ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީން 50 އިންސައްތަ 2026 ވަނަ އަހަރުގެ ޖުލައި މަހު އުނިކުރުމަށް ސަރުކާރުން ނިންމި މައިގަނޑު ސަބަބަކީ، ސިނގިރޭޓުގެ އަގު ބޮޑުވުމުގެ ސަބަބުން ގާނޫނީ ގޮތުން އެތެރެކުރާ ތަކެއްޗާއި ވަގަށް އެތެރެކުރާ ތަކެތީގެ އަގުގެ ފަރަގު ބޮޑުވެ، ކަޅު ބާޒާރުގައި ވަގު ސިނގިރޭޓުގެ ވިޔަފާރި ފުޅާވުމަށް ފުރުސަތު ލިބިފައިވުމެވެ.
ޑިއުޓީގެ އޮނިގަނޑަށް މި ބަދަލު ގެނައީ އެ ގޮންޖެހުންތަކަށް ހައްލެއް ހޯދައި، ވަގު ވިޔަފާރީގެ ބަދަލުގައި ގާނޫނީ މާކެޓަށް މީހުން ރުޖޫއަވުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
މި ސިޔާސަތަށް އަމަލުކުރަން ފެށި ފަހުން މާކެޓަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް އަދަދު އިން ވަނީ ގްރޭޓާ މާލެ ސަރަހައްދުގެ ފިހާރަތަކުގެ ވިޔަފާރިވެރިންނާ ވާހަކަދައްކާފަ އެވެ.
ކުރިން ވަކި ނަމެއް ނެތް ވަގު ބްރޭންޑްތަކުގެ ސިނގިރޭޓު ވިއްކަން ބެހެއްޓި ނަމަވެސް، މިހާރު އެފަދަ ތަކެތި ސްޓޮކްގައި ހުންނަނީ ވަރަށް މަދުން ނުވަތަ މުޅިން ހުސްވެފައި ކަމަށް ގިނަ ވިޔަފާރިވެރިން ބުނެ އެވެ.
"ކުރިން އަޅުގަނޑުމެން ވަގު ބްރޭންޑްތައް ގިނައިން ވިއްކިން، އެކަމަކު މިހާރު އެ އެއްޗެހި ލިބޭކަށް ނުހުރޭ،" އެއް ރީޓެއިލަރަކު ބުންޏެވެ. "މިއީ މިހާރު އަތުގައި ހުރި އެންމެ ފަހު ސްޓޮކް. މީހުން މިހާރު ބަދަލުވަމުން ދަނީ ސައްހަ ބްރޭންޑްތަކަށް. މިހާރު ފިހާރައިގައި ބަހައްޓަނީ ހަމައެކަނި ބްރޭންޑުތައް."
ވިޔަފާރިވެރިންގެ ތަޖުރިބާއަށް ބަލާއިރު، ޑިއުޓީއަށް ގެނައި ބަދަލުގެ ސަބަބުން ގާނޫނީ އުސޫލުން އެތެރެކުރާ ތަކެއްޗާއި ވަގު ތަކެތީގެ އަގުގެ ފަރަގު ކުޑަވެ، ރަސްމީ މާކެޓަށް މަގުފަހިވެ، ހަމަހަމަ ވިޔަފާރީގެ މާހައުލެއް އުފެދުމަށް އެހީތެރިވެދޭކަން ފާހަގަކުރެވެ އެވެ. ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް މުހިންމު ދައުރެއް އަދާކުރަމުންދާއިރު، މި ސިޔާސަތުގެ ސަބަބުން ކުރިން ވަގު ވިޔަފާރި ކުރިއެރުމަށް މަގުފަހިވި މާކެޓުގެ ހާލަތްތަކަށް ވެސް ހައްލު ލިބެމުންދާކަން ފާހަގަކުރެވެ އެވެ.
މާކެޓުގައި ހަމަހަމަކަން ގާއިމުވުމުން އޭގެ ފައިދާ ފުޅާ ދާއިރާއެއްގައި ކުރާނެ އެވެ. ވަގު ތަކެއްޗާ އަޅާބަލާއިރު ގާނޫނީ އުސޫލުން އެތެރެކުރާ ތަކެތީގެ އަގު ވާދަވެރިވުމުން، ކަސްޓަމަރުން ރަސްމީ ވިޔަފާރިތަކުން ތަކެތި ގަތުމަށް އިސްކަންދޭނެ އެވެ. މީގެ ސަބަބުން އިގްތިސާދު ވަރުގަދަވެ، ގަވާއިދުން ވިޔަފާރިކުރާ ފަރާތްތަކަށް އެހީތެރިކަން ލިބި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމަށް މަގުފަހިވާނެ އެވެ. މީގެ އިތުރުން، ވަގު ވިޔަފާރިކުރާ ފަރާތްތަކަށް އޮތް ފުރުސަތުތައް ހަނިވުމުން، ކަމާބެހޭ އިދާރާތަކުން ކުރާ މޮނިޓަރިންގެ މަސައްކަތްތައް ވެސް އިތުރަށް ހަރުދަނާވެގެންދާނެ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަދުކޮށް، ދުންފަތުން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ވަނީ ފަސް އަހަރުގެ ކެމްޕޭނެއް ފަށާފަ އެވެ. އާ ޖީލުތަކަށް ދުންފަތް މަނާކުރުމުގެ ސިޔާސަތުން ޒުވާނުން ރައްކާތެރިކޮށްދޭއިރު، ދުންފަތް ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕްރޮގްރާމްތައް ވެސް ދަނީ ހިންގަމުންނެވެ. މި މަސައްކަތްތަކާއެކު، ވަގު ވިޔަފާރީގެ ނުފޫޒު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދެމެހެއްޓެނިވި އަދި ނަތީޖާ ނެރެވޭ ފަދަ ރެގިއުލޭޓަރީ އޮނިގަނޑެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ދުންފަތުގެ ޑިއުޓީއަށް ގެނައި ބަދަލުން މާކެޓުގައި ހަމަހަމަކަން ގާއިމުކުރުމަށް އެހީތެރިވެދީފި ހެއްޔެވެ؟
ބާޒާރުން ން މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު، މި ސިޔާސަތުގެ ސަބަބުން ވަގު ވިޔަފާރި މަދުވެ، ސައްހަ މާކެޓަށް މަޑުމަޑުން ބަދަލުވަމުންދާކަން ފާހަގަކުރެވެ އެވެ. ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޓެކްސްގެ ނިޒާމާއި، ގާނޫނު ތަންފީޒުކުރުމާއި، އަދި އާންމު ސިއްހަތުގެ ފިޔަވަޅުތައް އެކުއެކީގައި ކުރިއަށް ގެންގޮސް، މާކެޓުގެ ނަޒާހަތްތެރިކަމާއި އާންމު ސިއްހަތުގެ ދިގު މުއްދަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމެވެ.











