އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ސަރުކާރުން އަންގައިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގެ ތަހުގީގަށް އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ފުލުހުންނަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.
ފިޔާޒު އާއި ހަސަން ފުލުހުންނަށް ހާޒިރުވާން އަންގާފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ޕާސްޕޯޓު ހިފަހައްޓާފައިވާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަށް ވެސް ފުލުހުންގެ ޗިޓެއް ވަނީ ގޮސްފަ އެވެ.
"2026 މާރިޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގަޛުފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އާއިޝާ މިނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިރުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ،" ފުލުހުންގެ ޗިޓުގައި ބުނެފައިވެ އެވެ.
ރޭގެ ވަގުތެެއްގައި އަދަދު ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
އޭގެ އިތުރުން، އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން ވަނީ ފިޔާޒު އާއި ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފަ އެވެ.

އަދަދު އިން އައިޝާ ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސް ދުވަސް ފަހުން، މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށީ އެ ޑޮކިއުމެންޓްރީގައި ރައީސްއަށް ކުރި ތުހުމަތުތަކާ ގުޅިގެން އިއްޔެ ރައީސް މުހައްމަދު މުއިއްޒުއާ ސުވާލުކުރި ހިސާބުންނެވެ. އެމަނިކުފާނު ދެއްވި ޖަވާބުގައި އެ ތުހުމަތުތައް ދޮގުކުރަމުން، އެ މައްސަލައިގައި ދައުވާކުރާނެ ކަމަށް ވިދާޅުވި އެވެ.












