ކުޅިވަރު އެސޯސިއޭޝަންތަކުގެ ޕްރޮޕޯސަލްގައި ޓީޗަރުންގެ ކަންބޮޑުންތަކަށް ވެސް ހައްލު އޮތް

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

އެޑިއުކޭޝަން މިނިސްޓްރީން އިންޓަ ސްކޫލް ކުޅިވަރު މުބާރާތްތަކުގެ ކަންކަމާ ގުޅިގެން، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ އެކު މަޝްވަރާގެ މަސައްކަތްތަކެއް ފެށި އެވެ. ބައްދަލުވުންތައް ބާއްވަން ފެށީ، ކުޅިވަރު އެސޯސިއޭޝަންތައް ތަމްސީލްކުރާ ކޮމިޓީ އަކާއި އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިޓީއެއް މެދުގަ އެވެ.

އެ މަޝްވަރާގެ ކަންތައްތައް ދިގުލައިގެންދަމުން، މިކަމުގެ މުޅި މަސްރަހު އެއްކޮށް ބަދަލުވެގެންދިޔައީ، މާޗް 29 ވަނަ ދުވަހު، އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި، ގްރޭޑް 7 އިން ދަށަށް އިންޓަ ސްކޫލްގެ މުބާރާތްތައް ބޭއްވުމުގެ ފުރުސަތު އެސޯސިއޭޝަންތަކަށް ގެއްލޭ ގޮތަށް ނިންމާފައިވުމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމަކާހެދި ކުޅިވަރުގެ ކުރިމަގު ބަނަ

އިންޓަ ސްކޫލް މުބާރާތްތަކުގައި ބައިވެރިވެވޭނީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން، ކުދިން ކުޅިވަރުގެ ތެރެއިން ތަމްރީނުކުރުމަށް ގޮންޖެހުން ވަނީ ބޮޑުވެފައި. ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ފަރާތްތަކުން "އަދަދު ސްޕޯޓްސް" އަށް ބުނީ މިއީ ކުޅިވަރުގެ މުސްތަގުބަލަށް ބޮޑު ދެރައެއް ލިބޭ ނިންމުމެއް ކަމަށް

މިއީ، ކުޅިވަރު އެސޯސިއޭޝަންތަކަށް ވެސް ލިބުނު ސިހުމެކެވެ. ރާއްޖޭގެ ބޮޑު އިންތިހާބެއް ބޯމަތީގައި އޮއްވައި، މި ފަދަ ކަމެއްގައި ވާހަކަ ދައްކައިގެން، މިކަން ސިޔާސީ ވިސްނުމަކުން ގޮސްދާނެތީވެ، އެ ދުވަސްވަރު އެ ވާހަކަ ނުދައްކަން ކުޅިވަރު އެސޯސިއޭޝަންތަކުން ނިންމީ އެވެ. އެކަމަކު، މަޝްވަރާގެ މޭޒުގައި ދެކެވެމުން އައި ވާހަކައެއްގައި މި ވަރުގެ ބޮޑު ނިންމުމެއް، އެޑިއުކޭޝަން މިނިސްޓްރީން އައިއިރު، ކުޅިވަރު އެސޯސިއޭޝަންތަކާ ހިއްސާ ކޮށްފައިނުވާތީ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތައް ހުރީ އިންތިހާގަ އެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ސާކިއުލާއެއް މެދުވެރިކޮށް ނިންމި މި ނިންމުމުގެ ހަބަރު، "އަދަދު ސްޕޯޓްސް" އިން ގެނައީ، މި ދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެވެ. އެ ހަބަރު ގެނައުމާ އެކު، މި ކަމުގެ ވާހަކަ އިތުރަށް ދެކެވެން ފެށި އެވެ.

އޭޕްރީލް، 20 ވަނަ ދުވަހު، ސްޕޯޓްސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކަމާ ގުޅޭގޮތުން ސުވާލުކުރުމުން، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްްޕެ) ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީ އާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ އެކުގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިގެން ބޭނުންވާ ބަދަލުތައް ގެނެސްގެން ސްކޫލްތަކުގެ ކުޅިވަރު މުބާރާތްތައް އޮންނާނެ ކަމަށެވެ. 

އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދުމަށް، ޖެހިގެން އައި ދުވަހު، ކުޅިވަރު އެސޯސިއޭޝަންތަކުގެ ކޮމިޓީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިޓީގެ ބައްދަލުވުމެއް އޮންނާނެ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

އަދި، އެ ބައްދަލުވުން އެ ގޮތަށް ކުރިއަށްދިޔަ އެވެ.  އެހެން ނަމަވެސް، އެ ކޮމިޓީގެ ޔައުމިއްޔާއެއް އަދި އެސޯސިއޭޝަންތަކަށް ލިބިފައިނުވެ އެވެ. 

އޭގެ ފަހުން، ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން، ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ބާއްވާ އިންޓަ ސްކޫލް ކުޅިވަރު މުބާރާތްތައް ކުރިއަށްގެންދާ ގޮތާ މެދު ނުރުހުންފާޅުކޮށް ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވެ އެވެ.

މިދިޔަ މަހު 19 ވަނަ ދުވަހު، ޓޭމްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކުޅިވަރު އެސޯސިއޭޝަންތަކާއި މިނިސްޓްރީތަކުން ރާވާ ހިންގާ ކުޅިވަރު ހަރަކާތްތަކަކީ މުދައްރިސުންގެ ވަގުތާއި އެހީތެރިކަން ނުނަހު ބޮޑަށް ބޭނުންކުރާ ކަމަކަށްވާތީ، އިންޓަ ސްކޫލް ހަރަކާތްތަކާ ގުޅޭ ކަންކަމުގައި މަޝްވަރާކުރުމުގައި، "ޓޭމް" ގެ ބައިވެރިވުން އޮންނަ ޖެހޭ ކަމަށެވެ. އޭގެ ފަހުން، މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މިދިޔަ ހުކުރު ދުވަހު، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ބޭއްވި އިވެންޓުގެ ތެރެއިން، ޓީޗާސް އެސޯސިއޭޝަނުން ތައްޔާރުކޮށްފައިވާ ބެނާއެއްގައި ލިޔެފައިވަނީ، "ކުޅިވަރު އެކަޑަމީތައް ހިންގާ ބައެއްގެ ގޮތުގައި ޓީޗަރުން ބޭނުންނުކުރޭ!" މިހެނެވެ. 

ޓީޗަރުންގެ ކަންބޮޑުވުންތަކާ މެދު ވެސް ވިސްނައި، ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ އިންޓަ ސްކޫލް މުބާރާތްތައް ކުރިއަށްގެންދެވޭނެ ގޮތްތަކެއް ވިސްނައި، ތިން އޮފްޝަނެއް (ގޮތެއް) ހިމަނައި ކަރުދާހެއް އެޑިއުކޭޝަން މިނިސްޓްރީ އަށް މާކުރިން ހުށަހަޅައިފަ އެވެ. "އަދަދު ސްޕޯޓްސް" އަށް ވަނީ ޕްރޮޕޯސަލްގެ ކޮޕީއެއް ލިބިފަ އެވެ. ކުޅިވަރު އެސޯސިއޭޝަންތަކުގެ ކަންބޮޑުވުމަކީ، މަޝްވަރާ ކުރެވެމުން އަންނަ ކަމެއްގައި، އެސޯސިއޭޝަންތައް ބަދުނާމުވާ ގޮތަށް، ޓޭމް ފަދަ ޖަމިއްޔާ އަކުން ހިޔާލު ފާޅުކުރަމުންދިއުމެވެ. 

ޓޭމްގެ ފާޑުކިޔުން ކުޅިވަރު އެސޯސިއޭޝަންތަކަށް، އަސްލު މައްސަލަ ދެނެގަންނަންޖެހޭ

ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ބާއްވާ އިންޓަ ސްކޫލް ކުޅިވަރު މުބާރާތްތައް ކުރިއަށްގެންދާ ގޮތާ މެދު ނުރުހުންފާޅުކޮށް، ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ވަނީ ފާޑުކިޔައިފައި. އެކަމަކު، ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ މި ކަމުގެ އަސްލު ސަބަބު ބަލައި އެ ހާމަކުރުމަށް ގޮވާލައިފައި.

އެޑިއުކޭޝަން މިނިސްޓްރީ އަށް ކުޅިވަރު އެސޯސިއޭޝަންތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ވަނީ، 12 އަހަރުން ދަށުގެ ކުދިންނަށް ފެސްޓިވަލެއްގެ ގޮތަށް އެކަޑަމީސް ބޭނުންކޮށްގެން މުބާރާތްތައް ކުރިއަށްގެންދިއުމާއި 12 އަހަރުން މަތި (14 އަހަރު، 16 އަހަރު، 18 އަހަރު، ނުވަތަ 15 އަހަރު، 17 އަހަރު، 19 އަހަރު) އުމުރުފުރާގެ މުބާރާތްތައް ކުޅިވަރު އެސޯސިއޭޝަންތަކުން ކަނޑައަޅައިގެން ކުރިއަށްގެންދިއުމަށެވެ. 

"އެ ބޭފުޅުން ހިތްހަމަޖެހޭ ގޮތަށް، އިންޓަ ސްކޫލްގެ ނަން ބޭނުންނުކޮށް، "ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް"ގެ ނަމުގައި ކުރިއަށްގެންދިއުމަށް އެއްބަސްވެވުނު،" އިންޓަ ސްކޫލް ކަންތަކުގައި ކުޅިވަރު އެސޯސިއޭޝަންތައް ތަމްސީލްކުރާ ކޮމިޓީގައި ހިމެނޭ، ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް، އަހުމަދު އާދަމް (އެޑަމް) ވިދާޅުވި އެވެ. 

ކުޅިވަރު އެސޯސިއޭޝަނުން އިންޓަ ސްކޫލް މުބާރާތްތައް ކުރިއަށްގެންދަން ފުރަތަމަ ހުށަހެޅި ގޮތަކީ، ޓީޗަރުންގެ ބަދަލުގައި ޕޭރެންޓް ޓީޗާ އެސޯސިއޭޝަން (ޕީޓީއޭ)ގެ ބައިވެރިވުން އިތުރުކޮށް، ޓީޗަރުންގެ ބަދަލުގައި، ބެލެނިވެރިން ޒިންމާ އުފުލާ ގޮތަށް މުބާރާތް ކުރިއަށްގެންދިއުމެވެ.

އިންޓަ ސްކޫލްގެ ބަދަލުގައި ދެން އޮންނާނީ ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް

ރާއްޖޭގެ ސްކޫލްތަކުގެ މެދުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ކިޔަމުން އައި "އިންޓަ ސްކޫލް" ނަން "ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް" އަށް ބަދަލުކޮށް، އެކި ރީޖަންތަކަށް ބަހާލައިގެން މުބާރާތްތައް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ކުރި މަޝްވަރާތަކަށް ފަހު ނިންމާފައި.

އެކަމަކު، މި ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކި ފަސް ޕްރިންސިޕަލަކު ތާއީދުނުކުރި ކަމަށާއި މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، އެ ކަން ކުރުމަށް "ޕޭރެންޓުންނަށް އިތުބާރު ނުކުރެވޭ" ކަމަށް، ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ މައުލޫމާތު ދީފަ އެވެ. ސަބަބަކީ، ވަކި ކުއްޖެއްގެ ބެލެނިވެރިއަކު ހުންނައިރު އެ ކުއްޖަކަށް ހާއްސަކޮށް ކަންކަން ކުރުމުގެ ޖާގަ އޮތުން ކަމަށް ބުނެ އެވެ. އެކަމަކު، އެ ނޫން ގޮތަކަށް ވެސް، މަސްލަހަތު ފުށުނާރާ ގޮތަށް މިކަން ރޭވުމަށް ވާހަކަ ދެއްކުމުން ވެސް އެކަށީގެންވާ ކުރިއެރުމެއް ނުލިބުނު ކަމަށް ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ ބުނެފަ އެވެ. 

ދެ ވަނަ ގޮތަކަށް އިންޓަ ސްކޫލް ކުރިއަށްގެންދަން ކުޅިވަރު އެސޯސިއޭޝަންތަކުން ހުށަހެޅީ، އެއް ދުވަސްވަރެއްގައި އިންޓަ ސްކޫލްގެ ހުރިހާ ކުޅިވަރު މުބާރާތްތަކެއް ބާއްވާ ގޮތަށެވެ.

އެ ގޮތުން، 30 ދުވަހުގެ ތެރޭގައި ހުރިހާ ސްކޫލް ކުޅިވަރު މުބާރާތެއް ކުރިއަށްގެންގޮސް ނިންމާލާ ގޮތަށެވެ. އެއީ، 30 ދުވަހަށް ދިގުދެމިގެންދާ ސްކޫލް ގޭމްސް އެއް ގޮތަށް، ފުރަތަމަ ފަސް ދުވަހު، އެތުލެޓިކްސް އާއި ޗެސް، އެ އަށް ފަހު ދެން އޮތް 20 ދުވަސް ތެރޭ، ބާސްކެޓްބޯޅަ، ފުޓްބޯޅަ، ޓޭބަލް ޓެނިސް، ބިލިއާޑް، ވޮލީބޯޅަ، ނެޓްބޯޅަ، ޓެނިސް، ޝޫޓިން، ހޭންޑްބޯޅަ، ބެޑްމިންޓަން، ކްރިކެޓް އަދި ސާފިން ކުރިއަށްގެންދިއުމަށް ފަހު، ދެން އޮތް ބާކީ ފަސް ދުވަސް ތެރޭ، ސްވިމިން އާއި ކެރަމް ކުރިއަށް ގެންދާ ގޮތަށެވެ. 

މި ގޮތަށް ބޭއްވުމުގެ ބޭނުމަކީ، އެއް ފަހަރާ ހުރިހާ ކުޅިވަރެއް ކުރިއަށްދާނަމަ، ކުޅިވަރުތަކަށް ކުދިން ބެހިގެން ދިއުމުން، ކޮންމެ ކުޅިވަރެއްގައި ހުރިހާ ކުދިން ބައިވެރިވުމުގެ ޖާގަ ބަންދުވާނެ އެވެ. އަދި، ބަދަލުގައި، ކުޅިވަރުތަކުގައި ނިސްބަތުން ވާދަކުރާ ކުދިންގެ އަދަދު ބޮޑުތަނުން މަދުވެ، އެކި ކުޅިވަރުތަކުގައި ބެހިގެންދާ އުސޫލަކުން ކުދިން ބައިވެރިވުމުން ޖުމްލަ ގޮތެއްގައި މީގެ ފައިދާ ފެނިގެންދިއުމެވެ. އަދި، މި ކަމުން މުޅި އަހަރު ދުވަހަށް ބަލާއިރު، ޓީޗަރުންނަށް އޮތް ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށް ވެސް ކުޅިވަރު އެސޯސިއޭޝަންތަކުން ބުނެފައިވެ އެވެ. 

މި ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލްކޮށް އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ދިން ޖަވާބަކީ، 30 ދުވަސް ވަންދެން ސްކޫލްތަކުގެ ކިޔެވުން ހުއްޓާނުލެވޭނެ ކަމަށެވެ. އަދި، މި އަހަރު އިންޓަ ސްކޫލް ބޭއްވޭނީ، އެތުލެޓިކްސް، ޗެސް، ސްވިމިން އަދި ކެރަމް އަށް ކަމަށް އެންގި އެވެ. އެއާ އެކު، ކުޅިވަރު އެަސޯސިއޭޝަންތަކުން ނިންމީ، ހަމައެކަނި އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވާ ގޮތަށް މިކަން ނިމިއްޖެނަމަ، އެޑިއުކޭޝަން މިނިސްޓްރީން ބެލެނިވެރިންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި ހަމައެކަނި އެ ހަތަރު އެސޯސިއޭޝަނުން އިންޓަ ސްކޫލް ނުބާއްވާނެ ކަމަށެވެ. 

ތިން ވަނަ ގޮތަކަށް އިންޓަ ސްކޫލް ބާއްވަން ކުޅިވަރު އެސޯސިއޭޝަންތަކުން ހުށަހެޅި ގޮތާ މެދު މަޝްވަރާއެއް ކުރެވިފައިނުވެ އެވެ. އެ ގޮތަކީ، ކުޅިވަރު އެސޯސިއޭޝަނުން ހާއްސަ ގޮތެއްގައި ބޭނުންވާ ސިސްޓަމެއްގެ ތެރެއިން، އުމުރުފުރާތައް ކަނޑައަޅައިގެން އިންޓަ ސްކޫލް ކުޅިވަރު މުބާރާތްތައް ރޭވުމެވެ. 

ރާއްޖޭގެ ކުޅިވަރުގައި ގިނަ އަހަރުތަކެއް ހިދުމަތްކޮށްފައިވާ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް، އަހުމަދު އިސްމާއިލް ވިދާޅުވީ، ދިމާވެފައި މި އޮތް މައްސަލައިގެ ހައްލު މަޝްވަރާގެ މޭޒުމަތިން ހައްލުކުރުމުގެ ފުރުސަތު އޮއްވައި، މިކަން އެހެން މިސްރާބަކުން ގެންގޮސް، ކުޅިވަރު ހިންގާ މީހުން ބަދުނާމުވާގޮތަށް ވާހަކަ ދެއްކުމަކީ ހައްލެއް ނޫން ކަމަށެވެ. 

"ހަގީގަތަކީ ސްކޫލަށް ނުކުންނަ ގަޑީގައި ޓީޗަރަަކަށް އިށީނދެލާނެ ވަގުތެއް ނުލިބޭ. އެއް ކްލަހުން އަނެއް ކްލާހަށް ކިޔަވައި ދީފައި ޓީޗަރުން ފިލާވަޅުތައް ތައްޔާރުކުރުމާއި ޕޭޕަރުތައް މާކު ކުރުން ފަދަ ކަންކަން ގެޔަށް ގޮސް ކުރަން ޖެހޭ ފަދަ ގޮތަކަށް ކަންކަން ހުރުން. އާއިލާ އަށް ވަގުތެއް ނުދެވި، ދެން، ސްކޫލް ކުދިން ދާ ކޮންމެ ތަނަކަށް އެ ޓީޗަރުން ލައްވައި ޑިއުޓީ ކުރުވާތީ ޓީޗަރުން ޝަކުވާ ކުރަނީ،" އަހުމަދު ވިދާޅުވި އެވެ. 

"ސްޕޯޓްސް ޓީޗަރުން ނުލައި ސަބްޖެކްޓް ޓީޗަރުން ލައްވައި ހުރިހާ ކަމެއް ކުރުވާތީ ނުކުންނަ މައްސަލަތައް މެނޭޖް ނުކުރެވުނީމަ، އެހެން ބައެއްގެ ބޮލަށް މިކަންކަން މި އަންނަނީ،" 

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ނައިބު ރައީސް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް (މުންތޭ)، ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވަނީ އަސްލު މައްސަލަ އަކީ ކޮބައިތޯ ޓޭމްގެ ކިބައިން ސުވާލުކުރައްވައިފަ އެވެ. 

"ކުޅިވަރު ޓީމް ތަކާ އެކު ޓީޗަރުން، ލަވަ މުބާރާތަށް ކުދިން ތައްޔާރުކުރަން ޓީޗަރުން، ނަށަން ދަސްކޮށްދޭން ޓީޗަރުން، ސްކޫލް ކްލާސް ރޫމްގަ ކުލަލާން ޓީޗަރުން، އެކި އެކި މުނާސަބާތަކަށް ސްކޫލް ޒީނަތްތެރި ކުރަން ޓީޗަރުން، ނައިޓް މާކެޓް ބާއްވަން ޓީޗަރުން، މި ނޫން އިތުރު ހަރަކާތްތައްވެސް ހިންގަން ޓީޗަރުން، މިފަދަކަންކަން ޓީޗަރުން ބޭނުން ނުކޮށް ކުރާން ނޭނގުނީމަ ހުރިހާ ރޯޅިއެެއް ކުޅިވަރަށް؟؟؟" މުންތަގިމް ލިޔުއްވާފައިވެ އެވެ. 

ސްކޫލްތަކުގެ ޕޮލިސީސް އެކުލަވާލާފައި ހުރި ގޮތުން ޓީޗަރުންނަށް ގޮންޖެހުން ހުރިކަން ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް ގަބޫލުކުރެ އެވެ. 

"މައްސަލަ އަކީ، ޓީޗަރުން ނެތި، ސްކޫލް ކުއްޖަކު ފިޔަވަޅެއް އެޅިޔަނުދޭން އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތަކުގައި އޮންނަ ޕޮލިސީސްތައް،" މޯލްޑިވްސް އެކުއަޓިކްސްގެ ޖެނެރަލް ސެކްރެޓަރީ، މުހައްމަދު ޝާރިފް، ލިޔުއްވާފައިވެ އެވެ. 

ކުޑަކުދިންގެ މުބާރާތްތައް ކުރިއަށްގެންދިއުމަށްޓަަކައި، އަދި ކުޑަކުދިންނަށް ކުޅިވަރުގެ މާހައުލު ރައްކާތެރި ތަަނަކަށް ހެދުމަށް، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ޗައިލްޑް ސޭފްގާޑިން އަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް މިދިޔަ އަހަރުތަކުގައި ވަނީ ހިންގައިފަ އެވެ. އަދި، ޗައިލްޑް ސޭފްގާޑިން އޮފިސަރުން ވެސް ވަނީ ތަމްރީނުކޮށްފަ އެވެ. 

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox