް އަމިއްލަޒާތަކުން ކަނޑައެޅޭނޭ ހަމައެއް ނެތެވެ.
މިއީ ރައީސްގެ ބަސްމަގުން "ސްޓޭޓިޒަމް" (statism) ނުވަތަ ދައުލަތުގެ ބާރުވެރިކަން އިސްކުރުމުގެ ސިފަތައް ފެންނަން ފަށާ ހިސާބެވެ. ސްޓޭޓިޒަމްގައި، އިގުތިސާދީ އަދި އިޖުތިމާއީ ދިރިއުޅުން އިންތިޒާމުކުރުމުގައި ދައުލަތަށް ވަރުގަދަ ދައުރެއް ދެ އެވެ. އަދި އަމިއްލަ ފަރުދުންގެ އިގުތިސާދީ މިނިވަންކަމަށްވުރެ، 'ޖަމާއީ މަގުސަދު'ތަކަށް ބޮޑު އިސްކަމެއް ދެ އެވެ. މައްސަލައަކީ އެ ވިދާޅުވާ 'ޖަމާއީ މަސްލަހަތު' މާނަކުރުމުގައި އޮންނަ ހިލާފުތަކެވެ. އެއީ އެންމެން އެއް މާނައެއްދޭ، ނުވަތަ ހުރިހައި ހާލަތެއްގައި އެއް މީޒާނަކުން ވަޒަންކުރެވޭނޭ ލަފުޒެއް ވެސް ނޫނެވެ.
ދިވެހިރާއްޖޭގެ ރީތިކަން ބޭނުންކޮށްގެން ބަޔަކު ހޯދާ ފައިސާގައި އަޅުގަނޑުމެންގެ މަސްލަހަތު އޮތްކަމަށް ދައުވާކުރަންވާނީ އެކަށީގެންވާ އިމެއްގެ ތެރޭގަ އެވެ. އެ އިން ފަހަނައަޅައި ގޮސްފިނަމަ އަޅުގަނޑުމެންނަށް ލިބެމުން އައި ފައިދާއަށް ބުރޫއެރުން ނޫން ނަތީޖާއެއް އާހިރުގައި ކުރިމައްޗެއް ނުވާނެ އެވެ.
އިގުތިސާދީ ޕޮޕިއުލިޒަމް: ރައްޔިތުންނާއި ދެކޮޅު 'ދުޝްމަނު މަހުޖަނުން'
ބޭރުފައިސާގެ ސިޔާސަތަށް ގެނައި ބަދަލު ރައީސް ދިފާއުކުރެއްވީ ހަމައެކަނި ގައުމީވަންތަކަމުގެ ނަޒަރަކުންނެއް ނޫނެވެ. އެމަނިކުފާނުގެ ބަސްމަގުން "އިގުތިސާދީ ޕޮޕިއުލިޒަމް" ނުވަތަ އާންމުންގެ ޖަޒުބާތާ ގުޅުވައިގެން ގެންގުޅޭ އިގުތިސާދީ ސިޔާސަތުގެ ސިފަތައް ވެސް ފެނެ އެވެ. ޕޮޕިއުލިސްޓް ސިޔާސީ ވާހަކަތަކުގެ މައިގަނޑު އަސާސަކީ ދެ ބައެއްގެ މެދުގައި އޮންނަ ފަރަގެވެ. އެއީ އާންމު ރައްޔިތުންނާއި، އިމްތިޔާޒުތައް ލިބިފައިވާ "އެލީޓް" ނުވަތަ މަދު މުއްސަނދިންގެ ތަފާތުގެ ވާހަކަ އެވެ.
ރައީސް ކުރެއްވި ސުވާލަށް ބައްލަވާށެވެ. އެހެން އެންމެން ދަތި ހާލުގައި އުޅެމުންދާއިރު، ވަކި ބަޔަކު މުއްސަނދިވާންވީ ކީއްވެގެންތޯ އެވެ؟ މި ސުވާލާއެކު، ބޭރު ފައިސާގެ މައްސަލަ މުޅިން އެހެން މިސްރާބަކަށް ބަދަލުވެގެން ދެ އެވެ. ރިސޯޓުތަކުން ބޭރު ފައިސާ މާރުކުރަން މަޖުބޫރުކުރުމަކީ ރަނގަޅު މަނިޓަރީ ސިޔާސަތެއްތޯ ކުރެވޭ ބަހުސް އެ ބަދަލުވެގެން ދިޔައީ ބައިބައިކުރުވާ ފަދަ ފިތުނަވެރި ވާހަކަ އަކަށެވެ.
އެއްކޮޅުގައި ތިބީ އަގުހެޔޮކޮށް ޑޮލަރު ބޭނުންވާ އަދި އިގުތިސާދީ ތަރައްގީއަށް ބޭނުންވެފައިވާ އާންމު ރައްޔިތުންނެވެ. އަނެއްކޮޅުގައި ތިބީ ގިނަ އަދަދެއްގެ ބޭރު ފައިސާ ލިބުމުގެ ފުރުސަތު އޮތް، ނިސްބަތުން މުއްސަނދި، އަދި 'ރައްޔިތަކަށް އަމުދުން ހެވެއް ނޭދޭ' މަހުޖަނުންނެވެ. އެ ދެމެދުގައި، ރައްޔިތުންގެ ފަޅީގައި، 'ދުޝްމަނު މަހުޖަނުން'ނާ ދެކޮޅަށް މޭފުޅު އައްޑަނައަކަށް ދިއްކޮށްގެން އެ ހުންނެވީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އެވެ. މިއީ ރައީސް އެ މަންޒަރު ކުރެއްސެވި ގޮތެވެ.
އެ ދެއްވާ ސިޔާސީ މެސެޖަކީ... މުއްސަނދިންގެ އަތުގައި ޑޮލަރު އެބަހުއްޓެވެ. އެކަމަކު އެވެރިން ރައްޔިތުންނަށް ދުއްތުރާ ކުރާން ކަމަށް، ޑޮލަރުކޮޅު ފޮރުވައި، ބޮޑުއަގުގައި ޑޮލަރު ވިއްކަނީ އެވެ. ސަރުކާރުން މިއުޅެނީ އެވެރިންގެ އަތުގައި ހުރި ޑޮލަރުތައް އަތުލައި ރައްޔިތުންގެ މެދުގައި އިންސާފުވެރިކޮށް ބަހާށެވެ.
މިއީ އިގުތިސާދީ ކުރިމަތިލުންތައް ސިފަކޮށްދިނުމުގައި ގެންގުޅޭ އާންމު ޕޮޕިއުލިސްޓް އުސޫލެކެވެ. 'އަހަރުމެންނާއި' 'އެމީހުން' ވަކިކޮށް، އޭގެ ތެރެއިން ރަނގަޅު މީހުންނަކީ 'އަހަރުމެން' ކަމަށް ދެއްކުމުގެ ފަލްސަފާ ވެސް މީގެ ތެރެއަށް ވަދެ އެވެ. މި ސިޔާސީ އުކުޅަކީ އާންމު ގޮތެއްގައި ވެސް ހަރުކަށި ވެރިން ބޭނުންކުރާ އުކުޅެކެވެ. އެވަގުތަކަށް ހާސިލުކުރަން ބޭނުންވާ މަގުސަދެއް ހާސިލުކުރުމަށްޓަކައި ވަކި ޖަމާއަތެއްގެ ބަޔަކީ އާންމުކޮށް ރައްޔިތުންގެ ދުޝްމަނުންނަށް ހަދާލަނީ އެވެ. ރައްޔިތުންނަކީ އަނިޔާލިބެމުންދާ ބައެއް ކަމުގައި ސިފަކޮށް، ސަރުކާރުން މިއުޅެނީ ރައްޔިތުންގެ ދިފާއުގައި ކަމަށް ދެއްކުމުން އެ ހިނދަށް ރައްޔިތުންގެ ތާއީދު ސަރުކާރަށް ލިބިދާނެ ކަމަށް ހީވަނީ ތޯއްޗެކެވެ.
އެހެންނަމަވެސް ވިސްނަވާށެވެ. މި ދައުލަތް މިހައި ދުވަހު މިގޮތުގައި ހިނގަމުން މިދިޔައީ ރާއްޖޭގެ ވިޔަފާރިތަކުގެ ސަބަބުން ނޫންހެއްޔެވެ؟ ރާއްޖެއަށް އެތެރެކުރާހައި ތެލާއި، ބޭހާއި އެހެނިހެން މުދަލަށް ހޭދަކުރަމުން އެ ގެންދަނީ އެ ވިޔަފާރިތަކުން ރާއްޖެ ވެއްދި ފައިސާއިން ސަރުކާރަށް ޓެކުހުގެ ގޮތުގައިއާއި އެ ނޫން ގޮތްގޮތުން އަތުލަމުންދާ ފައިސާއިންނެވެ. މިއަދު ވަކި ވިސްނުމެއްގައި ސަރުކާރާ ކިރިޔާ ހިޔާލުތަފާތުވުމެއް އުފެދުނުއިރަށް ވިޔަފާރިވެރިންނަކީ ދައުލަތުގެ ދުޝްމަނުންގެ ގޮތުގައި ސިފަކުރެއްވުމަކީ ރައީސް ހެއްދެވި ވަރަށް ވެސް ބޮޑު ގޯހެކެވެ. ރައީސް އެ ވިދާޅުވާ ވިޔަފާރިވެރިންނަކީ ހަމައެކަނި ދިވެހިރައްޔިތުންނެއް ނޫނެވެ. އޭގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ވެސް ހިމެނިގެން ދެ އެވެ. އެ ބްރޭންޑުތަކުގެ ނަމުގެ ދިފާއުގައި އެ ކުންފުނިތަކުން ދެން ކުރާނޭ ކަންކަމާ ކުރިމަތިލުމަކީ މި ސަރުކާރަށާއި އަޅުގަނޑުމެންގެ ރާއްޖެއަށް ކުޅަދާނަ ކަމަކަށް ނުވެދާނެ އެވެ.
ރައީސަށް ބިރުދެއްކި ކަމަށް ކުރެއްވި ސާބިތުނުހިފޭ ތުހުމަތު
ރައީސްގެ ވާހަކަފުޅުގައި ސިޔާސީ ގޮތުން މުހިންމު އެހެން ކަމެއް ވެސް އެކުލެވިގެން ވެ އެވެ.
ސަރުކާރުގެ ބަޖެޓު ކުޑަކުރުމަށާއި، ސަރުކާރުގެ ވައުދުތައް ފުއްދުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ބާރުއަޅައި ބައެއް ވިޔަފާރިވެރިން އެމަނިކުފާނާ މުއާމަލާތްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރު އަގުބޮޑު ކުރައްވާނޭކަމުގެ އިންޒާރު ލިބިވަޑައިގެންފައިވާ ކަމަށާއި، އެ މެސެޖުތައް އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.
އެ ވިދާޅުވި މުއާމަލާތްތައް ހާމަކުރެވެންދެން ނުވަތަ މިނިވަން ފަރާތަކުން އެކަން ކަށަވަރުކޮށްދެންދެން، ވިޔަފާރިވެރިން ރައީސަށް ބިރުދެއްކި ކަމަށް ކުރާ ތުހުމަތަކީ ސާބިތުނުހިފޭ ތުހުމަތެއްގެ ގޮތުގައި ބަލަން ޖެހެ އެވެ.
"ސަރުކާރުން މާލީ ސިޔާސަތު މިގޮތަށް ކުރިއަށް ގެންދާނަމަ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެންހިނގައިދާނެ" ކަމަށް ވިޔަފާރިވެރިޔަކު ބުނުމާއި، "ސަރުކާރުން މި ސިޔާސަތު ކުރިއަށް ގެންދާނަމަ، އަޅުގަނޑުމެން ޑޮލަރުގެ އަގު މަތިކުރާނަން" ކަމަށް ބުނުމާ ވަރަށް ތަފާތެވެ. ފުރަތަމަ ބުނުމަކީ އިގުތިސާދީ އަންދާޒާއެކެވެ. ދެވަނަ ބުނުމަކީ ބިރުދެއްކުމެކެވެ.
ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި މަސައްކަތްކުރާ ހަމަ އެއްވެސް ވިޔަފާރިވެރިޔަކު ރައީސަށް އެގޮތަށް މެސެޖުކުރެއްވިނަމަ އެ މައްސަލަ ބެއްލެވީހެވެ. އެ މެސެޖުތައް ވެސް އާންމުކުރެއްވީހެވެ. އެފަދަ އިންޒާރެއް ދިންނަމަ އެ އިންޒާރެއް ރައްދުވަނީ ހަމައެކަނި ރައީސަށާއި ރައީސްގެ ސަރުކާރަކަށް ނޫނެވެ. ހުރިހައި ދިވެހިރައްޔިތުންނަށެވެ. ވީމާ، އެފަދަ އިންޒާރުގެ މެސެޖެއް ކުޅައީ ކާކުކަން އެއީ ހާމަކުރެވެން ޖެހޭނޭ މައުލޫމާތެކެވެ.
އެކަމަކު އެކަމެއް ނުކުރައްވާނެ އެވެ. ކުރެއްވެން ނުވެސް އޮންނާނީ އެވެ. ކީއްވެގެންކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ނޫންތޯ އެވެ.
ރައީސްގެ މި ވާހަކަފުޅަކީ މިއީ ޕޮޕިއުލިސްޓް ސިޔާސަތުގެ އަނެއް ސިފަ ފެންނަ ހިސާބެވެ. އެއީ "ދެކޮޅުވެރި އެލީޓުން" ނުވަތަ މުއްސަނދި ދުޝްމަނުންތަކެއް އުފެއްދުމުގެ ސިޔާސަތެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ މީހުންނަކީ ހަމައެކަނި އިގުތިސާދީ ގޮތުން ހިޔާލުތަފާތުވާ ބައެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ އެމީހުންގެ އަމިއްލަ އިމްތިޔާޒުތައް ދިފާއުކުރުމަށްޓަކައި އާންމު ރައްޔިތުންނަށް ގެއްލުންދޭން ތައްޔާރަށް ތިބި ބައެއްގެ ގޮތުގައި ސިފަކުރުމަކީ ރައީސަކު ކުރައްވަން ހުތުރު ކަމެކެވެ. ބައިބައިކޮށްގެން ފައިދާ ނެގުމުގެ އުކުޅަކީ މިހާރު ބައުވެފައިވާ މުސްކުޅި އުކުޅެކެވެ. އެކަމަކު ވެސް އެކުރެއްވީ އެ ހުތުރު އަމަލެވެ. ދިވެހިންގެ ތެރޭގައި ތިބި މުއްސަނދިންނަކީ އާންމު ދިވެހިންގެ ދުޝްމަނުންގެ ގޮތުގައި ސިފަކުރެއްވީ އެވެ. އެ ވާހަކަފުޅުގެ ސަބަބުން އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތުގެ ހުޅު ރޯ ކުރެއްވުމަކީ ރައީސްގެ މަގުސަދެވެ. ސިޔާސީ ކުޅިފަސް ހޯއްދެވުމަށްޓަކައި ވެސް ދައްކާފައި ނުދައްކާނޭ ވާހަކަ ހުންނާންވާނެ އެވެ. އެ ދެއްކެވީ އެ ޒާތުގެ، ދައްކައިގެން ނުވާނެ ފަދަ ވާހަކަ އެކެވެ.
ކުރުކޮށްލާނަމެވެ. ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަކީ ހަމައެކަނި ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހު ދިފާއު ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ މާ ފުޅާ ސިޔާސީ ފަލްސަފާއެއްގެ ކުޑަކުޑަ ތަސައްވުރެއްގެ ގޮތުގައި ބެލުން މުހިންމެވެ. ރައީސްގެ ސިޔާސީ ފަލްސަފާއަކީ ހުރިހައި ކަމެއް ދައުލަތުން ކޮންޓްރޯލް ކުރުމާއި، ރައީސްގެ ވިސްނުންފުޅަށް އެއްބަސްނުވާ މީހުންނަކީ ގައުމުގެ ދުޝްމަނުން ކަމުގައި ސިފަކުރުމުގެ ފަލްސަފާއެކެވެ. މިއީ މި ސަރުކާރު ދެމިއޮވެއްޖެނަމަ ކުރިމަތިވާނޭ ނުރައްކާތަކުގެ މައްޗަށް އޮތް ސާފު ދަލީލެކެވެ.









