މާލޭގެ އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ ހައްގުގައި ޒުވާނުން ރޭ ކުރިއަށްގެންދިޔަ ސުލްހަވެރި މުޒާހަރާ ބާރުގެ ބޭނުން ކޮށްގެން ރޫޅާލުމާއި މީހުން ހައްޔަރުކުރުމާ މެދު އެއްޗެއް ބުނަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ދެކޮޅު ހަދައިފި އެވެ.
ފުލުހުން ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލުމާއި އަނިޔާވެރިކޮށް މީހުން ހައްޔަރުކުރުމާ ގުޅޭ ގޮތުން ތަކުރާރުކޮށް އަދަދު އިން އެޗްއާރްސީއެމްއަށް ގުޅައި މެސެޖުކޮށްފައިވީ ނަމަވެސް އެކަމާ ގުޅިގެން އެއްޗެއް ބުނަން އެ ކޮމިޝަނުން ވަނީ ދެކޮޅު ހަދައިފަ އެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް ނާޅައި އެ ހައްގުގެ ބޭނުން ހިފުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެޗްއާރްސީއެމްއިން މިދިޔަ މާޗު 13، ގައި ގޮވާލާފައިވެ އެވެ. އަދި މުޒާހަރާ ރޫޅާލަން ބާރުގެ ބޭނުން ކުރާއިރު ގާނޫނީ އިމުގެ ތެރެއިން އެކަން ކުރުމަށް ވެސް އެ ކޮމިޝަނުން ގޮވާލާފައިވެ އެވެ.
ރޭގެ މުޒާހަރާ ސުލްހަވެރިކަމާ އެކު ކުރިއަށް ދަނިކޮށް ފުލުހުން ވަނީ ކުއްލިއަކަށް އެ މުޒާހަރާ ތެރެއަށް ވަދެ އަޑުގަދަ ކުރާ ތަކެތި އަތުލައި، މީހުން ގަޔަށް ޕެޕާ ސްޕްރޭ ޖަހައި، އެ މުޒާހަރާ ލީޑު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދު ހައްޔަރުކޮށްފަ އެވެ.
ޝިމަން އާއި މަހުޒޫމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ތިން ދުވަސް ޖަހައިދީފަ އެވެ. ބަންދުގެ މަޖިލީހުގައި ފުލުހުން އެދުނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދިނުމަށެވެ.

ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ހައްޔަރުކުރި ޝިމަން، 19، އާއި މަހުޒޫމް، 28، ގެ މައްޗަށް ވެސް ފުލުހުން ކުރަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ތުހުމަތެވެ. އޭގެއިތުރުން ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް މަހުޒޫމްގެ މައްޗަށް ފުލުހުން ކުރެ އެވެ.
ޝިމަން އާއި މަހުޒޫމް ހައްޔަރު ކުރުމާއި މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެގަނެ އަމަލު ކުރި ގޮތް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިތުރުން ސިޔާސީ ބައެއް ބޭބޭފުޅުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އޭގެތެރޭގައި ކުރީގެ ރައީސް، މުހައްމަދު ނަޝީދު އާއި އިބްރާހިމް މުހައްމަަދު ސޯލިހު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު ހިމެނެ އެވެ.
ޔުމްނުގެ ހައްގުގައި ޒުވާނުން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާ ބާއްވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެ ޒުވާނުން ގޮވާލަމުން ދަނީ ޔުމްނު ވެއްޓުނު ހާދިސާގައި ތުހުމަތު ކުރެވޭ އެންމެން ހައްޔަރުކޮށް އެ މައްސަލައިގައި އޭނާއަށް އިންސާފު ހޯދައިދިނުމަށެވެ.
ޒުވާނުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާ މިރޭ ވެސް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ސަރަހައްދުން 08:00 ޖަހާއިރުން ފެށިގެން ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.













