ލާމަރުކަޒީ އިދާރީ ދާއިރާތައް ވަނީ މާލީ ބާރުވެރިކަމަށް ތައްޔާރުވެފަތޯ؟

މާލީ ލިޔެކިއުންތަކާއި އިދާރީ ރޭވުމުގެ ލިޔުންތައް

މާލީ ލިޔެކިއުންތަކާއި އިދާރީ ރޭވުމުގެ ލިޔުންތައް

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ނުހަނު މުހިންމު އަދި މިހާރު ވެސް އަޅުގަނޑުމެންގެ ގާނޫނުއަސާސީގެ ހަމަތަކުން އިދާރީ ހިންގުމުގެ އަސާސީ ބައެކެވެ. ޒަމާނުއްސުރެ ރާއްޖޭގެ އެކި ރަށްރަށަކީ މަސައްކަތްތެރިކަމާއި، އިގުތިސާދީ އަދި އިޖުތިމާއީ ހާލަތުގެ ގޮތުން ތަފާތުތަކެއް ހުރި އާބާދީތަކެކެވެ.

މި ފަދަ ޖަޒީރާތަކުގެ އިދާރީ ނިންމުންތައް މާލޭގައި އެކަނި ނިންމަމުންދާނަމަ، ރަށްރަށުގެ ރައްޔިތުން އިސްކަންދޭ ކަންކަމަށް އަމަލީ ސިފައެއް ނުމެ އަންނާނެ އެވެ. 2008 ވަނަ އަހަރުގެ ގާނޫނުއަސާސީގައި މި ހަގީގަތް ވަނީ ގަބޫލުކޮށްފަ އެވެ.

އެގޮތުން ގާނޫނުއަސާސީގެ މާއްދާ 230 އިން 235 އަށް އިދާރީދާއިރާތައް ކަނޑައެޅުމާއި، ލާމަރުކަޒީ އިދާރީ ހިންގުމާއި، ޑިމޮކްރެޓިކް ހަމަތަކުން އިންތިހާބުކުރެވޭ ކައުންސިލްތަކާއި، މުޖުތަމައު ތަރައްގީކުރުމުގެ މަސްއޫލިއްޔަތުތަކުގެ އިތުރުން، ދައުލަތުގެ މާލިއްޔާތުން ހަރަދުކުރުމާއި، އަމިއްލަ އާމްދަނީ ހޯދުމާއި، މިލްކިއްޔާތު ހޯދުމާއި ދަރަންޏަށް މުއާމަލާތްކުރުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފަ އެވެ. އަދި ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އިން މި ހަމަތައް ތަންފީޒުކުރާނެ ގޮތް ވަނީ ބަޔާންކޮށްފަ އެވެ.

Advertisement

ނަމަވެސް، ގާނޫނުގައި ކަނޑައެޅިފައިވާ މާލީ ބާރުތައް ލާމަރުކަޒުކުރުމަށް އިދާރާތައް ތައްޔާރުވުމުގައި އެކަށީގެންވާ އިދާރީ ކޮންޓްރޯލްތަކާއި، ފަންނީ ގާބިލުކަމާއި، ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ހަމަތައް ތަންފީޒުނުކޮށް، މާލީ އަމިއްލަވެރިކަމާއި ޒިންމާތައް ފުޅާކުރުމަކީ، ލާމަރުކަޒީ މާލީ ބާރުވެރިކަން ގާއިމުވުމުގެ އުންމީދު ފަނޑުވެ، މާލީ ނިކަމެތިކަން ކައުންސިލްތަކުގެ މެދުގައި ފެތުރިގެންދާނެ ކަމެކެވެ.

މާލީ ލާމަރުކަޒީކުރުމަކީ ހަމައެކަނި ފައިސާ ފޮނުވުމެއް ނޫން

މާލީ ގޮތުން ލާމަރުކަޒުކުރުމަކީ ކައުންސިލްތަކަށް އަހަރުން އަހަރަށް ދައުލަތުގެ ބަޖެޓުން ފައިސާ ފޮނުވައި، އެ ފައިސާއިން ހަރަދުކުރި ގޮތް ބެލުމުގެ ބަދަލުގައި، ކައުންސިލްތަކުގެ އަހަރީ ބަޖެޓު ބޮޑުކުރުން ނުވަތަ އިތުރު އާމްދަނީ އެއްކުރުމުގެ ފުރުސަތު އިންތިހާއަށް ދިނުން ކަމުގައި ބައެއް ފަރާތްތަކުން ސިފަކުރެ އެވެ.

ނަމަވެސް، ހަގީގަތުގައި މީގައި ބޭނުންވަނީ ރޭވުންތެރި މަސައްކަތްތަކާއި، ހަރަދުކުރުމުގެ ޒިންމާއާއި މަސްއޫލިއްޔަތުތަކާއި، އާމްދަނީއާއި، އަދި މައި ސަރުކާރާއި ރައްޔިތުންނަށް ޖަވާބުދާރީވުން ގުޅިފައިވާ ހަރުދަނާ ނިޒާމެކެވެ. ހިދުމަތަކަށް މަސްއޫލުވާ ދައުލަތުގެ އިދާރާއެއްގައި އެކަން ކުރުމަށް އެކަށީގެންވާ ވަސީލަތްތަކާއި އިހުތިޔާރު ހުންނަންޖެހެ އެވެ. ހަމައެހެންމެ، އެ ވަސީލަތްތަކަށާއި ހާސިލުކުރެވުނު ނަތީޖާއަށް ޖަވާބުދާރީވުމުގެ ގާބިލުކަން ވެސް އެ އިދާރާތަކުގައި އަށަގަންނުވަންޖެހެ އެވެ.

އާންމު މާލިއްޔާތުގެ ދިރާސާވެރި މާހިރެއް ކަމަށްވާ ޑރ. އަންވަރު ޝާހްގެ މަސައްކަތްޕުޅުތަކުން މިކަމަށް ބޭނުންތެރި މިންގަނޑެއް ލިބިގެންދެ އެވެ. ލާމަރުކަޒީ އިދާރީ ވެރިކަމާ މެދު ޑރ. ޝާހް ގެ ދިރާސާތަކަށްފަހު ބަޔާންކުރައްވަނީ، އެ ނިޒާމަކީ ރައްޔިތުންގެ އެދުންތަކަށް އިޖާބަދޭ، ދައުލަތުގެ ވަސީލަތްތައް ބެލެހެއްޓުމުގައި ޒިންމާދާރު، އަދި ނަތީޖާއަށް ޖަވާބުދާރީވާ އިދާރީ ހިންގުމެއް ކަމަށެވެ. އެހެންކަމުން، ޒިންމާދާރު އަދި ޖަވާބުދާރީވެނިވި މާހައުލެއް ނެތި އާމްދަނީއާއި ހަރަދު ތަންފީޒުކުރާ މާލީ ލާމަރުކަޒީ ހަމަތަކަށް ބައިނަލްއަގުވާމީ މިންގަނޑުތަކުން ތާއީދެއް ނުކުރެ އެވެ. އެ ހަމަތަކުން އެނގެނީ ބާރާއި، ވަސީލަތްތަކާއި، އިދާރީ ގާބިލުކަމާއި، ޖަވާބުދާރީވުން ކުރިއަރަންޖެހޭނީ އެކުއެކީގައި ކަމެވެ.

މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހިންގުމުގައި ވެސް އެންމެ ބޭނުންވާ އަސާސީ ސިފަ އެވެ. ކައުންސިލަކަށް އިތުރު އާމްދަނީ ނުވަތަ ހަރަދުކުރުމުގެ ބާރުތައް ލިބިދާނެ އެވެ. ނަމަވެސް މާނަވީ މާލީ ގާބިލުކަމެއް އުފެދޭނީ ތަރައްގީގެ ރޭވުމާއި، ބަޖެޓުކުރުމާއި، އާމްދަނީ ލަފާކުރުމާއި، ޕްރޮކިއުރމަންޓާއި، އެކައުންޓިންނާއި، ކޭޝް މެނޭޖްމަންޓާއި، ކޮންޓްރެކްޓް ބެލެހެއްޓުމާއި، މުދާ ބެލެހެއްޓުމާއި، މާލީ ރިޕޯޓްކުރުމާއި، އެތެރޭގެ ކޮންޓްރޯލްތަކާއި، އޮޑިޓްކުރުމާއި، އޮޑިޓް ފާހަގަކުރާ ކަންކަމަށް ފިޔަވަޅުއަޅައިގެންނެވެ. މި ނިޒާމުތަކާ ނުލައި އިތުރު މާލީ ބާރުތައް ދިނުމަކީ ހިދުމަތްތައް ރަނގަޅުވުމުގެ ބަދަލުގައި ކައުންސިލްތަކަށް ކުރިމަތިވާ މާލީ ނުރައްކާތައް އިތުރުވެގެންދާނެ ކަމެކެވެ.

ގާނޫނަކުން އެކަނި މުއައްސަސާތަކެއް ނުއުފެއްދޭނެ

ލާމަރުކަޒީކުރުމުގެ މަގުސަދަކީ ވެރިކަން ރައްޔިތުންނާ ގާތަށް ގެނައުމެވެ. އެކަން ހަމައެކަނި ރަށެއްގައި ކައުންސިލް އިދާރާއެއް ބަހައްޓައިގެން ހާސިލެއް ނުކުރެވޭނެ އެވެ. އަޅުގަނޑުމެންގެ އިދާރީ ހިންގުމުގައި ހުރި އެއް ނިކަމެތިކަމަކީ، ގާނޫނަކުން މުއައްސަސާއެއް އުފެއްދުމުން މުއައްސަސާގެ ގާބިލުކަން އުފެދުނީ ކަމަށް ހީކުރުމުގެ އާދަ އެވެ. ރައްޔިތުންގެ މަޖިލީހަށް ގާނޫނެއް މެދުވެރިކޮށް ކައުންސިލެއް، އޮތޯރިޓީއެއް ނުވަތަ ކޮމިޝަނެއް އުފެއްދިދާނެ އެވެ.

ސަރުކާރަށް އޮފީހެއް އިމާރާތްކޮށް މުވައްޒަފުން ނެގިދާނެ އެވެ. ނަމަވެސް ގާބިލު އާންމު ހިދުމަތްތެރިއަކު ތަރައްގީވުމަށް އަހަރުތަކެއް ނަގައެވެ. ހަރުދަނާ މުއައްސަސާއަކަށް ބޭނުންވަނީ ފަންނީ މައުލޫމާތާއި، އިތުބާރުހުރި އިޖުރާއަތްތަކާއި، މައުލޫމާތު ދައުރުކުރުމުގެ ނިޒާމުތަކާއި، އެތެރޭގެ ކޮންޓްރޯލްތަކާއި ޖަވާބުދާރީވުމަށް އަހުލުވެރި ފަންނީ އިންސާނީ ވަސީލަތެވެ.

އެހެންކަމުން ކައުންސިލްތަކަށް އިންތިހާބީ މަންދޫބުންގެ މަސައްކަތް ފުރިހަމަވާނީ، އިދާރީ އަދި މާލި ހިންގުމުގެ ގާނޫނު ދަންނަ އިދާރީ ހިންގުންތެރިންނާއި، އިތުބާރު ހުރި މާލީ ބަޔާންތައް ތައްޔާރުކުރެވޭނެ ހިސާބުބެލެހެއްޓުމުގެ ފަންނުވެރިންނާއި، ވާދަވެރި މާހައުލެއްގައި ހާމަކަންބޮޑު ތެދުވެރި އުސޫލަކުން ޕްރޮކިއުރމަންޓް ކުރިއަށްގެންދެވޭނެ މުވައްޒަފުންނާއި، ކޮންޓްރެކްޓްތަކާއި މުދާ ބެލެހެއްޓުމުގެ ގާބިލުކަން ހުރި އޮފިސަރުންނާއި، ތަރައްގީގެ އިސްކަންދޭ ކަންކަން ހަގީގީ ބަޖެޓުތަކާ ގުޅުވާލެވޭނެ ޕްލޭނަރުން ތިބެގެންނެވެ.

ލޯކަލް ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓާ ބެހޭގޮތުން ޑރ. ޝާހް ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގައި އިންޒާރު ކުރައްވަނީ، ލޯކަލް މާލީ ނިޒާމުތައް ވަރުގަދަ ނުކޮށް އިތުރު މަސްއޫލިއްޔަތުތަކާއި ވަސީލަތްތައް ލާމަރުކަޒީކުރުމަކީ މާލީ ހަމަތައް ވަޒަނުންނެއްޓި، ޖަވާބުދާރީވުން ނިކަމެތިވެ، ސިޔާސީ ނުފޫޒުގެ މައްޗަށް ފުރިހަމަ އިދާރީ ހިދުމަތް ދިނުން ދަށަށްދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އެ އިންޒާރަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ހާލަތަށް ވިސްނާއިރު ވަރަށް މުހިންމު އިންޒާރެކެވެ.

ޖަވާބުދާރީވުމުގެ ދައުރު ފުރިހަމައެއް ނުވޭ

ކައުންސިލަރުން ސިޔާސީ އުސޫލުން އިންތިހާބުވެގެން އައިނަމަވެސް، ލާމަރުކަޒީ މާލީ ނިޒާމެއް ހިނގަންވާނީ މެދުކެނޑުމެއްނެތި ވަށާޖެހެމުން އަންނަ އިދާރީ ހަމައެއްގެ ތެރެއިންނެވެ؛ ތަރައްގީގެ ޕްލޭން، އަހަރީ ޕްލޭން، ބަޖެޓު، ހަރަދު، އެކައުންޓްތައް، މިނިވަން އޮޑިޓް، ޝާއިއުކުރުން، ރައްޔިތުންނާއެކު މަޝްވަރާކުރުން، އިސްލާހު ފިޔަވަޅު އެޅުން، އަދި އެއަށްފަހު ޖެހިގެން އަންނަ ޕްލޭނިން އަދި ބަޖެޓުކުރުމުގެ ދައުރެވެ.

ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑުން ކައުންސިލްތަކަށް މާލީ، ޕްލޭނިންގ އަދި ރިޕޯޓްކުރުމުގެ މަސްއޫލިއްޔަތުތައް މަތިކުރެއެވެ. ދައުލަތުގެ މާލިއްޔާތާއި އޮޑިޓް ގާނޫނުންވެސް ދައުލަތުގެ ވަސީލަތްތައް ބެލެހެއްޓުމުގައި ކޮންމެ އަހަރެއްގެ ނިޔަލަށް ނިންމަންޖެހޭ މިނިވަން އޮޑިޓްގެ ދައުރު އަސާސީ ކަމެއްގެ ގޮތުގައި ކަނޑައަޅަ އެވެ.

ނަމަވެސް، މިހާރު ލިބެންހުރި ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތަކުން ފެންނަ ގޮތުގައި، ގާނޫނުގައި ކަނޑައަޅާ މުއްދަތާއި އޮޑިޓް ނިންމާ ހާމަކުރުމާ ދެމެދު ގިނަ ދުވަސްތަކެއް ހޭދަވެ އެވެ. ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ގްރާންޓެއް އޮންނަ މާލޭ ސިޓީ ކައުންސިލް ފަދަ ބައެއް ބޮޑެތި ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓު 2019 ވަނަ އަހަރުގެ ފަހުން ނިންމާފައި ނެތްއިރު، ބައެއް ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތައް ހާމަކުރަނީ މާލީ އަހަރުގެ ފަހުން ދެތިން އަހަރު ހޭދަވާ ފަހުންނެވެ.

ކުދި ބޮޑު ކައުންސިލްތަކުގެ ބިންތަކާއި ވަސީލަތްތައް ދިގުމުއްދަތަށް ކުއްޔަށްދިނުމާއި، ހަރުމުދަލުގެ މުއާމަލާތްތަކާއި، ފާސްކުރާ ބަޖެޓާއި، ޕްލޭންތަކާއި، އަހަރީ ހަރަދުގެ ތަފްސީލާއި، އަހަރު ނިމިގެން ކުރަންޖެހޭ އޮޑިޓްތައް ރައްޔިތުންނަށް ހާމަކޮށް މަޝްވަރާ ނުހޯދާނަމަ، ޑިމޮކްރެޓިކް، ޖަވާބުދާރީވަނިވި މާހައުލެއްގެ އުންމީދުގައި ދޫކުރެވޭ މާލީ ބާރަކުން ރައްޔިތުންނަށް ލިބޭނެ އިންސާފެއް ނޯންނާނެ އެވެ.

ހާއްސަކޮށް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލްތަކުން ވޭތުވެދިޔަ އަހަރުގެ އޮޑިޓާ މެދު ރައްޔިތުންނާއެކު މަޝްވަރާކުރުމުގެ ފުރުސަތު ގެއްލި، ރައްޔިތުންގެ ބިމާއި މުދަލާއި ފައިސާއިން ކުރި ބޭނުމެއް ރައްޔިތުންނަށް އަންގައެއް ނުދެވޭނެ އެވެ. އަހަރީ އޮޑިޓް އަހަރަކު އެއްފަހަރު ނުލިބޭނަމަ، މާލީ ބާރާއި ރައްޔިތުންގެ ޖަވާބުދާރީވުން ގުޅުވައިދިނުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ މުހިންމު އިދާރީ ހިއްސު ހުއްޓުނީ އެވެ.

ހައްލަކީ އަލުން މަރުކަޒީކުރުމެއް ނޫނެވެ؛ ހައްލަކީ އިންސާނީ ފަންނީ ގާބިލިއްޔަތު އިތުރުކުރުން

ކައުންސިލް ފެންވަރުގައި މުއައްސަސާގެ ގާބިލުކަން ކުޑަވުމަކީ ކޮންމެ ނިންމުމެއް އަލުން މާލެއަށް ބަދަލުކުރުމަށް ދެއްކޭނެ ބަހަނާއެއް ނޫނެވެ. ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒު ކުރުމަށް ގާނޫނުއަސާސީގައި ކަނޑައަޅައި، އެކަމުގެ އިޖުރާއަތްތައް ބަޔާންކޮށް ގާނޫނެއް ވަނީ ވުޖޫދުވެފަ އެވެ.

ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ލާމަރުކަޒީ ހަޔާތުގައި މި ރާއްޖޭގެ ރަށްތަކުގެ މުނިސިޕަލް ހިންގުމުގައި ޖަވާބުދާރީވުމާއި، މާލީ އިންތިޒާމު އެކަށަހެޅުމާއި، ބިންބިމާއި މުދަލާއި ވަސީލަތްތަކަށް ޒިންމާދާރުވުމުގައި ގާނޫނުގައި ކަނޑައަޅައި ރައްޔިތުންނަށް ދައްކާފައިވާ މަގުން މިވަނީ ކަޝިޔާރުވެފަ އެވެ.

މިފަދަ ހާލަތްތަކުގައި ސިޔާސީގޮތުން ބޯހަރު، ދައުލަތުގެ އިދާރީ ހިންގުމަށް ބީރަށްޓެހި ވެރިކަންތަކުން މަސައްކަތްކުރާނީ، މި އިދާރީ ނާކާމިޔާބީ އެއީ ހުއްޖަތަކަށް ދައްކައި ގާނޫނުތައް ބަދަލުކޮށްގެން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ހަނިކުރުމަށެވެ. މިކަމަށް އޮތް ހައްލަކީ ހަގީގީ ލާމަރުކަޒީކުރުމަށް ބޭނުންވާ މުއައްސަސާތަކަށް ލިބޭ ބާރުތައް ތަންފީޒުކުރެވޭނެ އިންސާނީ ތަރައްގީ ގާއިމުކުރުމެވެ.

ކައުންސިލެއްގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އަހަރީ މާލީ ބަޔާންތަކާއި އަހަރީ އޮޑިޓްތަކަކީ ހަގީގަތުގައި ވެސް އަހަރަކު އެއްފަހަރު ނެރެވޭ އެއްޗަކަށް ހަދަންޖެހެ އެވެ. ގާނޫނީ ހަމަތަކަށް ބަލާއިރު، ކައުންސިލްތަކުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓަރުންނަށް އިންތިޒާރުކުރާކަށް ނުޖެހެ އެވެ. އެ ކައުންސިލެއްގެ ވަސީލަތުން ސަނަދުވެރި މިނިވަން އޮޑިޓަރުން ލައްވައި އަހަރަކު އެއްފަހަރު އޮޑިޓްކުރުމަށް ގާނޫނުން މަނައެއް ނުކުރެ އެވެ. އަދި ތަރައްގީގެ ޕްލޭންތަކާއި، ބަޖެޓުތަކާއި، މާލީ ބަޔާންތަކާއި، އޮޑިޓް ރިޕޯޓްތަކާއި، އިސްލާހީ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ތަކެއްޗަށް ހެދުމަކީ އުނދަގޫ ކަމެއްވެސް ނޫނެވެ.

ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ދެމިއޮތުން އޮތީ އިންތިހާބީ ކައުންސިލަރުންގެ އަތްމަތީގައި

ދިވެހިރާއްޖެއަކީ ޖިއޮގްރަފިކަލީ އޮތްގޮތުން ވެސް ކަނޑު ހުރަސްކޮށް ގުދުރަތީ ދާއިރާތަކެއް ކަނޑައެޅި، އެ ދާއިރާތައް ހިންގުމަށް ލާމަރުކަޒީ އިދާރީ އިންތިޒާމަކަށް އެންމެ ފައްކާ ގައުމަށް ވެދާނެ އެވެ. ނަމަވެސް އެކަށީގެންވާ ވަސީލަތްތަކާ ނުލައި ދެވޭ ބާރުގެ ސަބަބުން، އެ ކައުންސިލެއްގެ ރޭވުންތެރިކަމާއި ހިކުމަތްތެރިކަން އިސްކޮށްގެން ވަސީލަތް ހޯދުމުގެ ފެންވަރު ނެތްނަމަ، ބާރުގަދަ ފަރާތްތަކަށް ބަރޯސާވުން އުފެދެ އެވެ.

އިދާރީ ގާބިލުކަމާ ނުލައި ދެވޭ ބާރާއި ވަސީލަތްތަކުން މާލީ ނުރައްކާތައް އުފެދެ އެވެ. ޖަވާބުދާރީވުމެއް ނެތް ހާލަތެއް އުފައްދައިގެން އަމިއްލަ ނިންމުންތައް ނިންމުމުގެ އާދަ އޮތް ވެރިކަމަކުން، ރައްޔިތުންގެ ވަސީލަތްތައް ނުހަމައިން ބޭނުންކުރުމުގެ ފުރުސަތުތައް އުފެދެ އެވެ. އަދި އެކަށީގެންވާ ވަގުތުގައި މައުލޫމާތު ނުލިބޭ ލާމަރުކަޒީކުރުމަކުން، ރައްޔިތުން ބާރުވެރިކުރުމަށް ހެދިފައިވާ ނިޒާމުގެ ބޭރުގައި ރައްޔިތުން ބޭތިއްބި އެވެ.

ލާމަރުކަޒީ ކުރުމާ އިދިކޮޅު ވިސްނުން ހުންނަ ސިޔާސީވެރިންނަށް ރަށްރަށުގެ ބިންތަކާއި، ވަސީލަތްތަކާއި، އަދި އިދާރީ ބާރުތައް ހަނިކުރުމުގެ ހިތްވަރު ހޯދަނީ، އިންތިހާބީ ކައުންސިލަރުންނާއި، ރަށްރަށުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުންގެ، ލާމަރުކަޒީ އިދާރީ ހިންގުމަށް ބީރަށްޓެހި ނިންމުންތައް ގިނަވުން އެއީ އުޒުރެއް ކަމަށް ދައްކައިގެންނެވެ.

އެހެންކަމުން ރަނގަޅު މިސްރާބަކީ ލާމަރުކަޒީ ހަމަތައް ދޫކޮށްލުމެއް ނޫނެވެ. ނަމަވެސް އެކަން ތަރުތީބުން ކުރިއަށްގެންދިއުމެވެ: ސާފު މަސްއޫލިއްޔަތުތައް، ގާބިލު އިދާރީ ހިންގުންތެރިން، ހަރުދަނާ މާލީ ނިޒާމުތައް، އެތެރޭގެ ރަނގަޅު ކޮންޓްރޯލްތައް، އަހަރީ ރިޕޯޓްކުރުމާއި އޮޑިޓް، މާނަވީ އާންމު ޖަވާބުދާރީވުން، އަދި އެއަށްފަހު އިތުރުވާ މާލީ އަމިއްލަވެރިކަމެވެ.

މިކަން ޒިންމާދާރުކަމާއެކު ކުރުމުގެ ގާބިލުކަން ހުރި މުއައްސަސާތައް ބިނާކުރުމުގެ ކުރިން، އަދި އެކަށީގެންވާ މޮނިޓަރިންގ ގާބިލުކަމެއް ލޯކަލް ގަވަރމެންޓް އޮތޯރިޓީގައި ނެތި، ކައުންސިލްތަކަށް މާލީ ބާރުތައް ދީފައި އޮތުމުން، ލާމަރުކަޒީ ކުރެވޭނީ ރަނގަޅު ވެރިކަމެއް ނޫނެވެ. އަޅުގަނޑުމެންނަށް ހަމައެކަނި ލާމަރުކަޒީ ކުރެވޭނީ އިދާރީ ނިކަމެތިކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox