އާޖެންޓީނާ-އިންގްލެންޑް މެޗު ބަލާއިރު އަޑުގަދަ ނުކުރަން ފުލުހުން އިލްތިމާސްކޮށްފި

Jul 15, 2026, 5:40 PM
އާޖެންޓީނާ ސަޕޯޓަރެއް މާލޭގައި މެޗު ބަލަނީ: ރާއްޖޭގައި އެންމެ ގިނައީ އާޖެންޓީނާ ސަޕޯޓަރުން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

އާޖެންޓީނާ ސަޕޯޓަރެއް މާލޭގައި މެޗު ބަލަނީ: ރާއްޖޭގައި އެންމެ ގިނައީ އާޖެންޓީނާ ސަޕޯޓަރުން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި މިރޭ އާޖެންޓީނާ އާއި އިންގްލެންޑް ކުޅޭ މެޗު ބަލާއިރު އަޑުގަދަ ނުކުރަން ފުލުހުން އިލްތިމާސްކޮށްފި އެވެ. 

އެމެރިކާގެ އެޓްލާންޓާ ސިޓީގައި މިރޭ އާޖެންޓީނާ އާއި އިންގްލެންޑު ބައްދަލު ކުރާ މެޗު އޮންނާނީ ދަންވަރު 12:00 ޖަހާއިރު އެވެ. ދިވެހި އަދި ރާއްޖޭގައި ދިރިއުޅޭ ވަރަށް ގިނަ ބިދޭސީން އާޖެންޓީނާއަށް ސަޕޯޓު ކުރެ އެވެ. 

މެޗުގެ ކުރިން ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިރޭގެ މެޗު ކުރިއަށްދާއިރު އަދި މެޗުގެ ފަހުން އުފާ ފާޅު ކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހްތިރާމް ކުރަން އިލްތިމާސް ކުރާ ކަމަށެވެ. 

"މިރޭ އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރަން،" ފުލުހުން ބުނެފައިވެ އެވެ. 

"ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދެން."

އޭގެ އިތުރުން، މަގުތަކުގައި ހަރުކޮށްފައި ހުރި ސްކްރީންތައް ކައިރި މެޗު ބަލާއިރު އެހެން މީހުންނަށް ދަތިވާ ގޮތަށް ސައިކަލުތަކުގައި ނުތިބުމަށް ވެސް ފުލުހުން އެދެ އެވެ. އަދި މެޗު ނިމުމުން ސައިކަލު ބުރު ނުޖެހުމަށް ވެސް ފުލުހުން އިލްތިމާސް ކުރެ އެވެ. 

"އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ދަންނަވަން،" ފުލުހުން ބުނެފައިވެ އެވެ. 

މިރޭ މި ކުޅެނީ ސެމީ ފައިނަލުގެ ދެ ވަނަ މެޗެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ސްޕެއިން އާއި ފްރާންސް ބައްދަލު ކުރި މެޗު 2-0 އަކުން ކާމިޔާބު ކުރީ ސްޕެއިން އެވެ. މިރޭގެ މެޗުން މޮޅުވާ ބަޔަކު ސްޕެއިންއާއެކު ފައިނަލް މެޗު ކުޅޭނީ ޖުލައި 20، ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox