ފްރާންސްގެ އިންފްލުއެންސަރެއްގެ ހަށިގަނޑު އަންދާލާފައި އޮއްވާ ފެނިއްޖެ

Aug 25, 2026, 7:02 AM
ފޮޓޯ: އާރްޓީއެލް

ފޮޓޯ: އާރްޓީއެލް

ފްރާންސްގެ މަޝްހޫރު އިންފްލުއެންސަރަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި، ގަސްތުގައި މީހަކު މަރާލުމުގެ ތަހުގީގެއް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ފަށައިފި އެވެ.

ޓިކްޓޮކްގައި ލިޕް-ސިންކް ވީޑިއޯތަކުން މަގުބޫލުކަން ހޯދާފައިވާ ސޯނިއާ ބެލީނާގެ ހަށިގަނޑު، ފްރާންސްގެ ސެއިންޓް-ޖިލްސްގެ މޭބިސްކަދުރު ބަގީޗާއެއްގެ ތެރޭގައި "ބައެއް ބައިތައް އަންދާލާފައި" އޮއްވާ ފެނުނުތާ ހަފުތާއެއް ފަހުން، މި މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ނީމްސް ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އޮގަސްޓް 19 ވަނަ ދުވަހު ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ، ނީމްސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޔުނިޓުގެ ތަހުގީގު ކުރާ ފަރާތްތަކުން އެ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ފުލުހުންގެ ބަންދަށް ބަދަލުކުރީ، މި ހާދިސާއާ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން އެ މީހުންގެ ބައިވެރިވުމެއް އޮތްކަމަށް ބެލެވޭ ހެކިތަކެއް ލިބިފައިވާތީ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް، އޮގަސްޓް 20 ވަނަ ދުވަހު ޕްރޮސެކިއުޓާގެ އޮފީހުން ހާމަކުރި ގޮތުގައި، ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ދޫކޮށްލާފަ އެވެ. އެއީ މި ހާދިސާގައި އެ މީހާގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް އެއްކުރެވުނު ހެކިތަކުން ސާބިތު ނުކުރެވޭތީ ކަމަށް އެ އޮފީހުން ބުނެ އެވެ.

އެހެންނަމަވެސް، ދެވަނަ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށް، އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ޕްރޮސެކިއުޓާގެ އޮފީހުން އިތުރަށް މައުލޫމާތު ދެއެވެ.

އޮގަސްޓް 12 ވަނަ ދުވަހު ބެލީނާގެ ހަށިގަނޑު ފެނުމާއެކު، މީހަކު މަރާލުމުގެ ތަހުގީގެއް ވަގުތުން ފަށާފައިވާ ކަމަށާއި، އޮގަސްޓް 13 ވަނަ ދުވަހު އޮޓޮޕްސީ ނުވަތަ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ޕްރޮސެކިއުޓާގެ އޮފީހުން ކުރިން އިއުލާނުކުރި އެވެ. ނަމަވެސް އެ ތަހުގީގުގެ ނަތީޖާ މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

މި ހާދިސާއާ ގުޅިގެން، ބެލީނާގެ ކޮއްކޮ ކަމަށް ބުނާ އަންހެނަކު ބުނެފައިވަނީ، އޮގަސްޓް 10 ވަނަ ދުވަހުން ފެށިގެން ބެލީނާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.

އޮގަސްޓް 17 ވަނަ ދުވަހު ޓިކްޓޮކް ލައިވްއެއްގައި އޭނާ ބުނި ގޮތުގައި، ބެލީނާ އެ ރޭ ބޭރަށް ދަނީ ކަމަށް ބުނި ނަމަވެސް، އޭގެ ފަހުން އޭނާ އެނބުރި ގެއަކަށް ނާދެ އެވެ. އަދި ބުދަ ދުވަހުގެ ހެނދުނު ސެއިންޓް-ޖިލްސް އިން އޭނާގެ ހަށިގަނޑު ފެނުނު ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން، މި މަރުގެ ތަހުގީގު ކުރިއަށްދާއިރު ބައެއް މީހުންގެ ފަރާތުން އާއިލާއަށް ކުރިމަތިވަމުންދާ އިހާނެތި ބަސްތަކުގެ ވާހަކަ ހިއްސާކުރަމުން އޭނާ ބުނީ، ބެލީނާއަށް ވީގޮތަކީ އޭނާއަށް ހައްގު މިންވަރު ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށެވެ.

އިންޓަނެޓްގައި އާންމުން ކުރަމުންދާ މިފަދަ ކޮމެންޓްތަކާ ގުޅިގެން، ބެލީނާގެ އާއިލާގެ ވަކީލު މުރާދު ބާތިކް ވިދާޅުވީ، އެފަދަ އެއްވެސް އަމަލަކަށް ދޫނުދެއްވާނެ ކަމަށާއި، މި ދަނޑިވަޅުގައި އާއިލާގެ ޒާތީ މިނިވަންކަމަށް އިހުތިރާމް ކުރުމަށް އެދޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox