"ހުރިހާ ކަމެއް ހަމަޖެހިގެން" ބަހާލި ޕްރޮޖެކްޓުތަކަށް ބޭންކުން ފައިސާ ނުލިބިގެން ނުފެށިފައި

ަބަހާލި ޕްރޮޖެކްޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ: ގިނަ ޕްރޮޖެކްޓުތަކެއް، އެންމެ އަގު ބޮޑު ޕްރޮޖެކްޓުތައް ހިމެނޭހެން، ދިނީ މި ސަރުކާރާ ގުޅުން އޮންނަ ކުންފުނިތަކަށް --- ފޮޓޯ: ރައީސް އޮފީސް

ަބަހާލި ޕްރޮޖެކްޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ: ގިނަ ޕްރޮޖެކްޓުތަކެއް، އެންމެ އަގު ބޮޑު ޕްރޮޖެކްޓުތައް ހިމެނޭހެން، ދިނީ މި ސަރުކާރާ ގުޅުން އޮންނަ ކުންފުނިތަކަށް --- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރާ ގުޅުން އޮންނަ ގިނަ ބަޔެއްގެ ކުންފުނިތައް ހިމެނޭ ގޮތަށް ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ބަހާލި 2.7 ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ ބޭންކުން އަދިވެސް ހަމަނުޖެހޭތީ މަސައްކަތް ނުފެށޭ ކަމަށް ބައެއް ކޮންޓްރެކްޓަރުންގެ ފަރާތުން އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.

މި ޕްރޮޖެކްޓުތަކަކީ ކޮންޓްރެކްޓާ ފައިނޭންސް މޮޑެލްގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގައިގެން، މަސައްކަތް ކުރުމަށް ފަހު، ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަވާލުކުރި މަޝްރޫއުތަކެކެވެ. އެ ގޮތުން މިދިޔަ މަހުގެ ހަ ވަނަ ދުވަހު "ރެކޯޑު ހަދަން" ބޭއްވި އިވެންޓެއްގައި، 123 ރަށެއްގައި ތަފާތު ބާވަތްތަކުގެ މަޝްރޫއުތައް ހިންގަން 53 ކުންފުންޏަކާ އެކީ ސޮއިކުރި އެވެ.

އަމިއްލަ ކުންފުނިތަކާ މަސައްކަތް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި، ރައީސް މުހައްމަދު މުއިއްޒު ވަނީ، މި ޕްރޮޖެކްޓުތައް ހަވާލުކުރީ ހުރިހާ ކަމެއް ހަމަޖެއްސުމަށް ފަހު ކަމަށް ވިދާޅުވެފަ އެވެ. އަދި، 21 ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި މަސައްކަތް ފެށިގެން ދާ މަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އާދެ، ގާތްގަނޑަކަށް އެކާވީސްވަރަކަށް ދުވަހުގެ ތެރޭގައި، ކުންފުނިތަކުން މޮބިލައިޒްކުރާ ގޮތަށް މިވަނީ އެގްރީމަންޓްތަކުގައި ބުނެފައި. އެކަމަށްޓަކައި، ބޭންކް ތެރެއިން، ފިނޭންސް މިނިސްޓްރީގެ ތެރެއިން ނިންމަންޖެހޭ ކަންކަންވެސް، ދާދި އަވަހަށް އެ ފައިނަލްކުރަން ޖެހޭ. ދެން އޮންނަ ސްޓޭޖުގައި ހުރި ކަންކަން ވެސް އެދަނީ ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ، ކުރިއަށް އޮތް އެކާވީސްވަރަކަށް ދުވަހުގެ ތެރޭގައި، އަޅުގަނޑަށް ހަމަ ޔަޤީން، ރަށްރަށުގައި ފެނިވަޑައިގަންނަވާނެ، މި 123 ރަށުގައި މިކަމަށްޓަކައި މަސައްކަތްތައް ފެށިގެން ދާތަން ވެސް،"

މުއިއްޒު މިހެން ވިދާޅުވި ނަމަވެސް، ބަންދު ދުވަސްތައް ނުލައި ވެސް 21 ދުވަސް ވޭތުވެގެން ދިޔަ އިރު ގިނަ ޕްރޮޖެކްޓުތަކުގެ ބޯޑު ވެސް ރަށްރަށުން ފެންނަން ނެތެވެ. މި ކަމާ ގުޅޭ ގޮތުން ނަން ނުޖަހާ ގޮތަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުނީ، މަސައްކަތް ނުފެށި ވަނީ ބީއެމްއެލްއިން ލޯނު ނުލިބިގެން ކަމަށެވެ.

ކޮންޓްރެކްޓަރުންގެ ފަރާތުން އެނގިފައިވާ ގޮތުގައި އެއްބަސްވުންތަކުގައި އޮތީ ވެސް ސަރުކާރު މެދުވެރިއަކަށް ވެގެން، ބޭންކުން ފައިސާ ހަމަޖެއްސުމުން، ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަށެވެ. ސަރުކާރު، މެދުވެރި ވިޔަސް ބޭންކުން ދޫކުރާ ލޯނަށް ޒިންމާވާން ޖެހެނީ ކޮންޓްރެކްޓަރެވެ.

މި ޕްރޮޖެކްޓުތަކަށް ބޭންކުން ލޯނު ދޫކުރުން ވެސް ވަނީ ބޮޑު މައްސަލަގަނޑަކަށް ވެފަ އެވެ. އެންމެ ބޮޑު ތުހުމަތަކީ ބޭންކުން ގެންގުޅޭ އާންމު އުސޫލުތަކުގެ ބޭރުން، ސަރުކާރުން ބުނެގެން ކުންފުނިތަކަށް ލޯނު ދޫކުރަން އުޅޭ ކަމުގެ ތުހުމަތެވެ.

ނަމަވެސް ބީއެމްއެލްއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މި ޕްރޮޖެކްޓުތަކަށް ލޯނު ދިނުމުގައި ވެސް އަމަލުކުރާނީ ރާއްޖޭގެ ބޭންކިން ގާނޫނުތަކާއި ގަވާއިދުތަކުގައިވާ އުސޫލުތަކުގެ ތެރެއިން، އަދި ބޭންކުން ގެންގުޅޭ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

މިއީ އާންމު ބީލަމުގެ އުސޫލުން ބޭރުން، މާލިއްޔަތު ގަވާއިދު ބަދަލުކޮށްގެން، އެއްވެސް ހާމަކަމެއް ނެތި ސަރުކާރުން ހަވާލުކުރި މަޝްރޫއުތަކެކެވެ. ގިނަ މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ، ސަރުކާރާ ގުޅުން އޮތް ނުފޫޒު ގަދަ މީހުންގެ ކުންފުނިތަކަށެވެ. ބައެއް މަޝްރޫއުތަކުގެ އަގު ބޮޑު ވެގެން ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި އެބަހުއްޓެވެ.

ބީލަމަށް ނުލައި ޕްރައިވެޓް ކުންފުނިތަކަށް ސަރުކާރުން ބަހާލި 206 މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ، ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއަކަށް 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.

އޭގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ސޮއިކުރި 52 މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި، ފުލުހުންގެ މަރުކަޒުތައް ހެދުމަށް ހަވާލުކުރި 39 މަޝްރޫއުގެ އަގު 114.9 މިލިއަން ރުފިޔާ އަރާ އިރު ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.

މި މަޝްރޫއުތަކުގެ ތެރެއިން 746 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރީ ޕީއެންސީއަށް ނިސްބަތްވާ ފަސް މަޖިލިސް މެންބަރެއްގެ ކުންފުންޏަށެވެ. އެއީ ޖުމުލަ 15 މަޝްރޫއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox