މިމަހުގެ 18 ވަނަ ދުވަޖހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން ކުރާ ސިލްސިލާ މުޒާހަރާ ގައުމީ ސަލާމުން މިރޭ ފަށައިފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން މާލޭގައި ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާ މިރޭ ގައުމީ ސަލާމުން ފެށީ އިތުރު ފަރުވާއަށް ޔުމްނު ރާއްޖެއިން ބޭރަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުޅުވައިލިތާ ކުޑަ ވަގުތުކޮޅެއްގެ ތެެރޭގައި ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައި ވާތީ ދިވެހިންގެ އެއްބައިވަންތަކަން ފާހަގަކޮށް ޝުކުރު އަދާ ކުރުމުގެ ގޮތުންނެވެ.
ޔުމްނު ރާއްޖެއިން ބޭރަށް ގެންގޮސް ބޭސް ފަރުވާ ކުރުމުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް އިއްޔެ ސަރުކާރުން ބުންޏެވެ. ނަމަވެސް ބޭސް ފަރުވާއަށް ބޭރަށް ފޮނުވައި ހިނގާ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ ގޮތަށް ނިޒާމު ހަމަޖެހިފައި ނޯންނަ ކަމަށް ބުނެ ސަރުކާރުން ވަނީ ބޭސް ފަރުވާއަށް ދާ ހަރަދުގެ ބޮޑުބައި ކަނޑާލައިފަ އެވެ.
ޔުމްނުގެ މައިބަދަ، އުކުޅުވަޅު، ފަލަމަސްގަނޑު އަދި މޭކަށިގަނޑު ވަނީ ބިނދިފަ އެވެ. އޭގެ އިތުރުން ވެސް ބައެއް އަނިޔާތައް ވެފައި އެބަ ހުއްޓެވެ. އޭނާއަށް ފަރުވާދެނީ އައިސީޔޫގައި ބާއްވައިގެންނެވެ.
މެލޭޝިޔާގެ ޕަންޓާއީ ހޮސްޕިޓަލުން ދީފައިވާ ލިޔުމުން އެނގޭ ގޮތުގައި ޔުމްނު ފުރަތަމަ ހަދަންޖެހޭ ސާޖަރީތަކަށް އެކަނި ވެސް 57،000 އަށް ވުރެ ގިނަ ޑޮލަރު އަރަ އެވެ. އެއީ ބޭންކު ރޭޓުން ބަލާ ނަމަ 878،940ރ. އެވެ. ހޮސްޕިޓަލުން ބުނީ އެތަނުގައި ޔުމްނު އެޑްމިޓު ކުރެވޭނީ 45،724 ޑޮލަރު ދެއްކުމުން ކަމަށެވެ. އެއީ ބޭންކު ރޭޓުން ބަލާ ނަމަ 705،064ރ. އެވެ.

އެކަމަކު، ސަރުކާރުން ފައިސާ ޖަމާ ކުރިއިރު އާއިލާއަށް ލިބުނީ 385،500ރ. އެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ މުޒާހަރާ މިރޭ ވެސް ފަށައިގެން ކުރިއަށް ދާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ޑިމާންޑުތަކެއް ކޮށްފަ އެވެ.
އެ ޑިމާންޑުތަކަކީ؛
- ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
- މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
- ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
- ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
- ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
- ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
- ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން
- ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
- ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން
މުޒާހަރާގެ ބައިވެރިން މި ޑިމާންޑުތައް އިއްވީ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. އެ މުޒާހަރާތައް އިއްވާފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއު ވަނީ މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގުމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން މިރޭ ފުރަތަމަ ހަވާލު ކުރީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، ފަރުހާދު ފިކުރީ އާ އެވެ. ނަމަވެސް އޭގެ ގަޑިއެއްގެ އިރުފަހުން އެ ނިންމުން ބަދަލުކޮށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އިސްމާއިލް ނަވީން ވަނީ އައްޔަނުކޮށްފަ އެވެ.













