ސާންތީ: ކުޅުންތެރިންނަށް ފުޓްބޯޅައިގައި "ބައްޕަ" އެއް، ކުޅިވަރުގައި ގައުމީ ހިދުމަތްތެރިއެއް!

އީގަލްސް އިން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ސާންތީ އުފުލާލައިގެން.--- ފޮޓޯ: ނިޝާން އަލީ / މިހާރު ފައިލް ފޮޓޯ

އީގަލްސް އިން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ސާންތީ އުފުލާލައިގެން.--- ފޮޓޯ: ނިޝާން އަލީ / މިހާރު ފައިލް ފޮޓޯ

ރާއްޖޭގެ ކުޅިވަރަށާއި މައިގަނޑު ގޮތެއްގައި ފުޓްބޯޅަ އަށް ހަޔާތުގެ ބޮޑުބައި ހިދުމަތްކޮށްދިނުމަށް ފަހު، މި ފަނާކުރަނިވި ދުނިޔެ އިން، އުމުރުން 51 އަހަރުގައި އިހުސާން އަބްދުލް ގަނީ (ސާންތީ) ވަކިވެދިޔައީ، ފަހު ވަގުތާ ހަމައަށް ވެސް ދިވެހި ފުޓްބޯޅަ އަށް ހިދުމަތްކޮށްދިނުމުގައި ދެމިހުރުމަށް ފަހު އެވެ.

މީގެ ދެ އަހަރު ކުރިން، ކްލަބް އީގަލްސްގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން ދަނިކޮށް، ބަލި ހާލަތު ގޯސްވެ، ސާންތީ، އެ ޓީމުގެ ކޯޗިންގެ ޒިންމާތަކުގައި ފިޒިކަލީ ބައިވެރިނުވެވުނު ކަމުގައި ވިޔަސް އެ ޓީމުގެ ކަންކަމާއި ޖުމްލަކޮށް ދިވެހި ފުޓްބޯޅައިގެ ކަންކަން ދިޔައީ ބަލަމުންނެވެ.

ހިދުމަތްކޮށްދެވޭނެ ގޮތެއް އޮވެއްޖެނަމަ، ކޮންމެ ހާލެއްގައި ހުރެވެސް ރާއްޖޭގެ ފުޓްބޯޅައިގެ މަސައްކަތްތަކުގައި ބައިވެރިވަމުންނެވެ.

ކެންސަރު ބައްޔާ މިދިޔަ ދެ އަހަރު ހަނގުރާމަ ކުރަމުންދިޔައިރު ވެސް ފުޓްބޯޅައިގެ މުހިންމު މަސައްކަތްތަކެއް ސާންތީ އަދާކުރި އެވެ. ފަހުން ސިއްހީ އެކި މައްސަލަތައް ދިމާވި ނަމަވެސް ސާންތީ ފެނުނީ، ވަރުގަދަ ރޫހެއްގައި މީހުންނާ އެކު، ފުޓްބޯޅައިގެ އެކި މަަސައްކަތުގައި ޝާމިލުވެ އުޅުންތަނެވެ.

އެ ގޮތުން، މިދިޔަ އަހަރު ފެށި އެފްއޭއެމް ޔޫތު ލީގުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރުމާއި 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗިން ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެފްއޭއެމް މިހާރު ހިނގަމުން އަންނަ ނޯމަލައިޒިން ކޮމިޓީގެ ދަށުން އޮތް، ޓެކްނިކަލް ކޮމިޓީ އަށް ވެސް ސާންތީ ދިޔައީ އެހީތެރިކަަން ފޯރުކޮށްދެމުންނެވެ.

ތަށި ހޯދުމަށް ވުރެ، ކުޅުންތެރިންނާއި މީހުން ބިނާކުރުމަށް އިސްކަން ދިން

"ތަށި ހޯދަން ވެސް ޖެހޭ، އެކަމަކު އަސްލު ކޯޗު އެންމެ ހިތްހަމަޖެހެނީ ޑިވެލޮޕްމަންޓްގެ މަސައްކަތް،" މިއީ، ސާންތީ ކޯޗު ގިނަ ނޫސްވެރިންގެ ބައްދަލުވުންތަކެއްގައި ބުނެފައިވާ ވާހަކަ އެކެވެ.

ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ތެރެއިން ފެށިގެން މިހާރު މި އޮތް ރާއްޖޭގެ ފުޓްބޯޅައިގެ ޖީލަށް ބެއްޔަސް ސާންތީ އަށް ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް އިހުތިރާމް ކުރެ އެވެ. އެއީ، އެ ކުޅުންތެރިންގެ ކެރިއަރުގެ އެކިއެކި މަރުހަލާގައި ސާންތީ ކޯޗު ކޮށްދިން މިންނެތް މަސައްކަތުގެ ސަބަބުންނެވެ.

މީގެ ކުރިން އެކި ފަަހަރު މަތިން ބައްދަލުވެފައި ހުރި، ނޫސް ކޮންފަރެންސްތަކުގައި، ސާންތީ އެންމެ ގިނައިން ފާހަގަކޮށްފައިވަނީ، ފުޓްބޯޅައިގެ ޑިވެލޮޕްމަންޓާ ގުޅޭ މަސައްކަތްތަކުގެ ވާހަަކަތަކެވެ. ޅަ އުމުރުފުރާއިން ފެށިގެން ކުޅުންތެރިން ޑިވެލޮޕްކުރާ ވާހަކަ އެެވެ. ކޯޗިން އަށް ނުކުންނަން ޝައުގުވެރިވާ މީހުންނަށް މަގުކޮށައިދޭ ވާހަކަ އެވެ.

ފުޓްބޯޅަ އަށް ހިދުމަތެއްކުރަން ތައްޔާރަށް ހުރި މީހަކަށް ވިއްޔާ ސާންތީ ކޯޗުގެ ދޮރު އަބަދުވެސް ހުރީ ހުޅުވިފަ އެވެ. އޭނާ ހުރި ކޮންމެ މަގާމެއްގައި ވެސް ކުޅިވަރުގެ ކުރިމަގަށް ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނެވެ. ކުޅިވަރު ނޫސްވެރިންނާ ވެސް އެންމެ ގާތްކަން ބެހެއްޓި އެއް ފަރާތަކީ ސާންތީ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށް، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި އިސް ރޯލެއް ސާންތީ ކުޅުނެވެ. އެ ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންނާ އެކު، 19 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް މަސައްކަތްތަކެއް ކުރި އެވެ.

"2003 ވަނަ އަހަރު 16 އަހަރުން ދަށުގެ ގައުމީ ޓީމަށް ނަގައި، ކުރި އިތުބާރަކީ، އަހަރެންގެ ފުޓްބޯޅައިގެ ފެށުން، އަދި އޭގެ، ފަހުން 19 އަހަރުން ދަށުގެ، 23 އަހަރުން ދަށުގެ ޓީމާއި ރާއްޖޭގެ ގައުމީ (ސީނިއާ) ފުޓްބޯޅަ ޓީމުގަ އަހަރެން އަށް ކުރި އިތުބާރަކީ ދުވަހަކު ވެސް ހަދާނުން ފިލައިގެން ދާނެ ކަމެއް ނޫން. އަބަދުވެސް ކޯޗު މަތިން ހަނދާންވާނެ،" ގައުމީ ޓީމަށް 15 އަށް ވުރެ ގިނަ އަހަރު ކުޅެދިން މުހައްމަދު އުމެއިރު ބުންޏެވެ.

ސާންތީ ވަނީ 2012 އިން ފެށިގެން އީގަލްސްގައި ޒުވާން ކުޅުންތެރިންގެ ޕްރޮޖެކްޓެއް ފަށައި، ކުޅުންތެރިންނާއި ކޯޗުން ވެސް އޭގެ ތެރެއިން ޑިވެލޮޕްކޮށްފަ އެވެ. އަދި އީގަލްސް އިން 2016 ވަނަ އަަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، އީގަލްސްގައި އޮތް ސްކޮޑަކީ ސާންތީގެ ލީޑަޝިޕުން އެކުލަވާލި ޓީމެކެވެ.

ގައުމީ ޓީމަށް މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، އިބްރާހިމް އައިސަމް، އަހުމަދު ނޫމާން (ހެލްމެޓް)، މުހައްމަދު ނާއިމް، ފަދަ ކުޅުންތެރިންނަކީ އޭރު ސާންތީގެ އިރުޝާދުގެ ދަށުން ޑިވެލޮޕްވި ކުޅުންތެރިންނެވެ.

ކޯޗުންނަށް ބަލާއިރު، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ، އަހުމަދު ޝާކިރު (ޝާކިއްޓެ)، ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު، މާޒިޔާގެ އެސިސްޓަންޓް ކޯޗު، އިބްރާހިމް ސައީދު (ކަކާ) ފަދަ ކޯޗުންނަކީ އީގަލްސްގެ ތެރެއިން އޭރު ސާންތިއާ އެކު މަސައްކަތްކޮށް، ޑިވެލޮޕްވި ކޯޗުންނެވެ.

ސާންތީ އަކީ "ބައްޕަ" ފަދައިން ނަސޭހަތްދީ ހިތްވަރު ދޭ ފަރާތެއް ކަމަށް ކުޅުންތެރިން ފާހަގަކުރެ އެވެ. ބޭބެ އެއް އަދި އެކުވެރިއެއްގެ ހައިސިއްޔަތުން ކަންކަމުގައި އެހީވެދޭ ފަރާތެއްގެ ގޮތުގައި ކޯޗުން ވެސް ފާހަގަކުރަނީ ގިނަ ސަބަބުތަކެއް ހުރީމަ އެވެ. އޭނާއާ އެކުގައި، ކުރި މަސައްކަތްތަކުގައި ނަތީޖާ ފެނިފައި، އޭގެ މަންފާ ވެސް ކޮށްފައި ހުރުމުންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 2015 ވަނަ އަހަރު ރާއްޖޭގެ ކޮންޓިންޖެންޓްގެ ޒިންމާ ރީޔޫނިއަންގައި ނަގައިގެން ހުރެ، މުހިންމު މަސައްކަތްތަކެއް ސާންތީ ވަނީ އަދާކޮށްފައި.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޖުމްލަކޮށް "ރާއްޖޭގެ ފުޓްބޯޅައި"ގެ ކުރިމަގަށް އެތައް މަސައްކަތެއް ކުރި

ސާންތީ، އީގަލްސް ދޫކޮށްލީ 2017 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން އީގަލްސް އަށް ޖާގަ ނުލިބި އެ ޓީމަށް އެ ފަހަރު ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބި ދިއުމުންނެވެ.

އޭރު، އީގަލްސްގެ ކޯޗުކަން ދޫކޮށް ސާންތީ ދިޔައީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށެވެ.

އެފްއޭއެމް ޓެކްނިކަލް ޑިޕާޓްމަންޓްގެ އިސް މަގާމުގައި 2019 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް މަސައްކަތްކުރިއިރު، ސާންތީ ވަނީ 19 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެފްއޭއެމްގައި ޓެކްނިކަލް އިސް މަސައްކަތްތަކެއް ކުރި އެވެ. ގޮންޖެހުން ބޮޑުކޮށް، ފެނުނު ވަގުތުތަކުގައި ގައުމީ ޓީމަށް ލަފާ ދިނުމުގައި ސާންތީ މުހިންމު ރޯލެއް ކުޅުނެވެ. އަދި، ގްރާސް ރޫޓުން ފެށިގެން ފުޓްބޯޅައިގެ ޖީލުތަކެއް އުފެއްދުމަށްޓަކައި، އެފްއޭއެމް އިން ޔޫތު ލީގެއް ބޭއްވުމަށް އިސްނަގައި، ފުޓްބޯޅަ އެކަޑަމީތަކަށް ވާދަވެރި މުބާރާތްތަކެއް ލީގެއްގެ ސިފައިގައި ފެށި އެވެ.

އެފްއޭއެމްގެ މަގާމު ދޫކޮށް، ފަހުން، ސާންތީ ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ކްލަބް އޭދަފުށީގެ ކޯޗަކަށް މަސައްކަތް ކޮށްފަ އެވެ. ދިވެހި ފުޓްބޯޅައިގެ ވަރުގަދަ ރަށެއް ކަމަށްވާ އޭދަފުށީގެ ޕްރޮޖެކްޓް ނަގައިގެން ސާންތީ ބޭނުންވީ އަތޮޅު ތެރޭގެ ފުޓްބޯޅައިގައި ވެސް ޑިވެލޮޕްމަންޓް މަސައްކަތް ކުރުމަށެވެ.

އެ ގޮތުން، ފުރަތަމަ ޑިވިޝަނުގައި ނުކުޅެ ވެސް ހުނަރުހުރި ކުޅުންތެރިން ކޮންފިޑެންސާ އެކު ކުޅެވޭނެކަން ބުނެދީ އެ ހިތްވަރު ސާންތީ ވަނީ އޭދަފުށީގައި ތިބި ހުނަރުވެރި އެ ކުޅުންތެރިން ގައިގައި އަށަގަނުވައިފަ އެވެ.

އޭދަފުށީގައި ހުރެފައި އޭގެ އެއް އަހަރު ފަހުން، ސާންތީ ޔުނައިޓެޑް ވިކްޓްރީއާ އެކު މަސައްކަތް ފެށީ ޓްރެއިނިން ތެރޭގައި އެހީތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު، ފަހުން ސާންތީ ވަނީ އެ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވެފަ އެވެ. ފަހުން ދެ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީން ކުޅުނީ ސާންތީގެ ކޯޗުކަމުގަ އެވެ. އެ ޓީމުގައި ވެސް ފެށީ އީގަލްސްގައި ފެށި ކަހަލަ ޒުވާން ކުޅުންތެރިން ގޮވައިގެން ޑިވެލޮޕްމަންޓްގެ މަސައްކަތެކެވެ. އޭގެ ނަތީޖާ އުމުރުފުރާ ގައުމީ ޓީމުތަކަށް ވެސް ކުރި އެވެ.

ޔުނައިޓެޑް ވިކްޓަރީގެ މަސައްކަތަށް ފަހު، ސާންތީ އަލުން އީގަލްސް އަށް ދިޔައީ 2023 ވަނަ އަހަރު އެވެ. އެކަމަކު، އެ އަހަރު ސީޒަން ރަނގަޅަށް ނުފެށެނިސް ބަލި ހާލަތުގެ ސަބަބުން ޓީމު ދޫކޮށްލަން ޖެހުނީ އެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރެއްވި ސާންތީ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭން 2015 ވަނަ އަހަރު ވާދަކުރިއިރު، ކޮންޓިންޖެންޓްގެ ޝެފް ޑި މިޝަންގެ ޒިންމާ އަދާކޮށްފަ އެވެ. ރާއްޖޭގެ ކުޅިވަރު ތާރީހުގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ގޭމްސް އަކުން ރަން މެޑަލް ހޯދި ގޭމްސްގައި ސާންތީ ހުރީ ރާއްޖޭގެ މުޅި ކޮންޓިންޖެންޓްގެ ޒިންމާ ބޮލުގައި އަޅައިގެންނެވެ.

"މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް," ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ސާންތީގެ ހިދުމަތްތަކުގެ ވާހަކަތަކުން ސޯޝަލް މީޑިއާ ރޭއްސުރެން ފުރި ބަންޑުންވަމުންދާއިރު، ޔަގީނުން ވެސް އެއްކަމެއް ސާފެވެ. އެ ފަދަ ދެ ވަނަ މީހަކު ދެން ފެންނާނެކަމުގެ ޔަގީންކަމެއް ނެތެވެ.

އަހަރެމެންނަށް، މިއަދު އޮތީ ސާންތީ އެ ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް، އޭނާގެ މައްޗަށް މާތް ﷲ ހަޒްރަތުގައި ހެޔޮ ދުއާ ކުރުމެވެ.

އިސްލާމީ މަރުކަަޒުގައި މިއަދު ހެނދުނު 9:30 އިން ފަށައިގެން، ސާންތީގެ މޫނު ދެއްކުން އޮންނާނެ އެވެ. މެންދުރު ނަމާދަށް ފަހު، ކަށުނަމާދު ކުރުމަށް ފަހު، ވަޅުލުން އޮތީ އާސަހަރާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox