ރާއްޖޭގެ ކުލަގަދަ ސިޔާސީ ތާރީހުން ހާދިސާއެއް: އުތީމު ދަރިކޮޅުގެ ނިމުން (ހަތަރު ވަނަ ބައި)

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ހަސަން ތާޖުއްދީން އޭނާގެ ތާރީހު ފޮތުގައި ވަރަށް ބޮޑު ތުހުމަތެއް ކުރައްވާފައިވެއެވެ. އެއީ މަޝްހޫރު އިސްކަންދަރު ރަސްގެފާނު އަވަހާރަވީކީ ނޫންކަމަށް ލިޔުއްވަމުން ކުރެއްވި ތުހުމަތެކެވެ. އެ ރަސްގެފާނުން އަވަހާރަކޮށްލެވުނީ ކަމަށާއި އަދި އެކަން ކުރެއްވި ފަރާތަކީ ރަސްގެފާނުގެ އަނބިކަނބަލުން ކަނބާ މަރިޔަމް ރަނިކިލަގެ ކަމަށް ކުރައްވާފައިވާ ބޮޑު ތުހުމަތެވެ. ތާރީޚު ދީބާ މަހަލްގައި އޭނާ ލިޔުއްވާފައިވަނީ އަންނަނިވި ފަދައިންނެވެ.

ތިން ވަނަ ބައި

"ބުނެވޭ ގޮތުގައި ރަސްގެފާނުގެ ދަރިކަނބަލުންގެ މައިކަމަނާ މަރިޔަމް ވިހަ ބުއިމެއް ކައްކަވާފައި އެރުވީއެވެ. މި ބުއިން އެރުވީ ނުދަ ދުވަހެއްގެ މެންދުރެވެ. އަވަހާރަވީ ހުކުރު ވިލޭރޭގައެވެ."

ތާޖުއްދީނުގެ މި ބަސްތަކާއި މެދު ތަހުލީލީ ނަޒަރަކުން ވިސްނާއިރު ވަރަށް ގިނަ ސުވާލުތަކެއް އުފެދެއެވެ. ވިސްނާވަޑައިގަންނަވާށެވެ. އެވިދާޅުވަނީ 39 އަހަރު ދުވަހު ތަހުތުގައި އިންނެވި ރަސްކަލަކު އަވަހާރަކޮށްލެވުނު ވާހަކައެވެ. އެއީ ކޮންކަހަލަ ރަސްކަލެއްތޯއެވެ. ސިޔާސީ ގޮތުން ބާރުގަދަ އެތައް ބައެއްގެ ލޯތްބާއި އިހުތިރާމު މިލްކުކުރައްވައިގެން އިންނެވި ރަސްކަލެކެވެ. ހައިބަވަންތަ ބޭފުޅެކެވެ. މިފަދަ ރަސްކަލަކު އަވަހާރަކޮށްލެވުނީ ކަމާއި އަދި އެކަން ކުރެއްވީ ކަނބާ މަރިޔަމް ރަނިކިލަގެކަންވެސް ބުނެވޭ ގޮތެއްގައި މި އެއްސެވީ އެކަމަނާ އާއި އިންތިހާޔަށް ސިޔާސީ ގޮތުން ޖެހިފައި ހުންނެވި ހަސަން ތާޖުއްދީނެވެ.

Advertisement

ވިސްނާވަޑައިގަތުން ހުއްޓެވެ! އެބުނެވުނު ފަދައިންނަމަ އަވަހާރަކޮށްލެވުނީ އާއްމު ރައްޔިތުންގެ ނަފުރަތެއް ރައްދުވޭވޭ ހުރި ރަސްކަލެއް ނޫނެވެ. ދައުލަތް ހިންގަވަން ތިއްބެވި ބޮޑުންނަށް ބިރުދައްކަވައިގެން ނުފޫޒު ހިންގަވަމުން ތަޚުތުގައި އިންނެވި ރަސްކަލެއްވެސް ނުމެނޫންމެއެވެ. ވީމާ އެއީ އެރަސްކަލެއްގެ ކިބައިން ސަލާމަތް ނުވެވިގެން ބަޔަކު ތިބޭނޭ ފަދަ ރަސްކަލެއް ނޫނެވެ. އެހެންނޫންނަމަ އެ ރަސްކަލަކު އަވަހާރަކޮށްލިޔަސް އެކަމާ އަޅާނުލާ ތިބެދާނޭ މީހަކަށް ބުނެވިދާނެއެވެ. އެކަމަކު ކަން އޮތީ އެހެނެއް ނޫނެވެ. އެފަދަ ބުނެވުމެއް ދެން ދައުލަތް ހިންގަވަން ތިއްބެވި އުތީމު ދަރިކޮޅުގެ އަމީރުންނާއި ދައުލަތުގެ ކިލެގެ ބޭކަލުންނާއި (ލޯޑުންނާއި) އަދި ވަޒީރުންނަށް އިވި ޝައްކެއް ކުރެއްވިފައިވާނަމަ އެބައިމީހުންގެ އިހުތިރާމާ ލޯބި ރައްދުވޭވޭ ހުރި އެ ރަސްގެފާނާއި މެދު އެފަދަ އަމަލެއް ކުރެއްވި ފަރާތެއްގެ މައްސަލަ ބެއްލެވީހެވެ.

ތާޖުއްދީނަށް އިވިލައްވާފައިވާ ފަދައިން އިސްކަންދަރު ރަސްގެފާނު އަވަހާރަކޮށްލެއްވީ އެ ރަދުންގެ އަނބިކަނބަލުން ކަނބާ މަރިޔަމް ކަމަށް އެއިރު ދައުލަތުގެ ކުރިޔަށް ތިއްބެވި ބޮޑުންނަށް ތުހުމަތު ކުރެވުނު ނަމަ އެބޭކަލުން އެކަމަނާއަށް އިތުބާރެއް ނުކުރައްވާނެއެވެ. ނަފުރަތު ރައްދުކޮށް އެކަމަނާގެ މައްޗަށް އެހުރިހާ ބޭކަލުންމެ އަދާވާތްތެރިކަން ފައުޅުކުރެއްވީހެވެ. އަމުދުން އެފަދަ ތުހުމަތެއް ކުރެވިފައިވާނަމަ، ދެން ބަލާން ޖެހޭނީ އެކަމަނާއަކީ އެކަމަނާގެ ގައިގާ އަތްލާން ނުކެރޭވަރުގެ އާރަކާއި ބާރެއް ލިބިވަޑައިގެން އިންނެވި ކަމަނާއެއެތޯކަމަށެވެ. އެކަމަކު މިކަން އޮތީވެސް މިހެނެއް ނޫނެވެ. އިސްކަންދަރު ރަސްގެފާނު އަވަހާރަވީ އިރުގައި އެރަދުންގެ އަނބިކަނބަލުންނަކީ ބަޔަކަށް އަތްލާން ނުކުރޭ ވަރުގެ ބާރަކާއި އާރެއް ލިބިލައްވާފައިވާ އިންނެވި ފަރާތްޕުޅެއްވެސް ނޫނެވެ.

މިހެން މިދެންނެވީ އެކަމަނާ އަކީ އެއިރު ރާއްޖޭގައި ނަގާކިޔަން ތިބި އެއްވެސް ބޭފުޅަކާއި ތިމާގެކަމެއް އޮތް ބޭކަނބަލަކަށް ނުވާތީއެވެ. ގައުމުގައި ބާރު ހުރި ސިޔާސީ ޚާންދާނަކަށް ނިސްބަތްވެވަޑައިގަންނަވާ ކަމަނާއަކަށް ނުވާތީއެވެ. ހަމައެހެންމެ އެކަމަނާގެ ގާތްތިމާގެ އެއްވެސް މީހަކު ދައުލަތުގެ އިސް މަގާމެއް ކީއްކުރަންތޯ، ކުޑަތާ ގަނޑުވަރުތެރޭގެ އިސް މަގާމެއްގައިވެސް ހުންނެވި ފަރާތްޕުޅަކަށް ނުވާތީއެވެ. މި ސިލްސިލާގެ ދެވަނަ ބައިގައި ދެންނެވިފައި ވާނޭ ފަދައިން އެއީ އަޅު އަންހެނެކެވެ. ގަނޑުވަރުތެރޭގައި ގެންގުޅުނު ޖާރިޔާއެކެވެ. އެކަމަނާގެ މާމައަކީވެސް ޖާރިޔާއެކެވެ. ވީމާ ރަސްގެފާނު އަވަހާރަކޮށްލީ އެކަމަނާ އެރުވި ވިހަ ބުއިމެއް ހިއްޕަވައިގެން ކަމަށް ރަށުތެރޭގައި އަޑުފެތުރުނު ނަމަ އެކަމަނާއަށް އެ ތުހުމަތަކުން ސަލާމަތެއް ނުހޯއްދެވޭނެއެވެ.

ކަންވެފައި އޮތީ ކިހިނަކުންތޯއެވެ. އިސްކަންދަރު ރަސްގެފާނު އަވަހާރަވުމުން އެރަދުންގެ އެ ތުއްޕުޅު ދަރިކަލުން ތަޚުތަށް އިސްކުރައްވައިގެން އެންމެހައި ބޮޑުން ހަމަ ތިއްބެވީނޫންތޯއެވެ. އެ ތުއްޕުޅު ރަސްގެފާނަށް އަތުވެދާނޭ ނުރައްކަލަކަށްޓަކައި ގަނޑުވަރުގައި ފާރަޔަށް ދައުލަތުގެ ބޮޑުން ތިއްބެވި އިރު އެއިން އެއްވެސް ބޭކަލަކު ކަނބާ މަރިޔަމަށް ނުބައި ނަޒަރަކުން ނުދެކޭކަށްވެސް ހާމަވަނީ އެ ތުއްޕުޅު ދަރިކަލުން އެކަމަނާ އާއި ވަކި ނުކުރައްވާތީއެވެ. އަދި އެކަމަނާ ވެލާނާ ތަކުރުފާނާ ދެކޮޅަށް ޝަކުވާ ކުރައްވާ ވެލާނާ ތަކުރުފާނު ވައްޓާލުމާއި ހަމަޔަށް ބޮޑުންގެ މެދުގައި ސިޔާސީ ގޮތުންވެސް އެކަމަނާ އާއި ދެބަސްވުމެއް އޮތްކަމަކަށްވެސް ނުފެނެއެވެ.

ބައްލަވާށެވެ! އެކަމަނާގެ ހަޔާތްޕުޅުގެ އެންމެ ފަހު ވަގުތާއި ހަމަޔަށްވެސް އެއިރު ރާއްޖޭގައި ހުންނެވި އުއްތަމަ ފަނޑިޔާރު ތަކުރުފާނު އަލްޤާޟީ މުހައްމަދު ބުނު ހާޖީ އަލީ ތުއްކަލާ ހުންނެވީ ހަމަ އެކަމަނާގެ ފަހަތްޕުޅުގައެވެ. އެއީ ދިވެހި ތާރީޚުގައި ފަހުން ދެއްވަދޫ ރަސްގެފާނުގެ ނަމުން މަޝްހޫރުވި ރަދުންނެވެ. ބޮޑު ދަންނަ ބޭކަލެކެވެ. ފިގުހުވެރިއެކެވެ. ދީނީ އިލްމު އުނގެނިގެން ހުންނެވި ބޮޑު އާލިކެމެކެވެ. ހުންނެވީ ތާޖުއްދީނު އެވިދާޅުވާ ނުބައި ފާސިދު ކަނބާ މަރިޔަމުގެ ފަހަތްޕުޅުގައެވެ.

އިސްކަންދަރު ރަސްގެފާނު އަވަހާރަވީ އެކަމަނާ ޒަހަރު އަޅާފައި ދެއްވި ބުއިމެއް ހިއްޕަވައިގެން ކަމަށް ބުނެވޭކަމަށް ހަސަން ތާޖުއްދީނަށް އިވިލެއްވި އިރު، މި ދެންނެވި އުއްތަމަ ފަނޑިޔާރަށް އިވިލައްވާފައި ނެތީ ކީއްވެގެންބާވައެވެ. ރަދުންގެ ހިމާޔަތުގައި ދުވާލާއި ރޭގަނޑު ސަމާލުވެ އޮތް ދިވެހި ޝާހީ ލަޝްކަރަށް އެ އަޑު އިވިފައި ނެތީ ކީއްވެގެންތޯއެވެ؟ އަދި އާއްމު ރައްޔިތުންނަށް އެކަހަލަ އަޑެއް އިވި ހަވަރު އެއްވެފައި ނުވަނީ ކީއްވެގެންތޯއެވެ؟ އަދި ތާޖުއްދީނު އެބަޔަކަށް ތާއީދު ކުރައްވާ ސިޔާސީ ފަޅީގެ ބޭބޭކަލުންނަށްވެސް އެބޭބޭކަލުންނާއި އެކަމަނާ ދެކޮޅުވެއްޖައުމާއި ހަމަޔަށް އެ އަޑު އިވިލައްވާފައި ނެތީ ކީއްވެގެންތޯއެވެ. އެހެނީ އެ އެންމެ ބޭކަލުންމެ ހަމަ ތިއްބެވީ އެކަމަނާގެ މައްޗަށް އެއްވެސް ރުޅިއެއް ނަފުރަތެއް އަދާވަތެއް ނެތިއެވެ. އެކަމަނާ އާއި ދެކޮޅުވީ ބަޔަކު ދެކޮޅުވެރިވީ ސިޔާސީ ގޮތުންނެވެ. އޭގެ ތަފްސީލުތައް މި ސިލްސިލާގައި އިސްވެ ހިނގާއްޖެއެވެ.

އެ ޒަމާނުގެ މުޅި މަންޒަރަށް ބެލުމުން ދޭހަވާ މާނައަކީ އިސްކަންދަރު ރަސްގެފާނު އަވަހާރަކޮށްލެވުނީ ކަމަށާއި އެކަން ކުރެއްވި ފަރާތަކީ އެރަދުންގެ އަނބިކަނބަލުން ކަމަށް ބުނެވޭކަމަށް ތާޖުއްދީނަށް އެ އިވިލެއްވި ބުނެވުން ހަމައެކަނި އިވިލައްވާފައިވާ ފަރާތަކީ އޭނާކަމެވެ. އޭގެ ސަބަބަކީ ސިޔާސީ ރުޅި އާއި ނަފުރަތުކަމެވެ. އެކަމަނާގެ ފުށުން ތާޖުއްދީނަށާއި ތާޖުއްދީނުގެ ޖަމާއަތަށް ލިބުނު ދެރަ އާއި ނިކަމެތިކަމެވެ. އެހެންކަމުން އެކަމަނާގެ ވާހަކަ ބަޔާން ކުރެއްވި ގަލަމުގެ ދެލި ފޭދިފައިވަނީ ވަރަށް ބޮޑަށް ތައައްސަބީ މަގަކުންކަމެވެ.

ހަމައެކަނި އެ ތުހުމަތެއް ނޫނެވެ. އެކަމަނާއީ ފާޅުގައި ޒިނޭކުރައްވާ ފަރާތެއްކަމަށާއި ޅަފިރިހެން ކުދީން ގެންނަވައިގެން ނަހަމަ ގޮތުގައި އުޅުއްވާ ފަރާތެއްކަމަށާއި އަދި އަރުމާޒު ދަތުރު ހައްދަވައިގެން ރަށްރަށަށް ވަޑައިގަންނަވާ މީހުންގެ މުދާތައް ފޭރިކައި އުޅުއްވި ފަރާތެއްކަމަށް ލިޔުއްވާފައި އެވަނީވެސް ހަމަ މިދެންނެވި ތައައްސުބީ ގަލަމުންކަމުގައި ބެލެވެއެވެ. މިހެން މި ދަންނަވަނީ ހަމަ އިސްވެ ދެންނެވިފައިވާ ސަބަބުތަކަށްޓަކައެވެ. ތާޖުއްދީނު އެކަމަނާ އާއި ގުޅޭ ގޮތުން ކުރައްސަވާފައިވާ ސޫރަތަކަކީ ގަބޫލު ނުކުރެވޭނެ ސޫރަތަކެއް ކަމުގައި މި ދަންނަވާ އެހެނިހެން ސަބަބުތައްވެސް ވެއެވެ. އިސްވެ ދެންނެވިފައި އެވަނީ މަންތިގީ ހަމަތަކެއްގެ ވާހަކައެވެ.

ދެންނެވިފައިވާ މަންތިގީ ހަމަތަކުގެ އިތުރުން މީހުން އަޖާއިބުވެ އަންތަރީސްވާހާ ހުތުރު ފާސިދު ގޮތަކަށް އެކަމަނާ އުޅުއްވާފައިވާކަމަށް ފެންނަ ފަދަ އަމަލުތަކެއްގެ ވާހަކަ ތާޖުއްދީނު ލިޔުއްވާއިރު ދިވެހި ތާރީހުންވެސް އެކަމާއި ދެކޮޅަށް ކިތަންމެ ހެއްކެއް ފެނެއެވެ. ފުރަތަމަ ކަމަކީ މިރާއްޖޭގެ ރަސްކަމުގެ ނިޒާމަކީ އެޒަމާނުގައި ވިލާތުގައި އޮތްފަދަ ހުދުމުހުތާރު ރަސްކަމުގެ ނިޒާމެއް ނޫންކަމަށްވާކަމެވެ. އެފަދަ ހުތުރު ނަހަމަ ގޮތަކަށް އުޅުއްވުމުގެ ބާރާއި އިޚުތިޔާރު މިރާއްޖޭގައި ހިނގަހިނގާ އޮތް ރަސްކަމުގެ ނިޒާމުން ރަސްކަލަކަށް ލިބިދީފައި ނުއޮވެއެވެ.

ތާރީހުގެ ސަފުހާތައް އުއްކަވާ ބައްލަވާށެވެ. މި ކަނބާ މަރިޔަމުގެ ޒަމާނުގެ މާކުރިން..އާދެ އޭގެ 300 އަހަރު ކުރީން އުޅުއްވި ރަސްކަލެއް މީހުންގެ އަނބީންގެ ގާތަށް ވަންނާތީ ރަސްކަމުން އަޒުލުކޮށްފައިވާކަން ޞަރީހަކޮށް ތާރީހުން އެނގެން އޮވެއެވެ. މިއީ އަދި ކަނބާ މަރިޔަމަށްވުރެ މާކުރީގެ ހާދިސާއަކަށް ވާއިރު ކަނބާ މަރިޔަމް ފަދަ ގާއިމުމަގާމަކު، އެމަގާމުން ވަކި ކުރުމަކީ ދަތިކަމަކަށް ބަޔަކަށް ނުވާނެއެވެ. ހަމައެހެންމެ މި ދެންނެވި މިސާލު ނޫނަސް ރަސްރަސްކަލުންނަށް ބޭނުންފުޅުހާ ގޮތަކަށް އުޅުއްވުމުގެ އިޚުތިޔާރު މިރާއްޖޭގެ ރަސްކަމުގެ ނިޒާމުގައި ލިބިދީފައި ނުއޮންނަކަމުގެ ކިތަންމެ ހެއްކެއް ތާރީޚު އެންމެ ކުޑަކޮށް ބެއްލެވި މީހަކަށްވެސް ފެންނާނެއެވެ.

ވީމާ އަދަބުވެރިކަމާއި އެކު ދަންނަވަން ޖެހެނީ ހަސަން ތާޖުއްދީނު ކަނބާ މަރިޔަމް ރަނިކިލަގެ އާއި މެދު ކުރައްސަވާފައިވާ މަންޒަރުތަކަކީ ތާރީހީ ހަގީގަތަކަށްވުރެ ބޮޑަށް އެ ވައްތަރުވަނީ އަމިއްލައަށް ދުރުވި ރުޅި އާއި އިސްކުރެއްވި ނަފުރަތުގެ މަންޒަރުތަކަކާއި ކަމެވެ. އެކަމަނާގެ ފަހަތްޕުޅުގައި އެތިއްބެވިހާ ބޮޑުންނާއި އެއިރުގެ އުއްތަމަ ފަނޑިޔާރު ތަކުރުފާނަށާއި އަދި ދިވެހި ޝާހީ ލަޝްކަރަށް ތާޖުއްދީނަށް އެ އިވިލެއްވި އިވިލެއްވުންތަކާއި ފެނިލެއްވި މަންޒަރުތައް ފެނިލައްވާފައި ނުވުމަކީ އަޖައިބެކެވެ. އެ މަންޒަރުތައް ފެނިގެން އެބައިމީހުން ހަނު ތިއްބަވާފާނޭކަމަށް ދުށުމީ ދިވެހި ވެރިކަމުގެ ނިޒާމު އެއިރު އޮތްގޮތާއި، މާޒީގައި ހިނގާފައިވާ ގިނަ ހާދިސާތަކާއި އަދި ދިވެހިންގެ އެއިރުގެ މިޒާޖާއި ތަބީއަތާއި ހަމައެހެންމެ މުޅި ދިވެހި މުޖުތަމައުގެ ސަގާފަތުގެ ތެރެއިން ވިސްނާއިރު އެހާ ހަމަޖެހޭ ވިސްނުމެއްކަމުގައި ނުވެއެވެ.

ކަނބާ މަރިޔަމް ރަނިކިލަގެއަކީ އެކަމަނާގެ އަމަލުފުޅުތަކުން އެންމެ މާތް ހަރުދަނާ ޝަހުސިއްޔަތޭ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ. އެހެންނަމަވެސް ދަންނަވާން މިއުޅޭ ހަގީގަތަކީ އެކަމަނާގެ އިސްތަށިފުޅުގައި އެޅިފައިވާ ބައެއް ތުހުމަތުތަކަކީ ދިވެހި ތާރީހުގެ ހެކިތަކާއި މަންޠިގީ ހަމަތަކުގެ މަތީން ބުއްދިޔަށް ގަބޫލުކުރެވެން ނެތް ހެކިތަކެއްކަމަށެވެ. އެ ތުހުމަތުތަކުގެ ސަބަބުން އެކަމަނާ ރަސްކަން ހިންގެވި ދުވަސްވަރުގައި ދިވެހިރާއްޖެއަށް ލިބުނު މޮޅާއި ޝަރަފަށްވެސް ވަނީ ފަނޑުކަން އައިސްފައެވެ. އެކަމަނާ ރަސްކަން ހިންގެވި ދުވަސްވަރު އަދާވާތްތެރިންނާއި ހަނގުރާމަ ކުރައްވާ ދިވެހި ގައުމަށް ލިބުނު ނަޞްރާއި ކާމިޔާބީގެ ވާހަކަތަކަށްވެސް ވަނީ އިންތިހާ ދަރަޖައަށް ފަނޑުކަން އައިސްފައެވެ. (ނުނިމޭ)

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox