ހުވަދު އަތޮޅުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ދީ، ޖިންސީ ގޯނާކުރި ބިރުވެރި ހާދިސާ އާއި، އެ މައްސަލައިގެ ތެރެއިން ފަޅާއެރި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ ސަބަބުން މުޅި ރާއްޖެއަށް ވަނީ ސިހުމެއް ލިބިފަ އެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުން މިހާތަނަށް ވަނީ ނުވަ މީހަކު ހައްޔަރުކޮށްފަ އެވެ. މި ޖަރީމާގެ ރަހުމްކުޑަކަމާ ހެދި ބައެއް މީހުން ނުރުހުން ފާޅުކޮށްފައިވާ އިރު، ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން މިކަމާ ގުޅިގެން އުފެދުނު ބަހުސްތަކުން ވަނީ އިތުރު މައްސަލައެއް ފާހަގަވެފަ އެވެ.
އެއީ ކުށް ކުރި މީހުން ކުށްވެރިކުރުމުގެ ބަދަލުގައި، އަނިޔާ ލިބުނު މީހާ ކުށްވެރިކުރުމާއި އަންހެނުންނަށް ނިކަމެތިކޮށް ހިތުމުގެ ނުރައްކާތެރި އޮއިވަރެއްގެ ނިޝާނެވެ.
މި ޖަރީމާ ހިންގި މީހުން ޒިންމާދާރުކުރުވުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ސޯޝަލް މީޑިއާގައި ބައެއް މީހުން މަސައްކަތް ކުރީ އަނިޔާ ލިބުނު މީހުންގެ އުޅުމާއި، މާޒީ އާއި، އަދި އެމީހުންގެ އަހުލާގާ މެދު ސުވާލު އުފައްދައި ފާޑުކިޔުމަށެވެ.
ހަބަރު ފަތުރާ ވަސީލަތްތަކުގެ ކޮމެންޓް ސެކްޝަންތަކުން ފެނިގެންދިޔައީ އިހާނެތި ބަސްތަކެވެ. ބައެއް މީހުން ވަނީ އަނިޔާ ލިބުނު މީހުންނަކީ "އަންހެނުންނަށް ހުރި ހުތުރެއް" ކަމަށް ބުނެ ބަހުގެ ހަމަލާތައް އަމާޒުކޮށްފަ އެވެ.
އިންޓަނެޓްގައި ފެތުރެމުންދާ މިފަދަ ހިޔާލުތަކަކީ ޖިންސީ އަނިޔާއާ ގުޅޭ ގޮތުން މުޖުތަމައުގައި ހުންނަ ކުށްހީތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ. ޖިންސީ އަނިޔާއަކީ ހަމައެކަނި އެކަން ކުރާ މީހާގެ އިހުތިޔާރުގައި ހިންގާ ޖަރީމާއެއްކަން ގަބޫލުކުރުމުގެ ބަދަލުގައި، އޮންލައިން ކޮމެންޓްތަކުގައި މަސައްކަތް ކުރަނީ އެކަމުގެ ޒިންމާ އަނިޔާ ލިބުނު މީހާގެ ބޮލުގައި އެޅުވުމަށެވެ.
މިގޮތުން ކޮމެންޓް ކުރާ މީހުން ބަލާފައިވާ ބައެއް ކަންކަމުގެ ތެރޭގައި އަނިޔާ ލިބުނު މީހާ އެ ވަގުތު އެ ތަނުގައި ހުރި ސަބަބާ މެދު ސުވާލު އުފެއްދުމާއި އަނިޔާ ލިބުނު މީހާގެ ހެދުން އެޅުމާއި އުޅުން ހުރި ގޮތަކީ އެކަމަށް މަގުފަހިވި ކަމެއް ކަމަށް ދެއްކުން ހިމެނެ އެވެ.
އޭގެ އިތުރުން ކުށްކުރި މީހުންނަކީ އަނިޔާ ލިބުނު މީހާ ދަންނަ ބަޔަކަށްވުން އެކަށީގެންވާ ކަމަށް ބުނެ ވެސް ކޮމެންޓުކޮށްފައި ހުރެ އެވެ. ނަމަވެސް ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖިންސީ އަނިޔާގެ ގިނަ މައްސަލަތަކަކީ އަނިޔާ ލިބޭ މީހާ ދަންނަ މީހުންގެ ފަރާތުން ކުރިމަތިވާ ކަންކަމެވެ.
ސޯޝަލް މީޑިއާގައި ފެންނަ މިފަދަ ރައްދުތަކުގެ ސަބަބުން ހަމައެކަނި އާންމު ބަހުސްތަކަށް ބުރޫ އަރަނީއެއް ނޫނެވެ. މީގެ ސަބަބުން ހަގީގީ ދިރިއުޅުމުގައި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ އެވެ. މުޖުތަމައުގައި އޯގާތެރިކަމާއި ކުލުނު ނެތިގޮސް، އިންސާނީ ސިފަތައް ގެއްލިދަނީ އެވެ.
އަނިޔާ ލިބޭ މީހާ ކުށްވެރިކުރުމުގެ ސަބަބުން، ލަދުވެތިކަމާއި ބިރުވެރިކަމުގެ މާހައުލެއް އުފެދި، އެކަން ރިޕޯޓްކުރުމަށާއި، ސިއްހީ އެހީތެރިކަމާއި ކައުންސެލިން ހޯދުމަށް ފަސްޖެހެ އެވެ. ކުށްވެރިޔާއަށް އަދަބު ދިނުމުގެ ބަދަލުގައި، އަނިޔާ ލިބުނު މީހާ "ލަދުގަންނުވާލުމަށް" އާންމުން މަސައްކަތް ކުރާނަމަ، އޭގެ ސަބަބުން ވަރުގަދަވަނީ އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތެވެ.
ސޯޝަލް މީޑިއާގައި ފެންނަ މިފަދަ ވާހަކަތަކާ ދެކޮޅަށް ވެސް ބައެއް މީހުން ތެދުވެފައިވެ އެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ޖިންސީ އަނިޔާ ލިބުމަކީ އެއްވެސް ހާލަތެއްގައި އަނިޔާ ލިބުނު މީހާގެ ކުށެއް ނޫނެވެ.
މިފަދަ މައްސަލަތަކުން ހާމަވަނީ ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާކުރުމަށާއި، މުއައްސަސާތަކަށް އިސްލާހީ ބަދަލުތައް ގެނައުމަށާއި، އަދި ގާނޫނީ ނިޒާމާއި މުޖުތަމައުގެ ތެރޭގައި އަށަގަނެފައިވާ ވަކި ޖިންސަކަށް ތަފާތުކުރުމުގެ ވިސްނުންތައް ނައްތާލުމަށް ހޭލުންތެރިކުރުމުގެ މުހިއްމު ކަމެވެ.
ހަގީގީ ކުރިއެރުމެއް ލިބޭނީ ހަމައެކަނި ގާނޫނީ ނިޒާމުގެ ތެރެއިން ކުށްވެރިންނަށް އަދަބު ދީގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، އަނިޔާވެރިންނަށް ހިމާޔަތް ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ފަތުރާ ނުރައްކާތެރި ހިޔާލުތައް ބަދަލުކުރުމަކީ ތަހުޒީބީ މުޖުތަމައަކަށް ބަދަލުވުމަށް ކުރަން ޖެހޭ މުހިއްމު ކަމެކެވެ.








