ފާއިތުވި ހަތަރު ސީޒަނުގައި ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ދެ ވަނަ މެޗުން 3-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ރެކޯޑް ދަމަހައްޓައިފި އެވެ.
މިދިޔަ މެއި މަހު އެފްއޭއެމް އިން ބޭއްވި ލީގު ކަޕް ޗެމްޕިއަންކަން ހޯދި މާޒިޔާ އިން ވަނީ ސީޒަން ހުޅުވި ޗެރިޓީ ޝީލްޑް މެޗާއި ލީގުގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އަތުން މޮޅުވެފަ އެވެ. ލީގު ފުރަތަމަ މެޗުން އީގަލްސް އަތުން މޮޅުވީ 5-1 އިންނެވެ. މިރޭ، ކުޅުނު މެޗުގައި ވެސް ލަސްތަކެއް ނުވެ، މާޒިޔާ އިން ލީޑުނަގައި މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާ އިން ލީޑުނެގީ، އަށް ވަނަ މިނިޓްގައި، އެ ޓީމުގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީ ޖެހި ގޯލުންނެވެ. ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯގެ ޔޫތު ޓީމުތަކާއި އިންޑިއާ ލީގުގައި ވެސް ކުޅެފައިވާ މެންޑީ މި ގޯލު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ހުރަހަކުން ބޮލުންނެވެ.

މާޒިޔާގެ ސްޕެއިން ފޯވާޑް މެންޑީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
މާޒިޔާ އިން އެހާ ކުރީކޮޅުގައި ލަނޑެއް ޖަހައި ލީޑުނެގި ނަމަވެސް، ޓީސީން ވަނީ ޑިފެންސްކޮށް، މެޗުގެ ތެރެއަށް ވަންނަން ލިބޭ ފުރުސަތުތަކުގައި މަސައްކަތްކޮށްފަ އެވެ. އެކަމަކު، މެޗުގެ 43 ވަނަ މިނިޓްގައި، މާޒިޔާ އިން ވަނީ ލީޑުފުޅާކޮށްފަ އެވެ. މި ލަނޑު ޖެހީ، ޓީސީ ޑިފެންޑަރުންގެ ތެރެއިން، ނާއިޒް ހަސަން (ދާދު) ދިން ބޯޅައެއް އޭރިއާތެރެއިން ހަމްޕު ހޯދައި، ގޯލު ކުރިމައްޗަށް އައި، ހަސަން ނަޒީމް (ޗޯޓު) އަށް ދީގެންނެވެ. ޗޯޓު ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
ޓީސީން ވެސް ވަނީ ލިބޭ ފުރުސަތުތަކުގައި މާޒިޔާގެ ހާފުގައި ރަނގަޅަށް ކުޅެ، ގޯލެއް ޖަހަން އެޓޭކްތަކެއް ކޮށްފަ އެވެ. އެ ގޮތުން، އެ ޓީމުގެ ބަދަލަކަށް ކުޅެން އެރި އައިހަމް ހަމްދޫން ޖެހި ބޯޅައެއް ގޯލު ދަނޑިކައިރިން ވަނީ ގޮސްފަ އެވެ.

މާޒިޔާގެ އިލާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
މެޗުގެ ފަހުކޮޅުގައި މާޒިޔާ އިން ތިން ވަނަ ލަނޑު ޖެހީ، 16 އަހަރުގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އެވެ. އިލާން މި ލަނޑު ޖެހީ، 87 ވަނަ މިނިޓްގައި، ނައްސާހު އިބްރާހިމް ނާސިރު، އޭރިއާތެރެއިން ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު އެވެ ނައްސާހު ވެސް ކުޅެން ނުކުތީ ބަދަލަކަށެވެ.
ލީގުގައި މާދަމާ ހަވީރު، ކްލަބް ގްރީން ސްޓްރީޓްސް އިން ކުޅޭނީ ވިކްޓަރީއާ އެވެ. މާދަމާރޭ ޔުނައިޓެޑް ވިކްޓަރީން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅޭނެ އެެވެ.










