މިދިޔަ ހުކުރު ދުވަހު ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އާއެކު އެ ރޭ އުޅުނު ހުރިހާ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއު ވިދާޅުވީ އެރޭ ޔުމްނު އާ އެކު އަށް މީހުން އުޅުނު ކަމަށެވެ. އެ ހުރިހާ އެންމެންނަށް ވެސް ރާއްޖެއިން ބޭރަށް ފުރުން މިހާރު މަނާ ކޮށްފައިވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން ވާނެ މި މައްސަލައިގައި ހިމެނޭ، މި މައްސަލައޭ އަޅުގަނޑު މި ދަންނަވަނީ އެއް ބައެއްގެ ގޮތުގައި އެ ރޭގައި ހޭދަކުރެއްވި މި ދެންނެވި މީހުންގެ ވެސް މި މައްސަލައާ ގުޅުން އޮވެދަނެ ކަމަށް ބަލާފައި އަޅުގަނޑުމެން އެމީހުންގެ ވެސް ރާއްޖެއިން ބޭރަށް ފުރުން މަނާކުރަން އަޅުގަނޑުމެން ވާނެ މިހާރު އެ އަމުރު އަޅުގަނޑުމެންނަށް ލިބި އެ ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައި،" ސުޖާއު ވިދާޅުވި އެވެ.
އެރޭ ޔުމްނު އާއެކު އުޅުނު މީހުންނަކީ:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
- އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
- އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ
ސުޖާއު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ކުރިއަށްދާ ވަރަކަށް އެ ހުރިހާ އެންމެން ވަދެ ނުކުމެ ހެދި ތަންތަން ބަލައި ފާސްކުރުމުގެ ކަންކަން ވެސް ކުރާނެ ކަމަށެވެ. އަދި މި ތަހުގީގު ނިމުމުގެ ކުރިން ތުހުމަތު ކުރެވޭ އެއްވެސް މީހަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.














