މި ސަރުކާރުން ކުރިއަށްގެންދަމުން އަންނަ ފުޓްްސަލް، ނެޓްބޯޅަ، ހޭންޑްބޯޅަ، ރޭސިން އަދި ސާފިންގެ އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭ ފަށަން އިއުލާނުކޮށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބިން ހަވާލުކުރި، ހުޅުމާލޭގައި ގާއިމްކުރށާ ނެޓްބޯޅަ އާއި ފުޓްސަލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަަތް އަދި ނުފެށެ އެވެ. މިދިޔަ އަހަރު މާލޭ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ފަށައި، މިދިޔަ އަހަރުގެ ނިޔަލަށް ނިންމަން އަމާޒުހިފިނަމަވެސް އަދި އެކަން ނިމިފައިނުވެ އެވެ. ހެންވޭރު ރާޅުގަނޑުގައި ގާއިމްކުރާ ސާފިން އެރީނާގެ މަސައްކަތް ކުރަން އެ ތަނުގައި ބިން ހުސްކުރި ނަމަވެސް އެކަށީގެންވާ ދުވެލީގައި އެ ޕްރޮޖެކްޓް ނުހިނގާ ކަމުގެ ޝަކުވާ އަންނަނީ އިތުރުވަމުންނެވެ. އަދި، މިދިޔަ އަހަރު އިއުލާނުކުރި ރޭސިން ޓްރެކްގެ މަސައްކަތް، ހުޅުމާލެ އާއި މާލެ ގުޅޭ ހައިވޭ ބޭރުން ފަޅު ހިއްކައިގެން ކުރިއަށްގެންދިއުމުގެ މަޝްރޫއު ދާދި ފަހުން ވަނީ ފަށައިފަ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ސްޕޯޓްސް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ރާފިއު ވަނީ، އެ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އެ ގޮތުން، އެކިއެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެފައިވާ ކަމަށް މިނިސްޓަރު ރާފިއު ވަނީ ވިދާޅުވެފަ އެވެ.
އެ ގޮތުން ރާފިއު ވިދާޅުވީ، ފުޓްސަލް އާއި ނެޓްބޯޅަ ކޮމްޕްލެކްސްގެ މަސައްކަތް ކުރުމަށްޓަކައި ބަޖެޓް ހަމަޖެހި، މަސައްކަތް ފެށުމަށްޓަކަައި އެކަން ހަވާލުކުރެވުނު ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
"މި ދެ ޕްރޮޖެކްޓް ވެސް ފަރުމާ ކުރުމަށްޓަކައި ދެ ކޮމްޕެނީއަކާ ސޮއިކުރެވި، މީގެ ބަޖެޓް ވެސް ހަމަޖެހި އެކަން ބިނާކުރުމަށްޓަކައި. އެ ލޭންޑް ވެސް ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އަމަލީ މަސައްކަތް އަޅުގަނޑުމެންނަށް ފެށިގެންދާނެ މި މަހު ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ، މިހާރު ކުންފުނިތަކާ މަޝްރޫއު ހަވާލުކުރެވިފައިވަނީ އެގްރީމެންޓްގައި ސޮއިކޮށް، ނިމިފައި އޮތް ކަމެއް މިއީ،" ރާފިއު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ވަނީ މި މަސް ތެރޭ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.
ހޭންޑްބޯލް ކޯޓުގެ މަސައްކަތް އަންނަ މަހު ނިންމާލައި، މެއި މަހު މުބާރާތް ކުޅެވޭތޯ މަަސައްކަތްކުރަނީ
މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް އަންނަ މަސް ތެރޭ ނިންމާލައި، އަންނަ މެއި މަހު މުބާރާތްތައް ކުޅެން ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވަނީ ވިދާޅުވެފައި.
ހޭންޑްބޯޅަ ކޯޓު ހިޔާކޮށް، އިންޑޯއެއް ގޮތަށް އެތަން ބޭނުންކުރުމަށްޓަކައި މަަސައްކަތް ފެށީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެކަމަކު، މިހާރު އޮތްގޮތުން އެ މަސައްކަތް ނިންމާލައި ބޭނުންކުރެވޭނެ ކަމަށް އެންމެ ފަހުން ހޭންޑްބޯލް މޯލްޑިވްސް އިން މައުލޫމާތު ދިނީ އަންނަ މެއި މަހު ކަމަށެެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ، ހޭންޑްބޯޅަ ކުޅޭ އިންޑޯއެއް ހެދުމަށްޓަކައި، އެ އިންޑޯގެ ފްލޯރިން އަށް ބޭނުންވާ ފައިސާ އެސޯސިއޭޝަން މެދުވެރިކޮށް، ހޭންޑްބޯޅައިގެ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) އަށް އަށް ފައިސާ ދައްކާފައިވާނެ ކަމަށެވެ.
"އެ ތަން އިންޑޯ އަކަށް ކޮންވާޓް ކުރުމުގެ މަސައްކަތް އެސޯސިއޭޝަން މެދުވެރިކޮށް އަޅުގަނޑުމެން ކުރަމުން މި ދަނީ، އެކަން މީގެ ކުރީގައި އެ ލަސްވެފައި އޮތީ ބައެއް ކަހަލަ ޕޭމަންޓްތަކުގެ ޑިލޭއެއް އެ ކުންފުންޏަށް އައުމުގެ ސަބަބުން ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ، މިހާރު އެކަން ވެސް މި ވަނީ ހައްލުކުރެވިފައި، އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަނީ،" ރާފިއު ވިދާޅުވި އެވެ.
ރޭސިން ޓްރެކްގެ މަސައްކަތް ކުރިއަށް އެބަދޭ: ރާފިއު
މާލެ އާއި ހުޅުމާލެ ގުޅުވާލާފައިވާ ހައިވޭއާ ޖެހިގެން އޮތް ތަން ހިއްކައިގެން ރޭސިން ޓްރެކެއް ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ ވިދާޅުވެފައި.
ރައީސް މުއިއްޒު އާއި މިނިސްޓަރު ރާފިއު، ދާދި ފަހުން އެކި ފޯރަމްތަކާއި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރޭސިން ޓްރެކްގެ މަސައްކަތް ހިއްސާކުރައްވައިފަ އެވެ. އަދި، ދާދި ފަހުން އޭގެ މަސައްކަތް ކޮންމެ ވެސް ވަރަކަށް ކޮށްފައިވެސް ވެ އެވެ.
ރޭސިން ޓްރެކްގެ ޕްރޮޖެކްޓާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ސުވާލުކުރުމުން ރާފިއު ވިދާޅުވީ، ރޭސިން ޓްރެކް ހެދުމަށްޓަކައި އެ ތަނަށް ބޭނުންވާ ބޮޑު ހިލަ ގެނައުމަށް ބޭނުންވާ މަސައްކަތް އެސްޓީއޯ މެދުވެރިކޮށް އެމްޓީސީސީން އެކަން ކުރަމުންދާ ކަމަށެވެ.
"އެކަން ކުރުމަށްފަހުގައި އެ ތަން ހިއްކުމުގެ މަސައްކަތް ކުރެވެން އަންނަނީ، އެމްއޭސީއެލް އިން އެކަން. ކުރާ ގޮތަށް ހަމަޖެހިފައި މި އޮތީ، އަޅުގަނޑުމެން މި މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށްފައި މި އޮތީ. ސަބަބަކީ މިހާރު އެތައް އޮތްގޮތަށް ހިއްކައިފިއްޔާ އެ ހިއްކާ ވެލިކޮޅު ގިރިގެން ދާނީ، އެހެންވީމަ، އެ ވެލި ހަރުލާ ގޮތަށް ހެދުމަށްޓަކައި، އެސްޓީއޯ މެދުވެރިކޮށް އެމްޓީސީސީން ހިލަ ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ، މި ދޭތެރެއިން ޝިޕިން ލައިން ޑިލޭ އެއް އުޅެފައި، އަޅުގަނޑު ހިތުން އެ ކަން ވާ ގޮތަށް ވަނީ ހަމަޖެހިފައި، ސީދާ އެގްޒެކްޓް ޑޭޓެއް (ސީދާ ތާރީހެއް) ދަންނަވާލަން މި ވަގުތު ދަތި، ކޮން އިރަކުންތޯ މާލެ އަށް އެ ޝިޕްމަންޓް ރީޗް ވަނީ،" ރާފިއު ވިދާޅުވި އެވެ.
ސާފިން އާއި ބޮޑީބޯޑިން އަށް ހާއްސަ ސްޓޭޑިއަމެއް/އެރީނާއެއް އެޅުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކުރީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.
ރާފިއު ވިދާޅުވީ، ސާފިން ސްޓޭޑިއަމްގެ މަސައްކަތް އެންމެ ފުރަތަމަ ޑިޒައިންކުރީ ޕްރީފެބް ސްޓްރަކްޗާ އަކުން ހަދާ ގޮތަށް ކަމަށެވެ. މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)އާ މަޝްވަރާތަކެއް ކުރުމަށް ފަހު، ރާޅުގަނޑު ސަރަހައްދު ސާފިން އެރީނާ އަޅާ ބިން ސާފުކުރެވުނު ކަމަށާއި ފަހުން އެނގުނީ އެ ތަނުގެ ހާލަތަށް ބަލައި، ކުރެހުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ކަމުގައި ރާފިއު ވިދާޅުވި އެވެ.
"ކޮންސެޕްޓަށް ބަދަލު ގެންނަން އެނގުނީ 50 ފޫޓު އިތުރުކޮށްފައި ޕްރީފެބް ސްޓްރަކްޗާ އަކުން ކޮންކްރީޓް ސްޓްރަކްޗާ އަކަށް ދާން. ސަބަަބަކީ، އެންމެނަށް ވެސް ފާހަގަކުރެވުނީ މެއިންޓަނަންސް ކޯސްޓް ވަރަށް ހައި ވާނެކަން، އެއީ އެ ތަނުގެ މެޓަލް ސްޓްރަކްޗާ ހުރިއިރު، ސީ ސްޕްރޭ ވަރަށް ހައިވާނެ. އެހެންވީމަ، އެ ޓެކްނިކަލް ބޭފުޅުން ވެސް ސަޖަސްޓްކުރީ ކޮންކްރީޓް ސްޓްރަކްޗާ އަކަށް ދިއުމޭ އެންމެ ރަނގަޅީ، މިހާރު އެކަން އެ ވަނީ ގާތްގަނޑަކަށް ކުރެހުން އެއްކޮށް ނިމި މި މަސް ތެރޭގައި މަސައްކަތް ފެށޭ ގޮތަށް ހަމަޖެހިފައި،" ރާފިއު ވިދާޅުވި އެވެ.
"ބޮޑު ދެ ތަން ޑިޒައިން ކުރި ވަރަށް ވުރެން ބޮޑުވެފައި ކޮންކްރީޓް ސްޓްރަކްޗާ އަކަށް ބަދަލުވެގެން ދިއުމަށްޓަކައި ކުރުމަށް ޖެހޭ މަސައްކަަތް ކުރުމަށްޓަކައި، ތަންކޮޅެއް ލަސްވެގެން އެ ދިޔައީ. އެހެން ނަމަވެސް މިހާރު އެވަނީ އެ ކޮންޓްރެކްޓަރާ މަޝްރޫއު ހަވާލުކުރެވިފައި، އޭގެ ޓައިމްލައިނަކަށް ވެސް ބަދަލެއް ނާދޭ ނިންމަން އޮތް،"
ރާފިއު ވިދާޅުވީ އުންމީދުކުރަނީ މި މަސް ތެރޭ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށޭނެ ކަމަށް ކަމުގަ އެވެ.













