އދ. ދިއްގިރި ކައިރިއަށް ފަރަށް އެރި "އަލްމަޖްރާ" ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށް ގޮސް ހިނގި ހާދިސާގައި ބޯޓުން ދަތުރުކުރި ތިން މީހުން ވެސް ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރި އެ ދޯނި ދިޔަވާކަމުގެ މައުލޫމާތު ލިބުނީ ފަތިހު 5:34 ގައި ކަމަށެވެ. އެގޮތުން ވ. އަތޮޅުގެ ފުލުހުން އެ ސަރަހައްދަށް ދިޔައިރު ދޯނިން ދަތުރުކުރި ތިން މީހުން ފަރުމަތީގައި ހާލުގައި ޖެހިފައި ތިއްބާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
"މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި ތިން މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ވަނީ ފެނިފައި،" ފުލުހުން ބުންޏެވެ.

ފަރަށް އަރައި ދިޔަވެ އަދި އަޑިއަށްދިޔަ ދޯނި -- ފޮޓޯ: ފުލުހުން
ދޯނިން ދަތުރުކުރި ތިން މީހުންގެ ހާލު ރަނގަޅު ކަމަށާއި އެ ތިން މީހުން ވ. ފެލިދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުންގެ ތެރެއިން އެކަކަކީ ދިވެއްސެކެވެ. އަދި ބާކީ ދެ މީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

ދޯނިން ދަތުރުކުރި މީހުންނާ ހަވާލާދީ ފުލުހުން ބުނީ އެ ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށެވެ.
މިގޮތުން ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އެންމެން ވެސް އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.












