ހިންދުކަނޑުގެ ވިޔަފާރި: ޔާވަނާއިންނާއި ދިވެހިރާއްޖޭގެ ދީވީން

ހިންދުކަނޑުގެ ވިޔަފާރި ޔާވަނާސް އާއި  ދިވެހިރާއްޖޭގެ ދީވީން

ހިންދުކަނޑުގެ ވިޔަފާރި ޔާވަނާސް އާއި ދިވެހިރާއްޖޭގެ ދީވީން

ތަމަޅަ ޅެންވެރިކަމުގައި ބަޔާންކޮށްފައިވާ ޔަވަނާއިންނަކީ އެކަހެރިވެގެންވާ ހައިރާންކުރުވަނިވި ބައެއް ނޫނެވެ. ގަދީމީ ދިވެހި ތާރީހުން ފެންނަ، ކޮންބައެއްކަން ސާފުނުވާ_ ގައިގެ ހަމުގެ ކުލަ ދޮން، ލޮލުގެ ކުލަ ތަފާތު، ވަރުގަދަ މީހުންކަމަށް ބުނެވޭ_ ރެދިންނަކީ މެޑިޓެރޭނިއަން ކަނޑާއި ހިންދުކަނޑު ގުޅުވައިދިން، ތަފާތު އެތައް ނަސްލެއް އެކުލެވޭ ބިޔަ ކަނޑުދަތުރުފަތުރުގެ އިގުތިސާދުން ފެންނަން އޮތް އެއް ސޫރަ އެވެ. މުޒިރިސްއިން އަސޭމިރުހަށް ރަން ބަދަލުކުރުމާއި، އިންޑިއާގެ ކެރެލާގެ ޕައްޓަނަމް ގަދީމީ ބަނދަރުން ފެނުނު މުށިކަންވާރުތަކާއި، ޑެކަންގެ ހޮހަޅަތަކުގައިވާ ނަދުރުގެ ތަނބުތަކާއި، އަދި އެކަހެރި ކަނޑުގެ ޖަޒީރާ ރަށަކުން ފެނުނު ރޯމަން ޖުމްހޫރިއްޔާގެ ޒަމާނުގެ ދިނާރަކީ (ދިނާރިއަސް) އެއް ވާހަކައެއްގެ ވަކިވަކި ބައިތަކެވެ. އެ ވާހަކައިގެ ތެރޭގައި، ފަހުގެ ރޫމީ ލިޔުންތެރިން "ދީވީންގެ ޖަޒީރާތައް" އިޝާރާތްކުރާ ދިވެހިރާއްޖެ ވެސް ހިމެނެއެވެ.

މޫސުމީ ކަނޑުމަގު

މީލާދީގެ ކުރީގެ ފުރަތަމަ ގަރުނުން ފެށިގެން، ހިންދުކަނޑު ބޭނުންކުރެވެމުން އައީ މޫސުމީ ބޮޑު ވިޔަފާރި މަގެއްގެ ގޮތުގައެވެ. އުޅަނދުފަހަރު ޖުލައި މަހުގެ ތެރޭގައި ރަތްކަނޑުގެ ބަނދަރުތައް ކަމުގައިވާ މިޔޯސް ހޮރުމޯސް އާއި ބެރެނީކޭއިން ފުރައިގެން، ހުޅަނގު މޫސުމުގެ ވައިގެ ބާރުގައި ކަނޑު ހުރަސްކޮށް، 40 ދުވަހުގެ ތެރޭގައި މަލަބާރު އައްސޭރިއަށް ފޯރަ އެވެ. އަދި އެނބުރި ދަނީ ޑިސެމްބަރު ނުވަތަ ޖެނުއަރީ މަހު އިރުވައި މޫސުމުގެ ވައިގަ އެވެ. މީލާދީން ފުރަތަމަ ގަރުނުގެ މެދުތެރޭގައި ގުރީކު ބަހުން ވާހަކަ ދައްކާ ވިޔަފާރިވެރިއަކު ލިޔެފައިވާ ޕެރިޕްލަސް އޮފް ދި އެރިތުރިއަން ސީ ގައި، މައިގަނޑު ބަނދަރުތަކާއި ބަދަލުކުރެވުނު މުދާތައް ތަފުސީލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރޫމީންގެ ރަނާއި ރިހި ފައިސާ ފޮއްޗާއި، ވައިނާއި، ބިއްލޫރި ދީފައި އިންޑިއާގެ ބަނދަރުތަކުން އަސޭމިރުހާއި، އިތާމުތާއި، އެތުގެ ދަތާއި، ފޭރާމާއި، އަގުބޮޑު ޖަވާހިރުގެ ތެރެއިން ކަހަނބުފަތާއި ބޮލި ހޯދިކަން ބަޔާންކޮށްފައިވެ އެވެ.

ދެކުނު އިންޑިއާގެ ތަމަޅަ ޅެންތަކުން މި ދަތުރުފަތުރާ ގުޅޭ ގޮތުން އެ ސަރަހައްދުގެ ނަޒަރިއްޔާތު ހާމަކޮށްދެއެވެ؛ އެއީ ޔާވަނާއިންގެ އުޅަނދުފަހަރު ރަނާއެކު މުސިރީ (މުޒިރިސް) އަށް އައިސް، އަސޭމިރުހާއެކު އެނބުރި ފުރައިގެންދާ މަންޒަރެވެ. މި ވިޔަފާރީގެ މިންވަރު ބޮޑުކަމުން، އިންޑިއާގެ ސަބަބުން ކޮންމެ އަހަރަކު ރޫމީ ހަޒާނާއިން ފަންސާސް މިލިއަން ސެސްޓަރސަސް (ފައިސާގެ ޔުނިޓެއް) ބޭރުވަމުންދާ ކަމަށް ބުނެ ޕްލިނީ ދި އެލްޑަރ ޝަކުވާ ކުރެއްވި އެވެ. ދިވެހިރާއްޖެ އޮތީ މި މަގުތަކުގެ ދެކުނު ކައިރީގަ އެވެ. ރާއްޖެ އޮތް ސަރަޙައްދުގެ ގޮތުން، ތިލަ ފަރުތަކުގެ ސަބަބުން ކަނޑުދަތުރުފަތުރަށް އޮތް ނުރައްކަލަކަށް ވުމުގެ އިތުރުން، ހާއްސަ ބާވަތްތަކުގެ އުފެއްދުންތައް ފަސޭހައިން ލިބެންހުރި މުހިންމު މަރުކަޒަކަށް ވެސް ރާއްޖެ ވިއެވެ.

ޖަޒީރާތަކާ ބެހޭގޮތުން ގަދީމީ ޒަމާނުގެ މައުލޫމާތު

މީލާދީން ދެވަނަ ގަރުނުގެ މެދުތެރޭގައި ޕްޓޮލެމީ ލިޔުއްވި ގޮތުގައި، ތެޕްރޮބޭން (ސްރީލަންކާ) ގެ ކުރިމަތީގައި 1,378 ރަށް ވެއެވެ. އޭނާ ދެއްވާފައިވާ ކޯޑިނޭޓްތަކުގައި ކުށްތަކެއް ހުރި ނަމަވެސް، ރަށްތަކުގެ އަދަދާއި އެ ރަށްތައް އޮތް ސަރަހައްދު ދިމާވަނީ ދިވެހިރާއްޖެއާ އެވެ. ފަހުގެ ލިޔުންތެރިން މި ރަށްތަކަށް ކިޔާފައިވަނީ "ދީވާ" ނުވަތަ "ދީވީ" އެވެ. މީލާދީން 362 ވަނަ އަހަރު، ތާރީހު އިލްމުވެރިޔާ އަމިއަނަސް މާސެލިނަސް ލިޔުއްވާފައިވާ ގޮތުގައި، އިންޑިއާގެ ގައުމުތަކުގެ އިސްވެރިން _ ހުދު ދީވީންނާއި ސެރެންދީވީންގެ ފަރާތުން ވެސް _ އެމްޕަރަރ ޖޫލިއަންގެ އަރިހަށް ހަދިޔާ ފޮނުއްވި އެވެ.

ސެރެންދީވީއަކީ ސްރީލަންކާ ކަމާމެދު އެންމެން އެއްބަސްވެއެވެ؛ އަދި ދީވީއަކީ ދިވެހިރާއްޖެ ކަމަށް ގިނަ ބަޔަކު ބަލައިގަނެއެވެ. މިއީ ކުރު ނޯޓެއް ނަމަވެސް، މިއިން ދައްކުވައިދެނީ ރޫމީ ދައުލަތުގެ އެންމެ މަތީ ފަންތީގައި ވެސް މި ޖަޒީރާތައް އެނގި ފާހަގަކުރެވިފައިވާ ކަމެވެ. އޭގެ އެއް ޖީލު ކުރިން، އީސާއީ ދީނުގެ ތާރީހު އިލްމުވެރިޔާ ފިލޮސްޓޯރޖިއަސް ވަނީ ދީވީންގެ މީހެއް ކަމުގައިވާ ތިއޯފިލަސްގެ ވާހަކަ ބަޔާންކުރައްވާފަ އެވެ. އޭނާއަކީ ދީވާ ރަށުން ކޮންސްޓަންޓައިން ރަސްގެފާނުގެ ދަރުބާރަށް ފޮނުވުނު ޒުވާން އަސީރެކެވެ. އީސާއީ ދީނުގެ ތައުލީމު ހާސިލުކުރުމަށްފަހު، ފަހުން ތިއޯފިލަސް ވަނީ ދެވަނަ ކޮންސްޓެންޓިއަސްގެ ބިޝޮޕެއް އަދި ޑިޕްލޮމެޓެއްގެ ގޮތުގައި ހިދުމަތްކުރައްވާފަ އެވެ. އެގޮތުން އޭނާ ވަނީ ވިޔަފާރިއާއި އީސާއީ ދީން ފެތުރުމަށްޓަކައި ދެކުނު އަރަބިކަރައިގެ ޙިމްޔަރަށް ދަތުރުކުރައްވައި، އޭގެ ފަހުން އަލުން އެނބުރި އޭނާގެ އުފަން ވަޒަނަށް ޒިޔާރަތްކުރައްވާފައެވެ. މި މަޢުލޫމާތުތައް މަދު ނަމަވެސް، މިއިން ސާބިތުވަނީ ފަހުގެ ރޫމީ ދުނިޔޭގެ ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ އިމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައިވާ ކަމެވެ.

ބޮއްޔާއި، ރޯނާއި، މާވަހަރާއި، ކަހަނބުފަތް: ދުނިޔޭގެ ފުރަތަމަ ބައިނަލްއަގުވާމީ ފައިސާ

މައުދަނުގެ ފައިސާފޮތިތައް ދިވެހި އަތޮޅުތަކަށް އައުމުގެ މާ ކުރިން، ދިވެހިރާއްޖެއިން ވަނީ ދުނިޔޭގެ އެންމެ ކުރީގެ އަދި އެންމެ ދުރަށް ދަތުރުކުރި އެއް ފައިސާ އުފައްދާފައެވެ؛ އެއީ ފައިސާ ބޮލި (Monetaria moneta) އެވެ. މި ކުދި އަދި ގިނަ ދުވަހަށް ދެމިހުންނަ ބޮލި ނަގަމުން ދިޔައީ ތިލަ ފަޅުތަކުންނެވެ؛ ހާއްސަކޮށް މެދު އަދި ދެކުނުގެ އަތޮޅުތަކުންނެވެ. މި ބޮލިތައް ޕޮމްޕޭއިންނާއި، ޗައިނާގެ ޝަންގް ރަސްކަމުގެ މަހާނަތަކުންނާއި، އިންޑަސް ވާދީން އަދި ފަހުން ހުޅަނގު އެފްރިކާގެ އެކި ކަންކޮޅުތަކުން ފެނިފައިވެ އެވެ. މީލާދީން ހަތަރުވަނަ ގަރުނާ ހަމައަށް އައިއިރު، މިއީ އިންޑިއާގެ ބައެއް ހިސާބުތަކުގައި ބޭނުންކުރި މައިގަނޑު ފައިސާއެވެ؛ އަދި ނުވަވަނަ އަދި ދިހަވަނަ ގަރުނުގެ އަރަބި އަދި ފާރިސީ ލިޔުންތެރިން ވަނީ މި ބޮލީގެ މައިގަނޑު މަސްދަރަކީ ދިވެހިރާއްޖެ ކަމުގައި ފާހަގަކުރައްވާފައެވެ.

އުޅަނދުފަހަރުގައި ބޮލި ބޭނުންކުރީ ވިޔަފާރި މުދަލެއްގެ އިތުރުން އުޅަނދު ބަރުކުރާ އެއްޗެއްގެ (ބެލަސްޓް) ގޮތުގައެވެ. ހަމައެއާއެކު، މި އުޅަނދުފަހަރުގައި ކާށި ކުނބުޅިން (ކާށީގެ އިލި/ނަރުން) ވަކަރު އަޅައިގެން ވަށާފައިވާ ރޯނާއި، ލޮނުފެނަށް ގިރައިގެން ނުދާ މޮޅު ސިފައެއް ހުރުމުގެ ސަބަބުން މުޅި ހިންދުކަނޑުގައި އަގުބޮޑުވެގެންދިޔަ ކުނބުވާ (ކޯރު)، އަދި ވެލާ ބޮއްޔާއި، މާވަހަރާއި، ހިކިކަނޑުމަސް އުފުލިއެވެ.މި މުދާތައް ދައުރުވަމުން ދިޔައީ ދެކޮޅަށެވެ. ރޫމީ އަދި މެޑިޓެރޭނިއަންގެ މުދާތައް ގިނަ ޢަދަދަކަށް ދެކުނު އިންޑިއާއަށް ދިޔައިރު، އޭގެ ތެރެއިން މިންވަރެއް ހުއްޓުމެއްނެތި ދިވެހިރާއްޖެއާ ހަމައަށް ވެސް ވާސިލުވަމުން ދިޔަ އެވެ.

ތޮއްޑޫގެ ދިނާރު

މިފަދައިން މުދާ ވާސިލުވިކަމުގެ އެންމެ ސާފު އާކިއޮލޮޖިކަލް (އާސާރީ) ހެއްކަކީ، ކައިއަސް ވިބިއަސް ޕަންސާގެ ރިހި ދިނާރެވެ. މިއީ މީލާދުގެ ކުރިން 90 ނުވަތަ 89 ވަނަ އަހަރު ރޯމްގައި ޖެހި ފައިސާފޮއްޗެކެވެ. އަދި މި ފޮތި ފެނިފައިވަނީ 1958-59 ގައި ތޮއްޑޫގައި ހުރި ބުދުދީނުގެ ވޭރަކުން (ސްތޫޕާއަކުން) ކޮނެގެން ނެގި ތަކެތީގެ ތެރެއިންނެވެ. މި ފައިސާފޮތި ވަނީ ބައުވެ އަދި ލޯވަޅެއް އެޅިފައެވެ. މިއިން އެނގެނީ ރިއްސާއި ރަނުގެ ކަންވާރުތަކެއްގެ ތެރޭގައި ލާފައިވާ ހިރިގަލުގެ ފޮށްޓެއްގައި، ނަދުރުފުދޭ އެއްޗެއްގެ ގޮތުގައި އެ ފޮތި ރައްކާކުރުމުގެ ކުރިން، ގިނަ ދުވަސްތަކެއް ވަންދެން އިސް ފަރާތެއްގެ (ނުވަތަ ފަރާތްތަކެއްގެ) ފަށުފުލެއްގެ ގޮތުގައި ކަރުގައި އެޅުމަށް ބޭނުންކޮށްފައިވާ ކަމެވެ. އަދި މި ފައިސާފޮއްޗަށް އިހުތިރާމް ދިނުމުގެ ގޮތުން ހަވިއްތައިގައި ޖީލުތަކަކަށް ބެހެއްޓިފައިވާ ކަމެވެ. މި ފައިސާފޮތި ރާއްޖެއަށް އައިސްފައިވަނީ ސީދާ ރޫމީ އުޅަނދެއްގައި ކަމަށް ވުމަށްވުރެ، ދެކުނު އިންޑިއާގެ ބަނދަރުތައް މެދުވެރިވެގެން ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ.

ކޮންމެއަކަސް، މި ފައިސާފޮތި ފެނުމުން ސާބިތުވަނީ، މީލާދީގެ ކުރީކޮޅުގެ ގަރުނުތަކުގައި ވެސް މެޑިޓެރޭނިއަން ސަރަހައްދުން އުފެދުނު ތަކެތި ހިންދުކަނޑުގެ އެންމެ އެކަހެރި ޖަޒީރާ ރަށްތަކަށް ވެސް ފޯރާފައިވާ ކަމެވެ.މީލާދީން ފުރަތަމަ އަދި ދެވަނަ ޤަރުނުގެ މިފަދަ ރޫމީ ފައިސާފޮތިތަކެއް އަވައްޓެރި ލަކްޝަދީބުގެ ކަދަމަތު (ކަދްމަތު) ރަށުން ވެސް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މިއިން ބާރުއަޅައިދެނީ މި ޖަޒީރާތަކަކީ އެކަތި އަނެކައްޗާ ގުޅިފައިވާ ޗޭނެއްގެ ސިފައިގައި އޮތް ތަނެއް ކަމުގެ ތަސައްވުރަށެވެ.

މައި ނިޒާމެއްގެ ބޭރު ވިއުގައެއް

ދިވެހިރާއްޖެއަކީ ރޫމީ ކަނޑުދަތުރުފަތުރުގެ މައިގަނޑު މަންޒިލެއް ނޫނެވެ. ބޮޑެތި ބަނދަރުތަކުގެ ވަސީލަތްތަކެއް ނުވަތަ މެޑިޓެރޭނިއަންގެ ގިނަ އަދަދެއްގެ މުށި ކަންވާރުގެ ބައިތަކެއް ފެނިފައި ނުވި ނަމަވެސް، ރޯމަން ޒަމާނުގެ ފައިސާފޮތިތައް ރާއްޖޭގެ އެކި ހިސާބުތަކުން ވަނީ ފެނިފަ އެވެ. ރާއްޖޭގެ މުހިންމުކަން އޮތީ އޭގެ ހާއްސަ އުފެއްދުންތަކުގައެވެ. އެއީ ޗައިނާއިން ފެށިގެން ހުޅަނގު އެފްރިކާއާ ހަމައަށް ދައުރުވި ފައިސާއެއް ފޯރުކޮށްދިނުމާއި، ރޯމަނުންގެ އޮޑިފަހަރު އެކަތިގަނޑަކަށް ހިފަހައްޓައިދިނުމަށް ވަށައިދިން ވަރުގަދަ ވާ (ރޯނު) ފޯރުކޮށްދިނުމެވެ. އަދި އިރުމަތީ އެފްރިކާއާއި، އަރަބިކަރައާއި، އިންޑިއާ އަދި އިރުދެކުނު އޭޝިއާ ގުޅުވައިދިން މޫސުމީ ދަތުރުގެ މަގުތަކުގައި ރާއްޖެ އޮތީ އިސްތިރާތީޖީ (ސްޓްރެޓީޖިކް) ގޮތުން މުހިންމު މަގާމެއްގަ އެވެ.

އެހެންކަމުން، ތަމަޅަ ޅެންތަކުން ފެންނަ ޔާވަނާއިން (ގުރީކު ނުވަތަ ޔޫނާނީ ވިޔަފާރިވެރިން) އާއި، ދެކުނު އިންޑިއާގެ ޚަޒާނާތަކުން ފެންނަ ރޫމީ ފައިސާފޮތިތަކާއި، ޕޮމްޕޭއާ ހަމައަށް ދިޔަ ބޮލިތަކާއި، އަދި ތޮއްޑޫ ވެހެރުގެ ބިމުއަޑީގައި ވަޅުލެވިފައި އޮތް ދިނާރަކީ އެއް ގުޅުމަކުން ގުޅިފައިވާ ދެމިގެންވާ ނިޒާމެއްގެ ބައިތަކެކެވެ. އަމިއަނަސް އާއި ތިއޯފިލަސްގެ ލިޔުންތަކުގައިވާ ދީވީންނަކީ އެނގިފައިވާ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ބީރައްޓެހި އަޖައިބެއް ނޫނެވެ. އެބައިމީހުންނަކީ، ގަދީމީ ދުނިޔޭގެ އެންމެ ބޮޑު ކަނޑު ހުރަސްކޮށް، މެޑިޓެރޭނިއަން ސަރަޙައްދުން ރަނާއި، ހުޅަނގު ގަޓްސް ފަރުބަދަތަކުން އަސޭމިރުސް އުފުލި، އެކި ނަސްލުތައް އެކުލެވޭ ކަނޑުގެ ބޮޑު އިގުތިސާދުގެ ހަގީގީ ބައިވެރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭރު މީހުނާއި އެކުވުން، ދިވެހީންގެ ދިވެހިކަން ތަނަވަސްކުރުން

ދިވެހި ބިމުގެ ނަފާ ލިބެންޖެހޭނީ ހަމައެކަނި ދިވެހި މުސްލިމުންނަށް ކަމަށް ބައެއް މީހުން ދެކުނު ނަމަވެސް، އެހެން ދީންތަކުގެ މީހުންނާ އެކަހެރިވެގެން އުޅުމަކީ ދީނީ އަގީދާ ވަރުގަދަވާނެ ކަމެއް ނޫނެވެ. އިސްލާމްދީނަކީ ތަރައްޤީއަށް ބާރުއަޅާ، އެހެން މީހުން އެކަހެރިކުރުމަށް ވަކާލާތުކުރާ ދީނެއް ނޫންކަން ފާހަގަކޮށް، ދިވެހި ތާރީޚުގައިވެސް ބޭރުގެ އެކި ނަސްލުތަކުގެ މީހުން ދިވެހިންގެ ތެރޭގައި އުޅެފައިވާކަން މި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

Newsletter

Get the latest news delivered straight to your inbox