ޒުވާނުން ނުކުމެ ފުލުހުންގެ މޫނަށް އުކި ފައިސާއިން ދިން މެސެޖު!

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

"އޭ.. ބަލަ އަގެއް ކިޔާފަ ނަމަވެސް އިންސާފު ދީބަލަ!"

މަޖީދީމަގުން ގޮސް ހެންވޭރުކޮޅަށް ދެވޭއިރު ފެންނަން އެހުރި ސަރޖަންޓް އާދަމް ހަލީމް ބިންޑިންގ ކުރިމަތީގައި ބުދަ ދުވަހުގެ ރޭ އެއްވެ ތިބި ޒުވާނުންގެ ތެރެއިން ޒުވާނަކު ގޮވާލި އެވެ. އެ އަޑާއެކު އިތުރު ޒުވާނުންތަކެއް އިސްނަގައިގެން ޗަންދާ އެއްކުރަން ފެށި އެވެ. ފަސް ރުފިޔާއާއި ދިހަ ރުފިޔާއާއި ވިހި ރުފިޔާގެ ނޫޓުތައް އެއް ބޮނޑިއަކަށް އަމުނާލާފައި އެ އުކާލީ ފުލުހުންގެ މޫނަށެވެ. ހައެއްކަ ސިކުންތު ވަންދެން ފުލުހުންގެ ކުރިމައްޗަށް ވެހުނީ ކުދިނޫޓުތަކުގެ ފައިސާގެ ވާރޭ އެވެ.

ދެން އިވުނީ "ފުލުހުންގެ ޔުނިފޯމުގެ އަގަކީ ބިންމަތީގައި ތިޔަހުރި ފައިސާކޮޅު!" ކަމަށް ގޮވާލި އަޑެވެ. ފުލުހުންގެ އިމާރާތުގެ ކުރިމަތީގައި ހުރި ނޫޓުތައް ވަކިވަކިން ހޮވައި އެއްކޮށްގެން އަނެއްކާވެސް ފުލުހުންގެ މޫނަށް އުކާލަ އެވެ. އެއާއެކު "މަނީ މަނީ ޔޭސް ސަރ!" އޭ ގޮވައި ފުލުހުންނަކީ ފައިސާއަށް ވިކިފައި ތިބި ބައެއް ކަމަށް ގޮވަން ފެށި އެވެ. އެއްވެ ތިބި ޒުވާނުންގެ މޫނު މަތިން ފެނުނީ ރުޅިވެރިކަމާއި މާޔޫސްކަމާއި ހިތްހަމަނުޖެހުމެވެ.

ބުދަ ދުވަހުގެ ރޭ ޒުވާނުން ނުކުތީ އުމުރުން އެންމެ 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ލިބި ދިނުމަށް ގޮވާލަ އެވެ. ޝައްކެއްވެސް ނެތެވެ. އެ ޒުވާނާއާމެދު ކަން ހިނގައިދިޔަ ގޮތާއި، އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރަމުން ދިޔަ ގޮތަކީ އިންސާފަށް ލޯބިކުރާ މީހެއްގެ ހިތްދަތިވާނޭ ފަދަ ކަންތައްތަކެކެވެ. ފުލުހުންގެ ތަހުގީގުގައި ކުރިއަށް ފިޔަވަޅު އެޅުމުގައި ހުރި ބަރުހެލިކަމާއި، ހިތުގައި އުފެދިފައި ހުރި ސުވާލުތަކަށް ޖަވާބު ހޯދަން މަގުމައްޗަށް ނުކުތީ އަނިޔާވި ޒުވާނާއާ ގުޅުންހުރި މީހުން އެކަންޏެއް ނޫނެވެ. އިންސާފަށް ލޯބިކުރާ ހުރިހާ ޒުވާނުންނެވެ.

އެ ސުލްހަވެރި އިހުތިޖާޖުގައި އެއްވެސް މައްސަލައެއް ނެތެވެ. އެއްވެ ތިބި ޒުވާނުން ފުލުހުންގެ މޫނަށް ފައިސާ އުކަމުން ދިޔައިރު، ފުލުހުން 'ކަޑަވެފައި' ތިބި ގޮތް ފެނި ކުޑަކޮށް ހިނިއާދެވޭ ގޮތްވީނަމަވެސް، މި ލިޔުމުގައި އަޅުގަނޑު ފާހަގަކޮށްލަން މިއުޅެނީ އެ ޒުވާނުންގެ ކުޑަކުޑަ އަމަލަކާ ގުޅިގެން ހިތުގައި އުފެދުނު ކަންބޮޑުވުމެކެވެ. މަގުސަދަކީ މިއީ ސަރުކާރުން ސަމާލުކަން ދޭންޖެހޭނެ ކަމެކޭ ދެންނެވުމެވެ.

އެއްވެސް މުޖުތަމައުއެއްގައި ހިނގާ ޖިނާއީ ކުށުގެ އަމަލުތައް ބަލައި ތަހުގީގުކޮށް، މުޖުތަމައުގެ އެކަކީ އަނެކެއްގެ ކިބައިން ރައްކާތެރިކަން ލިބިގެންވާ މީހެއްކަން ކަށަވަރުކޮށްދޭ ބާރަކީ ފުލުހުންގެ އިދާރާ އެވެ. ފުލުހުންގެ ހިދުމަތަށް ހާއްސަ ބާރުތަކެއް ދީގެން ގާނޫނެއް އެކަށައެޅިފައި އޮންނަ ސަބަބަކީ އެއީ އެވެ. ގާނޫނުން އެ ބާރު ދިނީ ފުލުހުންނަށް އޮތް އާދަޔާ ހިލާފު ބާރުތައް ހެޔޮގޮތުގައި ބޭނުންކުރާނޭ ކަމުގެ ފުރިހަމަ އިތުބާރާއެކުގަ އެވެ. ފުލުހުން މަސައްކަތް ކުރާނީ 'ހެޔޮނިޔަތުގައި' ކަމަށް ގަބޫލުކޮށްގެންނެވެ.

ފުލުހުންގެ އިދާރާގެ މައްޗަށް މިހާރު މި އިތުބާރު އޮތް ކަމަކަށް ނުފެނެ އެވެ. ހާއްސަކޮށް މި ގައުމުގެ އިސް މަގާމުތައް މާދަމާ ފުރާން ތިބި ޒުވާނުން ފުލުހުންނަކަށް އިތުބާރެއް ނުކުރެ އެވެ. ސަބަބުތައް ބައިވަރެވެ.

ސިނގިރޭޓު އަގުބޮޑުކުރުމާއެކު އެއާޕޯޓު ޑިއުޓީ ފްރީ ފިހާރަތަކުން ސިނގިރޭޓު ގަނެ، ވަގަށް އެތެރެކޮށް ވިއްކުމުގައި ފުލުހުން އުޅުނު ކަމަށް ތުހުމަތު ކުރެވިއްޖެ އެވެ. ފުލުހުންގެ ހައުސިން ސްކީމް ހިންގުމުގެ ނަމުގައި ނެގި ކަޓުތަކުން ބައެއް ފުލުހުން ބިން ގަނެ އަމިއްލަކޮށް މަހުޖަނުންނަށް ވެއްޖެކަމުގެ ތުހުމަތު އެބައޮތެވެ. ފުލުހުންގެ ކުންފުނި ޕޮލްކޯގެ ތެރެއިން އެތައް ވައްކަމެއް ކުރިކަމުގެ ތުހުމަތު ކުރެވިއްޖެ އެވެ. ތަހުގީގުތައް ސިޔާސީކޮށްލުމާއި، ފަރުވާކުޑަވުމާއި، ނޭނގުމާއި، މިހެންގޮސް މި ރާގުގައި އަމުނާލެވިދާނެހައި ނައްސި ބަސްތަކެއް ހުރީ ފުލުހުންނާ ގުޅުވައި ގުގުމާލާފަ އެވެ.

އެއްވެސް މުޖުތަމައުއެއްގައި، ފުލުހުންނާމެދު ހިތްހަމަނުޖެހުން އޮތުމަކީ އަޖައިބު ކަމެއް ނޫނެވެ. އެ މުއައްސަސާގެ މަސައްކަތުގައި ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމޭނީ ކޮންމެވެސް އެއް ބަޔަކު ހިތްހަމަނުޖެހޭ ގޮތަށެވެ. އެހެން ވާ ކޮންމެ ފަހަރަކީ ފުލުހުން ނުކިއްސަރުކަމެއް ކޮށްފައި އޮތްފަހަރަކަށް ވެސް ނުވެ އެވެ. އެހެންނަމަވެސް، ފުލުހުންގެ މުއައްސާސާއިން ސިޔާސީ ބޭނުމެއްގައި ތަހުގީގުތަކާ ކުޅޭ ތަން ފެނި، އެއީ އާންމު ގަބޫލުކުރުމަށް ވެއްޖެނަމަ... އަޅުގަނޑުމެންގެ މި ގައުމު މާތްކަލާނގެއާ ވަކީލެވެ.

މިހާރު ތަހުގީގުކުރަމުން އެ ގެންދާ މައްސަލައިގައި ފުލުހުން އެތައް ދޮގެއް ހަދައިފި އެވެ. އަޅުގަނޑު މި ލިޔުން ލިޔަން މިފެށީ މި ހާދިސާ ހިނގި ގޭގެ ވެރީންގެ އެދުމަށް އެ ބޭފުޅުންނާވެސް ބައްދަލުކުރުމަށްފަހުގަ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ހާދިސާގެ މައުލޫމާތު އެ ދުވަހު ހެނދުނު ފުލުހުންނަށް ވަނީ ލިބިފަ އެވެ. އަނިޔާވި ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުގެވެސް ކުރިން އެގޭގެ ކެމެރާތަކުގެ ފުޓޭޖް ވަނީ ފުލުހުންނަށް ދީފަ އެވެ. އެހެންނަމަވެސް އެ ހާދިސާއާ ގުޅޭގޮތުން ގޭގައި ދިރިއުޅޭ އެއްވެސް މީހަކާ ސުވާލެއް ނުކުރެ އެވެ. އިމާރާތުގެ ސިޑިގޮޅީގެ އެކި ތަންތަނުން ފިންގަރޕްރިންޓް ނަގަން ފުލުހުންގެ ފޮރެންސިކް ޓީމް އައީ ހާދިސާއަށް ހަތަރު ދުވަސް ވީ ފަހުންނެވެ.

މި މައްސަލައާ ގުޅުން ހުރި މިނިސްޓަރަކު ގުޅުއްވާ ވަރުން އުނދަގޫވެގެން ފުލުހުންގެ ބޭކަލުންނަށް އެ ވާހަކަ ވިދާޅުވެވުނީ ލައިވްކޮށް ދައްކަމުން ދިޔަ ނޫސް ކޮންފަރެންސެއްގަ އެވެ. އެކަމަކު އެ ސުވާލަށް ދިން ޖަވާބުގައި ވިދާޅުވީ މިނިސްޓަރު މިއިން ޒަމާނެއްގައި ގުޅުއްވާފައި ނެތްކަމަށެވެ. ހާދިސާ ހިނގިތަން ބަލަން ބޭނުންވެގެން ނޫސްވެރިން އެދުމުން އެކަން ނުކުރާން ދެއްކި ބަހަނާއަކީ ގޭގެ ވެރިންގެ އިޒުނަ ނެތުމެވެ. އެކަމަކު އާހިރުގައި ބެލިއިރު އެ ވާހަކަ ވެސް ވީ ދޮގަކަށެވެ.

މިވަރަށް އޮޅުވާލަން މަސައްކަތްކުރާތަން ފެނުނީ ކޮންމެ މީހެއްގެ ހިތުގައިވެސް ޝައްކު އުފެދޭނެ އެވެ. ނުވިކުނަސް ވިކުނީއޭ ވެސް ކިޔާނެ އެވެ. މިއީ އެންމެ ކުއްޖަކަށް ދިމާވި ހާދިސާއެއް ކަމުގައިވިޔަސް، މިކަން ގުޅިފައި އޮތީ ފުލުހުންގެ ހެޔޮނިޔަތާ އެވެ. އަޅުގަނޑުމެންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނޭކަމަށް ހުވާކޮށްގެން ތިބި ފުލުހުންނާމެދު މިފަދަ ޝައްކުތައް އުފެދުމަކީ އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނޭ ކަމެކެވެ. ފުލުހުން އަވަސްވެގަންނަންވީ، މިހާރު ކުރިއަށް އެދާ ތަހުގީގުގެ އިންސާފުވެރިކަން ދައްކުވައިދީ އާންމު ރައްޔިތުންނާއި ހާއްސަކޮށް ޒުވާނުންގެ އިތުބާރު އަލުން ހޯދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox