ދަރަނި ދައްކަން 300 މިލިއަން ނަގަން އުޅެނީ ކާގިލްސްއިން ބޮޑު އިންޓްރެސްޓެއްގައި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅައިދެއްވަނީ: މި އަހަރަކީ މާލީ ގޮންޖެހުން ބޮޑު އަހަރެއް އަދި ބަޖެޓު ފޫބައްދަން ގިނަ އަދަދެއްގެ ފައިސާ ހޯދަން ޖެހޭ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅައިދެއްވަނީ: މި އަހަރަކީ މާލީ ގޮންޖެހުން ބޮޑު އަހަރެއް އަދި ބަޖެޓު ފޫބައްދަން ގިނަ އަދަދެއްގެ ފައިސާ ހޯދަން ޖެހޭ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި އަހަރު ދައްކަން ޖެހޭ ބޮޑު ދަރަނި ދައްކާނެ ފައިސާ ހަމަޖައްސަން ވެގެން ސަރުކާރުން ނަގަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ 300 މިލިއަން ޑޮލަރުގެ ލޯނު ދޫކުރަން އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ވަރަށް ބޮޑު އިންޓްރެސްޓެއް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ސަރުކާރުން މި ލޯނު ނަގަން އުޅޭ ކަމަށް އަދަދު އިން ފުރަތަމަ ރިޕޯޓު ކުރީ ނިމުނު ޑިސެމްބަރު 28، ގަ އެވެ. އޭރު، ސަރުކާރާއި މާލީ އިދާރާތަކުގެ މަތީ ފަންތީގައި މިފަދަ މަޝްވަރާތަކެއް ކުރިއަށްދާ ކަމުގެ އިތުރަށް ލޯނާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.

މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި ކާގިލްސްއިން ވަނީ ސަރުކާރުން ބޭނުންވާ ވަރުގެ ލޯނެއް ދޫކުރަން ހުށަހަޅާފަ އެވެ. ނަމަވެސް އެ ހުށަހެޅުމާ ސަރުކާރުން އަދި ގޮތެއް ނުނިންމާ ވަނީ އިންޓްރެސްޓު ރޭޓު ބޮޑުކަމުންނެވެ. ރޭޓު ބޮޑު ކަން ކަށަވަރު ކުރެވުނު ނަމަވެސް ސީދާ ރޭޓަކީ ކޮބައި ކަމެއް ކަަށަވަރު ކުރެވޭ ގޮތެއް ނުވެ އެވެ.

ކާގިލްގެ ލޯނު ހުށަހެޅުމާ މެދު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނާ ގޮތުގައި އިންޓްރެސްޓު ރޭޓު އުޅެނީ 15 ޕަސެންޓުގަ އެވެ. މި އަދަދު ހިއްސާކުރި އެއް އެކައުންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންކުރައްވާ ނުރަސްމީ އެކައުންޓެވެ.

މީގެ ކުރިން އެމްޑީޕީ ސަރުކާރުގައި ވެސް ކާގިލްއިން ބަޖެޓު ސަޕޯޓުގެ ގޮތުގައި 100 މިލިއަން ޑޮލަރުގެ ލޯނެއް ނެގި އެވެ. ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނެގި އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 7.15 ޕަސެންޓެވެ. މިިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ސަރުކާރުން ވަނީ މި ލޯނަށް އަނބުރާ ދައްކަން ޖެހޭ 126 މިލިއަން ޑޮލަރު އަނބުރާ ދައްކާފަ އެވެ.

މި ސަރުކާރުން ވެސް ވަނީ ކާގިލްއިން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އެސްޓީއޯއަށް ގެރެންޓީއެއް ދޫކޮށްފަ އެވެ. މިއީ އެ ކުންފުނިން އެތެރެކުރާ ބޭހާއި، ކާޑުގެ ބާވަތްތަކާއި، އެ ނޫން ވެސް ޒަރޫރީ ތަކެތި އެތެރެކުރުމަށް ބޭނުންވާ ފައިސާ ހޯދަން ނެގި ލޯނެކެވެ. ނަމަވެސް މި ލޯނުގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމުން، މި ލޯނާ ގުޅޭ އިތުރު މައުލޫމާތެއް އާންމުކޮށް ފެންނާކަށް ނެތެވެ.

މި އަހަރުގެ ބަޖެޓު ފާސްކުރީ ދަރަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ހޯދާ ގޮތަށެވެ. ދަރަންޏަށް ނަގާ ފައިސާގެ ތެރެއިން، ކާގިލް ގިންތިކުރެވޭ ޕޮޓެންޝަލް ފައިނޭންސިން ޕާޓްނަރުންގެ އަތުން ހޯދާ ގޮތަށް އޮތީ 1.5 ބިލިއަން ރުފިޔާ ނުވަތަ 100 މިލިއަން ޑޮލަރެވެ.

ސަރުކާރުން ދަރަނީގެ ގޮތުގައި މި އަހަރު ނަގާ ފައިސާގެ ތަފުސީލު ހިމެނޭ ތާވަލު --- މަސްދަރު: ބަޖެޓު ފޮތް 2026
ސަރުކާރުން ދަރަނީގެ ގޮތުގައި މި އަހަރު ނަގާ ފައިސާގެ ތަފުސީލު ހިމެނޭ ތާވަލު --- މަސްދަރު: ބަޖެޓު ފޮތް 2026

ސަރުކާރުން ދަރަނީގެ ގޮތުގައި މި އަހަރު ނަގާ ފައިސާގެ ތަފުސީލު ހިމެނޭ ތާވަލު --- މަސްދަރު: ބަޖެޓު ފޮތް 2026

ދަރަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ހޯދާއިރު، މި ފައިސާ އާއި ބަޖެޓުގެ ޑެފިސިޓު ފޫބައްދަން ބޭނުންވާ އެހެން ފައިސާ ހިމަނައިގެން، ފައިނޭންސް ކުރަން ޖެހޭ އަދަދު 26.2 ބިލިއަން ރުފިޔާއަށް އަރަ އެވެ. ބަޖެޓު ފައިނޭންސިންގެ ބޮޑު ބަޔެއް ހޯދަން ވިސްނަނީ ބޭރުންނެވެ. އޭގެ ތެރޭގައި ބަޖެޓު ސަޕޯޓަށް ބޭރުގެ ފަރާތްތަކުން ހޯދާ ހަތް ބިލިއަން ރުފިޔާ ހިމަނެ އެވެ.

ފައިނޭންސް ކޮށްގެން ހޯދާ ފައިސާއިން ބޮޑު އަދަދެއް ހަރަދު ކުރަން ޖެހޭނީ މި އަހަރު ދައްކަން ޖެހޭ 12.9 ބިލިއަން ރުފިޔާގެ ދަރަނި ދެއްކުމަށެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓު ނުވަތަ 11.8 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަނި އަދާކުރަން ހަރަދުކުރަން ޖެހޭ ފައިސާ އެވެ.

އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ އެމްޑީޕީ ސަރުކާރުގައި ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކަށާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނަކަށެވެ. މި 600 މިލިއަން ޑޮލަރު އަންނަ އޭޕްރިލް މަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.

ސަރުކާރުން މި އަހަރު ފައިނޭންސިން ހޯދާ ގޮތުގެ ތަފުސީލު ހިމެނޭ ތާވަލު --- މަސްދަރު: ބަޖެޓު ފޮތް 2026
ސަރުކާރުން މި އަހަރު ފައިނޭންސިން ހޯދާ ގޮތުގެ ތަފުސީލު ހިމެނޭ ތާވަލު --- މަސްދަރު: ބަޖެޓު ފޮތް 2026

ސަރުކާރުން މި އަހަރު ފައިނޭންސިން ހޯދާ ގޮތުގެ ތަފުސީލު ހިމެނޭ ތާވަލު --- މަސްދަރު: ބަޖެޓު ފޮތް 2026

ސަރުކާރުން ރާވާފައި ވަނީ ސުކޫކުން ބަޔެއް ރީފައިނޭންސް ކުރާށެވެ. މިއީ މިދިޔަ އަހަރު ވެސް ސަރުކާރުގެ ޕްލޭނެވެ. މިހެން ނަމަވެސް އެ އަހަރު ނިމުނުއިރު ރީފައިނޭންސް ކުރެވުނު ކަމަކަށް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. މި އަހަރު ވެސް ވަގުތު ކުޑަ ތަން ވެފައި ވުމާ އެކީ ހާއްސަ މަސައްކަތްތަކެއް ކޮށްގެން ނޫނީ އޭޕްރިލްގެ ކުރިން ސުކޫކެއް ވިއްކަން ވަރަށް އުނދަގޫ ވާނެ އެވެ.

ސަރުކާރުން ނަގަން އުޅޭ ލޯނުގެ އިންޓްރެސްޓު ރޭޓު ބޮޑު ކަމުގެ ކަންބޮޑުވުން ހުއްޓަސް، ފަންނީ މާހިރުން ބުނަނީ ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ބޭރުން ހެޔޮ އަގުގައި ދަރަނި ނަގަން ވެސް އުނދަގޫ ވާނެ ކަމަށެވެ.

މި ކަމުގައި ދިވެހި ދައުލަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ސޮވަރިން ކްރެޑިޓް ރޭޓިން ދަށްކޮށްފައި އޮތުމެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީ ކަމުގައިވާ މޫޑީސް އާއި ފިޗުން ވެސް ވަނީ އިންވެސްޓު ނުކުރާ ގްރޭޑަށް ރޭޓިން ވައްޓާލާފަ އެވެ.

މި ރޭޓިން އޮތްހާ ހިނދަކު ހެޔޮ އަގެއްގައި ލޯނެއް ލިބުމާއި ދަށް ޔީލްޑެއްގައި ސުކޫކެއް ވިއްކަން ވެސް އުނދަގޫ ވާނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ. ހަމައެކަނި އޮންނާނެ ގޮތަކީ، ދައުލަތަކުން ނޫނީ ވާލްޑް ބޭންކް އާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު ފަދަ ކޮންސެޝަނަރީ ރޭޓުތަކުގައި ލޯނު ދޫކުރާ އިދާރާއަކުން ލޯނެއް ހޯދުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox