މަޝްވަރާނުކޮށް ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް "ހިތުހުރި ބަދަލެއް" ގެނައުމުން ޑިމޮކްރެޓްސް އިން އެކަން ކުށްވެރިކޮށްފި

May 19, 2025, 3:39 AM
ޑިމޮކްރެޓްސް އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސާއިފް ފާތިހު: އެ ޕާޓީ އިން ބުނީ ޑިމޮކްރަސީގެ ހަމަތަކާ ސަރުކާރުން ބީރައްޓެހި ކަމަށް -- ފޮޓޯ: އަދަދު ފައިލް

ޑިމޮކްރެޓްސް އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސާއިފް ފާތިހު: އެ ޕާޓީ އިން ބުނީ ޑިމޮކްރަސީގެ ހަމަތަކާ ސަރުކާރުން ބީރައްޓެހި ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންނާ މަޝްވަރާނުކޮށް ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ސަރުކާރުން ބަދަލު ގެނައުމުން ދަ ޑިމޮކްރެޓްސް އިން އެކަން ކުށްވެރިކޮށްފި އެވެ.

އިއްޔެ ނެރުނު ބަޔާނެއްގައި ޑިމޮކްރެޓްސް އިން ބުނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ދެ ވަނަ ފަހަރަށް ބަދަލުކޮށް، ހުރިހާ ގޯތިތަކެއް މިހާރު ހިއްކާ ނިމިފައި ހުރި ސަރަހައްދަށް ޖަމާ ކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"މާލެ ރަށްވެހިންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދަން ގާއިމުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހިއްކާ ތަރައްގީކުރަން ނިންމާފައިވާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އާންމު މަޝްވަރާއެއް ހިޔާލެއް ހޯދުމަކާނުލައި، ހިތުހުރި ބަދަލެއް ގެނެސް، ގެޒެޓުކޮށްފައިވާތީ އެކަން ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޕާޓީއިން ބުނީ ރައްޔިތުންނާ މަޝްވަރާނުކޮށް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަކީ ރާއްޖޭގެ ދުސްތޫރީ އަދި ގާނޫނީ އޮނިގަނޑު ހުއްދަ ނުކުރާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ގާނޫނީ އޮނިގަނޑު ތަސައްވަރުކުރަނީ ރަސްމީކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި އަތޮޅަކާއި ސިޓީއެއްގެ މުނިސިޕަލް ހިދުމަތްތަކާއި އާބަން ޕްލޭނިންގް ތަރުތީބުކުރާންވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި މަޝްވަރާގެ މައްޗަށް ކަން،" އެ ޕާޓީ އިން ބުންޏެވެ.

"ތިމާގެ ރަށްވެހިކަން ނިސްބަތްވާ ތަނުގެ އިންތިޒާމުތަކާއި ތަރުތީބުތަކުގެ މައްޗަށް ފާޑުކިޔާ، ހިޔާލާއި މަޝްވަރާ ދީ، ތަރައްގީކުރުމުގައި ސީދާ ބަސްބުނެ، ގޮތްކަނޑައަޅާ ނިންމުމުގައި ބައިވެރިވުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ ޑިމޮކްރެޓިކް ހައްގެއް."

ޑިމޮކްރެޓްސް އިން ބުނީ ޒަމާނީ ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ރުކުނަކީ އެ ބަޔަކު ދިރިއުޅޭ ތަނެއް ބިނާ ކުރުމުގައި އެ ބައެއްގެ މަޝްވަރާ އާއި ލަފާ ހޯދުން ކަމަށެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައި އިރު، މަޝްވަރާކޮށްފައިނުވާތީ ޑިމޮކްރަސީ އަދި އާބަން ޕްލޭނިންގެ ހަމަތަކާ ސަރުކާރުން ބީރައްޓެހި މިންވަރު ދަލީލުކޮށްދޭ ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.

"އެތައް ހާސްބަޔަކު ދިރިއުޅެން ބިނާކުރާ ވަޒަނެއްގެ ރަށްވެހިކަމުގެ އިންތިޒާމުތައް ޕްލޭންކޮށް، ހަމަޖައްސާއިރު އެތަނުގައި ދިރިއުޅެން ތިބި މީހުންނާއި، ތަނުގައި ވަޒަންވެރިވާން ތިބި ރައްޔިތުން ތަމްސީލުކުރާ ގުޅީފަޅު ރަށްވެހިންގެ ޖަމްއިއްޔާފަދަ އެންޖީއޯތަކާއި، އިންޓަރެސްޓް ގްރޫޕްތަކާއި، ޑިމޮކްރެޓިކް ވޯޓުން ހޮވާފައިވާ މާލެ ސިޓީ ކައުންސިލްގެ ބަހެއް، ރުހުމެއް ހޯދަން ޖެހޭނެ ކަމަށް ސަރުކާރަށް ނުފެނުމަކީ ޒަމާނުގެ ޑިމޮކްރެޓިކް އަދި އާބަން ޕްލޭނިންގް ހަމަތަކާ ސަރުކާރު ބީރައްޓެހި މިންވަރަށް ދަލީލުކުރާ ކަމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ދެ ވަނަ ފަހަރު ބަދަލު ގެނައީ ގުޅީފަޅު ރައްޔިތުންގެ ޖަމިއްޔާއާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ނަމަވެސް އެ ޖަމިއްޔާއިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

"މުއްތަލިބު އަޅުގަޑުމެންނާ މަޝްވަރާއެއް ނޫން ކުރީ. ލޭންޑް ޔޫސް ޕްލޭން ގެޒެޓް ކޮށްފަ މިކަން މިހެންނޭ މިއޮތީ ނިމިފަ، މިކަހަލަ ބީދާ އަކުން ކުރިޔަށް ދިޔަ ކަމެއް މިއީ. މިނިސްޓަރު އަޅުގަޑުމެން ބޮލުގަ އިލްޒާމް ނާޅުވައި އަޅުގަޑުމެން ގުޅުއްވީމާ ފޯނު ނަންގަވާ، ވަގުތު ފާއިތެއްނުވޭ،" އެ ޖަމިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ ވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯއްޗެވެ. އެއީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރި 1337 ގޯތި ވެސް ހިމަނައިގެންނެވެ. އެންމެ ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައިރު 90 ގޯތި އޮތީ އިތުރުކޮށްފަ އެވެ. އެއީ ކޮން ބޭނުމެއްގައި އިތުރު ކުރި ގޯތިތަކެއް ކަމެއް ނޭނގެ އެވެ.

ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން މިދިޔަ ސަރުކާރުން ޝާއިއު ކުރީ އޯގަސްޓު 24، 2023، ގަ އެވެ. އެ ޕްލޭނަށް މި ސަރުކާރުން އެންމެ ފުރަތަމަ ބަދަލުތަކެއް ގެނައީ އޮކްޓޯބަރު 27، 2024، ގަ އެވެ. އެ ބަދަލު ގެނައީ އެ ރަށުގައި މުހިންމު އިންފްރާސްޗަކްތާތައް ގާއިމްކޮށްފައި ނެތުމުން ކަމަށް ސަރުކާރުން ބުންޏެވެ.

ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގޯތިތައް ހުރި ތަން ވަނީ ބަދަލުވެފަ އެވެ. އެކަމަކު، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީއެއް ސަރުކާރުން ނުދެ އެވެ. އޭގެ ފަހުން އަނެއްކާ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ މިދިޔަ ހުކުރު ދުވަހެވެ. އޭގެ ބޭނުމަކީ މިހާރު ވެސް ހިއްކާފައި އޮތް ތަނުން ގޯތި ދިނުމަށްފަހު އަވަހަށް ރަޖިސްޓްރީ ދޫކުރުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަޙައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބު އެހެން ވިދާޅުވި ނަމަވެސް ނުހިއްކާ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. ބިންވެރިޔާ ސްކީމް ހިންގުމަށްޓަކައި، ބަންޑާރަ ގޯތި ރަޖިސްޓްރީކޮށްދިނުމުގެ ގަވާއިދަށް ބަދަލު ގެނެސް، ނުހިއްކާ ސަރަހައްދަކުން ވެސް ގޯތި ދެވޭނެ މަގު ވަނީ ފަހިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox