ޖަރީމާތަކުގެ ސިއްރުތައް ހާމަވުމުގައި އިލާހީ ހިކުމަތް

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ތަފްސީރު ފޮތްފޮތުގައި އެތައް އިލްމުވެރިން ގެންނަވާފައިވާ ރިވާޔަތެއްގައިވެއެވެ. ބަނޫއިސްރާއީލް މީހުންގެ ތެރޭގައި އުޅުނު މީހަކު އޭނާ މަރާލީ ކާކު ކަމެއް ނޭނގޭ ގޮތަށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ. ބައެއް ރިވާގައިވާ ގޮތުން އެމީހަކީ ދަރިޔަކު ނެތް މުއްސަންޖެކެވެ. އެ މީހަކު މަރާލީ ދުރުތާތިމާގެކަމުން އޭނާގެ ވާރުތައިން މުދާ ލިބެން ހުރި މީހާ، މުދަލުގެ ދަހިވެތިކަމުގައެވެ. ކޮންމެ ސަބަބަކާ ހުރެވިޔަސް އެމީހެއްގެ ގާތިލަކީ ކާކުކަން ސިއްރުވުމުން އެފަދަ ބޮޑު ޖަރީމާއަކާ ގުޅިގެން މުޖުތަމައުގައި ވާނެ ހުރިހާ ކަމެއް ވާން ފަށައިފިއެވެ.

އެކިއެކި މީހުންނަށް ޝައްކުގެ ނަޒަރުތަކުން ބަލަނީއެވެ. އެކި މީހުން އެކި ގޮތަށް އެކި މީހުންނާ ދިމާއަށް ތުހުމަތުގެ އިނގިލިތައް ދިއްކޮށް ބަސްބުނަނީއެވެ. ކޮންމެއަކަސް މިސަބަބާހުރެ މީސްތަކުން އެބައި މީހުންގެ ނަބިއްޔާ މޫސާ ޢަލައިހިއްސަލާމްގެ އަރިހަށް ގޮސް މިކަމެއް ދަންނަވައިފިއެވެ. އަލްބަޤަރާ ސޫރަތުގެ 67 ވަނަ އާޔަތުން 74 ވަނަ އާޔަތުގެ ނިޔަލަށް މިކަމެއް ހިނގާދިޔަ ގޮތް ބަޔާންކުރައްވާފައިވެއެވެ.

އެބައިމީހުން މޫސާގެފާނުގެ ގާތަށް ވަޑައިގެން ދެންނެވިހިނދު މޫސާގެފާނު އެބައިމީހުންނަށް އެންގެވީ މާތް ﷲ އަމުރުކުރައްވަނީ ގެރިއެއް ކަތިލުމަށް ކަމަށެވެ. އެހިނދުގައި އެބައިމީހުން އެކަން ނުކުރާންވެގެން ނުވަތަ އެކަމަށް ޖަދަލު ދޭންވެގެން ހިޔާރުކުރި މަގަކީ އެއީ ކޮން ކަހަލަ ގެރިއެއްކަން ނޭނގެނީސް އެކަން ނުކުރެވޭނެ ކަމަށް އިތުރު އެކަލޭގެފާނަށް ބަހަނާ ދެއްކުމެވެ. އެއީ މުސްކުޅި ނޫން އަދި އެހާ ޅަވެސް ނޫން އެދެމެދުގެ ގެރިއެއްކަމުގައި އެންގެވުމުން ދެން ސުވާލުކޮށްގަތީ، އެއީ ކޮން ކުލައެއްގެ ގެރިއެއްތޯއެވެ. އެއީ ރީނދޫކުލައިގެ ކުލަދަގަދަ ގެރިއެއްކަމުގައި އެންގެވުމުން ދެން އެބައިމީހުން ބުނީ މިހާރު އޮޅިއްޖެކަމަށެވެ. ސާފު ބަޔާނެއް ދެއްވުމަށް ދަންނަވައި ދެއްވުމަށެވެ.

ކޮންމެ ކަހަލަ ގެރިއެއް ކަތިލިޔަސް މާތް ﷲ ގެ އަމުރުފުޅު ތަންފީޒުވުން އޭގައި ހިމެނުނު މި ލުއިފަސޭހަ ކަންތައް އެބައިމީހުން ކޮމްޕްލިކޭޓްކޮށްލި ވަރުން އުފުލަން ޖެހުނު ތަކުލީފަކީ އެބައިމީހުން އަމިއްލައަށް ހޯދައިގަތް ތަކުލީފެކެވެ. ފަހުން ކަތިލާން ޖެހުނީ، ދަނޑު ބިންކުރާން ގެންގުޅެފައި ނުވާ އައިބެއް ލަފެއް ވެސް އެ ގެރިއެއްގައި ނެތް ހޯދަން ނިކަން އުނދަގޫ ނާދިރު ގެރިއެކެވެ. ކޮންމެއަކަސް އެހާ ހިސާބުން ހިތާ ދެކޮޅަށް މިބައިމީހުން ގެރިކަތިލައިފިއެވެ.

ކަމެއްގައި ސާފުވެ ބަޔާންވެގެންވާ ލުއިމަގެއް އޮއްވައި، އެކަމެއްގެ ސާދާމަގުން އެއްކިބާވެ އަމިއްލައަށް އުނދަގޫތައް ގެނެސްގަތުމަކީ އިސްލާމީ އުސޫލެއް ނޫންކަމުގެ މައްޗަށް މިއާޔަތުން ދަލީލު ލިބެއެވެ. އަދި ކުރަން ލާޒިމުވެފައިވާ ކަމެއް ކުރެވެން އޮތް ސާދާމަގު ދޫކޮށް އެކަމެއް ކޮމްޕްލިކޭޓްވާނެހާ ގޮތްތައް ގެނެސްގަތުމަކީ އިސްލާމީ މަންހަޖެއް ނޫންކަމުގެ މައްޗަށް ވެސް ހުދު މިއާޔަތްތަކުން ދަލީލު ލިބެއެވެ. ކަމެއް ކުރާން ތިބި ބަޔަކަށް އެކަން ނުވެއްޖެ ނަމަ އެބަޔަކު އިސްތިއުފާދޭނީއެވެ. ނޫނީ ވަކިކުރާނީއެވެ. ބައިތުލްމާލުން އިތުރު ފައިސާ ހަރަދުވާހެން އޮފީސްތަކާއި ކޮމިޝަންތައް ހެދުމަކީ އިސްލާމީ އުސޫލެއް ނޫނެވެ.

ބަނޫއިސްރާއީލް މީހުން ގެރިއެއް ކަތިލުމާ މިހާވަރަކަށް ދެކޮޅު ހެދި ސަބަބަށް ވެސް އިލްމުވެރިން ވާހަކަ ދައްކަވައެވެ. ބައެއް އިލްމުވެރިން ފާހަގަ ކުރައްވާ ގޮތުގައި، އެއީ އެބައިމީހުންގެ ތެރެއިން ބަޔަކު ގެރިޔަކީ ކަލާނގެ ކަމަށް ހަދައި އަޅުކަންކުރަމުން ދިޔައެވެ. މިފަދަ އިލްމުވެރިން މި ބަސްފުޅު ޝަރަހަ ކުރައްވަނީ އަލްޢައުރާފު ސޫރަތުގެ 152 ވަނަ އާޔަތާ ވެސް ގުޅުވައިގެންނެވެ. ކޮންމެއަކަސް ބައެއްގެ ކަލާނގެ ކަމުގައި ހަދައިގެން އުޅޭ އެއްޗެއް ގަތުލުކުރަން އެންގެވީމާ އެކަމަކީ އުނދަގޫ ކަމަކަށް ވާނެތާއެވެ. ނަމަވެސް އަދުލާއި އިންސާފުގެ މަގު ލިބޭނީ، އެފަދަ ޝިރުކުގެ ވަސީލަތްތައް ކަތިލައި ބުރިބުރިކޮށްގެންކަމަށް މި ކަމުން ދޭހަ ގެނެސްގަނެވެއެވެ. އާދޭހެވެ! އަދުލުއިންސާފުގެ ރަހަ ލިބޭނީ، ބޮޑުކަމާއި ބޮޑާކަމާއި އީގޯ ކަތިލައިގެންނެވެ.

އަލްބަޤަރާ ސޫރަތުގެ 73 ވަނަ އާޔަތެވެ. " ދެން ތިމަންރަސްކަލާނގެ ވަހީ ކުރެއްވީމެވެ. އޭގެ (އެބަހީ: އެ ކަތިލި ގެރީގެ) އެތިކޮޅަކުން، އެ (މަރުވެފައިވާ) މީހާގެ ގައިގައި ތިޔަ ބައިމީހުން ޖަހާށެވެ! (ދެން އެއުރެން ޖެހި ހިނދު، އެމީހާ އަލުން ދިރިއްޖެއެވެ.) މަރުވެފައިވާ ތަކެތި، އަލުން ދިރުއްވަނީ އެފަދައިންނެވެ. އަދި ތިޔަބައި މީހުންނަށް، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދައްކަވަނީވެސް، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ވިސްނައި ދެނެގަތުމަށްޓަކައެވެ."

ދެން އެމީހާ މަރާލީ ކާކުކަން އެމީހާގެ ކިބައިން ބަޔާން ކޮށްދެއްވުމަށްފަހު އެމީހާ އަލުން މަރުގެންނެވީއެވެ. އެއީ ބަނޫއިސްރާއީލް މީހުންނަށް ދެއްކެވުނު މުއުޖިޒާތެކެވެ. އެ މުއުޖިޒާތުގެ ތެރެއިން މަރެއްގެ ޖަރީމާގެ ސިއްރުތައް މާތް ﷲ ހާމަކުރައްވައި، ގާތިލަކީ ކޮބައިކަން އެބައި މީހުންނަށް އަންގަވައިދެއްވި އެވެ.

މިއާޔަތްތަކާމެދު ތަފާތު ނަޒަރުތަކަކުން ވިސްނަން އަޅުގަނޑަށް މަޖުބޫރުކުރުވީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު ރާއްޖޭގައި ހިނގައިގެން މިއުޅޭ ހާދިސާއެވެ. ޒުވާން އަންހެން ކުއްޖާ ވެއްޓުނީ ކަމެއް ވައްޓާލީ ކަމެއް އޮޅުންއަރާ އެކަމުގައި ތަހުގީގު އިދާރާތަކާއި ސަރުކާރުން އަމަލުކުރި ގޮތާމެދު ގިނަ ބަޔަކު ހިތްހަމަ ނުޖެހި ހިޔާލުފާޅުކުރާން ނުކުމެ އުޅެނިކޮށް އަނެއްކާ ރޭގެ ވަގުތެއްގައި އެތަނުން ބަޔަކު ހައްޔަރުވެސް ކޮށްފިއެވެ. ފުލުހުންގެ ކޮމިޝަނަރަކަށް ހުންނެވި ބޭފުޅާ މިކަންތައްތަކުގެ ތެރޭގައި އިސްތިއުފާ ވެސް ދެއްވައިފިއެވެ. އެހެންވީމާ މިއީ ކުޑަކަމެއް ނޫނެވެ. ބޮޑު އެތައް ކަމެކެވެ. ބޮޑު ކަންތައްގަނޑެކެވެ.

ޤުރުއާނުގައި އައިސްފައިވާ ދެންނެވުނު ވާހަކައިގައި އިލާހީ ވަހީގެ ޒަރީއާއިން ފާޅުކުރެއްވި ކަންކަމަކީ މިހާރަކު ހިނގާނެ ކަންކަމެއް ނޫނެވެ. އެހެނީ އިލާހީ ވަހީގެ މަގުވަނީ މާތް މުޙައްމަދުކަލޭގެފާނާއެކު ޚަތިމްކުރެއްވިފަ އެވެ. ނަމަވެސް ޤުރުއާނުގައި އެ ވާހަކަ އައިސްފައި އެޔޮތީ، އޭގެ އިބުރަތްތަކާއި ދޭހަތައް ފަހުތިބީންނަށް އަދި ވިސްނާ ފިކުރުކޮށްފި ބަޔަކަށް މާނަތަކެއް ގެނެސްދޭގޮތުންނެވެ. އެއްބާވަތެއްގެ ކަންކަމުގައި ކުރިޔަށް ދިއުމުގެ މަގެއް ތަނަވަސްވާނެ ގޮތެއްގެ މަތީންވެސްމެއެވެ.

ދަންނަވަންތޯއެވެ! މިދިޔަ މަހުގެ 18ވީ ހުކުރު ދުވަހު ގެއެއްގެ ފުރާޅުމަތިން ޒުވާން އަންހެނަކު ވެއްޓިފައި ނުވަތަ ވައްޓާލެވިފައިވަނިކޮށް، ފެނުނު ފެނުމަކީ އޭގެ ޒާތުގައި އެތައް ތަހުގީގުތަކެއްގެ ނިމުމެވެ. ބާކީ ނުނިމި އޮތީ އެންމެ ތަހުގީގެކެވެ. އެއީ އެކުއްޖާ ފުރާޅުމަތިން ފެންނަން ދިމާވި ސަބެބެވެ. ވެއްޓުނީތޯ ވައްޓާލީތޯ ކުރެވޭ ބަހުސެވެ. އެކަމަކު އެ ހާދިސާއާއެކު އެތައް ޖަރީމާތަކެއްގެ ސިއްރުތައް ފަޅާއަރައިގެންދިޔަ ދިއުމުގައި ހުރި އިލާހީ ހިކުމަތްތަކަށް ވިސްނާވަޑައިގެންދެއްވުން އެދެމެވެ.

ކަލާނގެ ކުޅަދުންވަންތަކަމާއި ހުސްތާހިރުވަންތަކަމެވެ! ދިވެހިރާއްޖޭގައި ރާބުއިމާއި ފާހިޝް އަމަލުތައް އޮތް މިންވަރުގެ ތަހުގީގު ނިމި ރައްޔިތުންނަށް މިހާރު އޭގެ ރިޕޯޓާއި ނަތީޖާ ނުފެނޭތޯއެވެ؟ މީހުންގެ މަރުތަކާއި ބޮޑެތި ސީރިއަސް މައްސަލަތަކުގައި އެކަންކަން ބެލުމަށް ހެދިފައިވާ އިދާރާތަކުގެ އިހުމާލުވުންތައް ހުރި ގޮތުގެ މިންވަރު ރައްޔިތުންނަށް އެނގި ސާފުނުވޭތޯއެވެ؟ ތަހުގީގު އިދާރާތަކުން ރައްޔިތުންނަށް ދޭ މައުލޫމާތުގައި ތެދު ނޫން އެތައް ކަމެއް ހުންނަކަން ޔަގީން ނުވޭތޯއެވެ؟ ފުލުހުންގެ އިދާރާއަށް ސަރުކާރުގެ މިނިސްޓަރުން ނުފޫޒު ފޯރުވާ މިންވަރު ލައިވް ޓީވީގައި ފަލީހަތްކުރައްވަން މާތް ﷲ އިރާދަކުރެއްވި ގޮތް އިބުރަތަކަށް ނުވޭތޯއެވެ؟ ލަދުހަޔާތާއި ޒަމީރެއް ތިމާގެ ހުރީތީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްތިއުފާ ދެއްވިދެއްވުން ނަމޫނާއަކަށް ނުފުދޭތޯއެވެ؟

ބާކީ އޮތީ ވެއްޓުނީތޯ ވައްޓާލީތޯ ކުރަން އޮތް ތަހުގީގެވެ. ތަޖުރިބާކާރު ގާނޫނީ މާހިރަކު ރިޔާސަތުގައި އިންނެވި ކޮމިޝަނަކުން އެކަމަށް ކުރިމަތިލައްވާފައިވާއިރު، ޖިނާއީ މައްސަލައެއްގައި ޖަރީމާއެއްގެ ހަގީގަތް ދެނެގަތުމަށް ވެސް އޮތީ، ގެރިއެއް ކަތިލުމަށް އެންގެވިހާ ސާފުސާދާ އަމުރުފުޅެކެވެ.

"އަދުލުވެރިވާށެވެ!" އެކިގޮތްގޮތުން އެކަން ކޮމްޕްލިކޭޓްކޮށްލައިފިނަމަ، ހަގީގަތް ހާމަވުން ލަސްވެ އިންސާފު ލިބުން ލަސްވެގެންދާނެއެވެ. އާދޭހެވެ! ތިލަވަމުންދާ މައުލޫމާތުތަކާއި ތަހުގީގަށް ފެންނަ ފެނުންތަކާއެކު ކުރިޔަށް ދެވެން އަންނަނީ "ގެރިއެއް" ކަތިލައިގެންކަމަށްވާ ނަމަ، އެ ގެރިއެއް ކަތިލިއިރަކުން މެނުވީ އިންސާފު ފެންމައްޗެއް ނުވާނެއެވެ. ހަގީގަތް ހާމަކުރެއްވުމަށް ކުޅަދުންވަންތަ ކަލާނގެ ހަގީގަތް ހާމަކުރައްވާނީ އެކަލާނގެ ހިކުމަތްތެރި އިލާހީ ރޭވުންތެރިކަމުގެ ތެރެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox