ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ޖެހިޖެހިގެން ހަތަރު މުބާރާތުން ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމު ދާދި ފަހުން ހޯދި އަޒްނީން ރަޝާދު ހޯދައިފި އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އެތުލީޓަކަށް މީގެ ކުރިން ހޮވިފައިވާ އަޒްނީން މީގެ ކުރިން ވަނީ އޭނާގެ ހާއްސަ އިވެންޓް ކަމަށްވާ، ސްޕޯޓްސް ފިޒީކްގެ 170 ސެންޓިމީޓަރު ކެޓަގަރީން، ދެކުނު އޭޝިއާ އާއި އޭޝިއާ އަދި ދުނިޔޭގެ މުބާރާތުގައި ވެސް ޖެހިޖެހިގެން ތިން ފަހަރު ރަން މެޑަލް ހޯދައިފަ އެވެ. އަދި، މި ފަހަރު އިންޑޮނޭޝިއާގެ ބަތަމްގައި ކުރިއަށްދާ 16 ވަނަ ވޯލްޑް ޗެމްޕިއަންޝިޕްގައި އަޒްނީން މި ވަނީ ދުނިޔޭގެ މުބާރާތުގައި އޭނާގެ ކާމިޔާބީ، އެއް ހަރުފަތް މައްޗަށް ޖައްސާލައިފަ އެވެ.
މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި، އަޒްނީންގެ އިތުރުން ދެން ވާދަކުރަނީ، އަހުމަދު ނައީމް، މަނާފް ވަހީދު، އަލީ މަބްރޫކް ލަތީފް، އަދި އިސްމާއިލް ޝުއާއު އަބްދުﷲ އެވެ. މި ޓީމުގެ ހެޑް ކޯޗަކީ އަބްދުލް ހަސީބު އެވެ. އެ ގޮތުން، މި އެތުލީޓުން ވާދަކުރާ ކެޓަގަރީތަކުގެ ތެރޭގައި 170 ސެންޓިމީޓަރު ސްޕޯޓްސް ފިޒީކް، 175 ސެންޓިމީޓަރު ސްޕޯޓްސް ފިޒީކް، 167 ސެންޓިމީޓަރު އެތްލެޓިކް ފިޒީކް، 175 ސެންޓިމީޓަރު އެތުލެޓިކް ފިޒީކް، އަދި އަޕް ޓު 180 ސެންޓިމީޓަރު އެތްލެޓިކް ފިޒީކް ހިމެނެއެވެ.
އަޒްނީންގެ އިތުރުން މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ މަނާފް ވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕްޓު 167 ސެންޓިމީޓަރު ކެޓަގަރީގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ. އަދި، މަބްރޫކް ވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕްޓު 180 ސެންޓިމީޓަރު ކެޓަގަރީގައި ވާދަކޮށް ރިހި މެޑަލް ހޯދައިފަ އެވެ.












