މިހާރު ކުރިއަށްދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުން ލ. ފޮނަދޫ ބަލިކޮށް، ވ. ފެލިދޫން ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ހަތް ޓީމާ އެކު ކުރިއަށްދާ ރާއްޖެ ސުޕަ ލީގު ވޮލީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ވަނީ ނިމިފަ އެވެ. އެ ގޮތުން، އިއްޔެ އާއި ރޭ ކުޅެފައިވަނީ، ގްރޫޕް އޭގެ ފަހު މެޗުތަކެވެ. އިއްޔެ ހަވީރު، ކ. މާފުށިން ވަނީ 3-2 ސެޓުން ހދ. ހަނިމާދޫ ބަލިކޮށްފަ އެވެ. އަދި، ރޭ ފޮނަދޫ އަތުން ފެލިދޫ މޮޅުވީ ވެސް 3-2 ސެޓުންނެވެ. މި މެޗުތަކަށް ނުކުތްއިރު ވެސް ފެލިދޫ އާއި ފޮނަދޫ އޮތީ ފުރަތަމަ ދެ މެޗުން މޮޅުވެގެން ސެމީގަ އެވެ. ރޭގެ މެޗު މުހިންމުވީ ގްރޫޕްގެ އެއް ވަަނަ ކަނޑައެޅުމަށެވެ.
މި ގްރޫޕްގެ އެއް ވަނަ ފެލިދޫން ހޯދީ ކުޅުނު ތިން މެޗުން މޮޅުވެގެންނެވެ. ދެ ވަނަ އަށް ދިޔަ ފޮނަދޫ ދެ މެޗުން މޮޅުވިއިރު، ތިން ވަނަ އަށް ދިޔަ މާފުށި ވަނީ އެއް މެޗުން މޮޅުވެފަ އެވެ. އަދި، ހަނިމާދޫ މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ.
ޒުވާނުންގެ މަރުކަޒު އެތެެރެ ކޯޓުގައި ކުރިއަށްދާ ރާއްޖެ ސުޕަ ލީގުގައި ރޭ ފެލިދޫން ވަނީ ފޮނަދޫ ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައި ފުރަތަމަ ސެޓު، 25-23 އިން ގެންގޮސްފަ އެވެ. އެކަމަކު، ފުރަތަމަ ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް، ފޮނަދޫން ދެ ވަނަ ސެޓު، 19-25 އިން ގެންދިޔަ އެވެ. ގައުމީ ވޮލީބޯޅަ ޓީމަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ފެލިދޫ ޓީމުން ތިން ވަނަ ސެޓު، 25-23 އިން ގެންގޮސް އިތުބާރު ހޯދި ނަމަވެސް، ފޮނަދޫން ހަތަރު ވަނަ ސެޓުގައި ހިތްވަރު ދައްކައި، 22-25 އިން ސެޓު ގެންގޮސް، ނަތީޖާ ނެރޭ ފަސް ވަނަ ސެޓަކަށް މެޗު ގެންދިޔަ އެވެ.
ފެލިދޫ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އާއި އެ ޓީމުގެ ޕާކިސްތާންގެ ތަރި، މުރާދު ޖީހާންގެ ތަޖުރިބާގެ ބޭނުން ރަނގަޅު ވަގުތުގައި ކޮށް، 15-09 އިން މި ސެޓު ހޯދައި، ފެލިދޫން މެޗުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ސެމީ އަށް މިސްރާބު ޖެހީ އެވެ.
މާދަމާ ހަވީރު ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި، ފެލިދޫން ބައްދަލުކުރާނީ، ގްރޫޕް ބީގެ ދެ ވަނަ އަށް ދިޔަ ތ. ހިރިލަންދޫއާ އެވެ. އަދި، ސެމީ ދެ ވަނަ މެޗުގައި، ގްރޫޕް ބީގެ ދެ މެޗުން މޮޅުވި، ބ. ގޮއިދޫން ނުކުންނާނީ ފޮނަަދޫއާ ދެކޮޅަށެެވެ.
ސެމީން ބަލިވާ ދެ ޓީމު ކުޅޭ ތިން ވަނަ ހޮވާ މެޗާއި ސެމީން މޮޅުވާ ދެ ޓީމު ކުޅޭ ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ހަވީރާއި ރޭގަނޑު އެވެ.










