ވައްކަމުގެ ކުށުގެ ރެކޯޑު އޮތް މީހަކު ޗޮކުލެޓެއް ވަގަށް ނަގައިގެން 15 ދުވަހަށް ބަންދުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ، ޒަވާދަވިއު، ޝުރައިހު ޝަރީފު، 37, އެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ ފިހާރައަކުން ސްނިކާސް ބްރޭންޑުގެ ޗޮކުލެޓެއް ވަގަށް ކެއުމަށްފަހު އޭގެ ކަރުދާސްގަނޑު ޖީބަށް ލައިގެން އެތަނުން ނުކުންނަށް އުޅެނިކޮށެވެ.
ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖެހި އަމުރުގައި ބުނެފައިވަނީ ޝުރައިހު ވައްކަން ކުރަނިކޮށް ފެނުނީ ފިހާރައިގެ ސެކިއުރިޓީ ކެމެރާގެ ފުޓޭޖު ބަލަން އިން މީހާއަށް ކަމަށެވެ. ފިހާރައިގެ މުވައްޒަފުން އޭނާ ހިފަހައްޓާ ފުލުހުންނާ ހަވާލުކުރީ އެ ހިސާބުންނެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ ޝުރައިހަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.

އެގޮތުން ވައްކަމުގެ ކުށް ހިމެނޭހެން މި އަހަރު އެކަނިވެސް އޭނާ ތިން ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވެ އެވެ. ތަކުރާރުކޮށް ވައްކަން ކުރުމުގެ ރެކޯޑު އޮތް މީހަކު މިގޮތަށް ދޫވެފައި ހުރި ސަބަބެއް ސާފެއް ނޫނެވެ.












