މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ހަބަރު ހުސްވެފައި ތިބި ފަސް މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާކަމުގެ ރިޕޯޓެއް އެ އިދާރާއަށް މިއަދު ހެނދުނު 6:35 ހާއިރު ލިބިފފައިވާ ކަމަށެވެ.
އެ ހުރިހާ އެންމެންނަށް ވެސް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ހާލަތާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ހަބަރު ހުސްވެފައި ތިއްބައި ފެނުނީ ހަތަރު ބިދޭސީންނާއި ދިވެއްސެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަބަރު ހުސްވެފައި ތިބި ބަޔަކު ފެނުނީ މާލެ އާއި ކުޅުދުއްފުށްޓާ ދެމެދު ދަތުރުކުރާ، ޑީއެމްއެމްއޭ އެކްސްޕްރެސް 5 ބޯޓުގަ އެވެ. އެ ފަސް މީހުންގެ ހާލު ދެރަވެ، ހަބަރު ހުސްވީ، ބޯޓުގައި ހުރި ޖެނެރޭޓަރުން އެރި ދުމުގެ ސަބަބުން ކަމަށް އެ ރަށު މީހަކު މި ނޫހަށް ބުންޏެވެ.












