އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން 64.6 މިލިއަން ޑޮލަރު ހޯދަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީއިން ހުށަހަޅައިފި އެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލޯނު ހޯދަން މަސައްކަތް ކުރަނީ އެ ކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމުގެ ޕްރޮޖެކްޓަކަށް ކަމަށެވެ.
އެ ކުންފުނިން ބުނީ ކެޕޭސިޓީ އިތުރު ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ހަތް ކަމެއް ކުރަން ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ބުނެ އެވެ.
އައިއެސްޑީބީގެ ލޯނުން ލިބޭ ފައިސާ ބޭނުން ކުރާނެ ގޮތް:
- އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އިތުރު ކުރުން
- ކަނޑުއޮތްގިރި ކޭނަރީ ބޮޑު ކުރުން
- ކެޕޭސިޓީ އިތުރު ކުރަން މުވައްޒަފުންނަށް ތަމުރީނު ދިނުން
- ކޮންސަލްޓޭޝަން އަދި ޕްރޮކިއުމެންޓު ފަދަ ކަންކަމުގައި އެހީތެރިކަން ހޯދުން
- ފައިނޭންޝަލް އޮޑިޓެއް ހިންގުން
- ކޮންޓިންޖެންސީ އެމެޖެންސީ ރެސްޕޮންސް ކޮމްޕޯނަންޓެއް ހިމެނުން
- ކުއްލިއަކަށް ހިނގައިދާނެ ހަރަދަކަށް ބަހައްޓާ ފައިސާ
އައިއެސްޑީބީގެ ލޯނަކަށް މިފްކޯއިން އެދިފައި މި ވަނީ އެ ބޭންކުން ފައިސާ ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު އޮކްޓޯބަރު، 2024، ގައި އަހުމަދު ޝިޔާމް ވިދާޅުވެފައި އޮއްވަ އެވެ.

"އައިއެސްޑީބީގެ ފަރާތުން މިފްކޯގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އައްޑޫގެ ފިޝަރީޒް ކޮމްޕްލެކްސް ހިމެނޭ ގޮތަށް މި މަސައްކަތް ކުރެވޭނެ ފައިސާ ހަމަޖެހިގެން މި ދިޔައީ މިދިޔަ ހަފުތާގައި. މި މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަންނަ އަހަރު، 2025 ވަނަ އަހަރުގެ ކުރީކޮޅު ފަށައި 2025 ވަނަ އަހަރުގެ ފަހުކޮޅު ނޫނީވިއްޔާ 2026 ވަނަ އަހަރުގެ ކުރީކޮޅަށް އަޅުގަނޑުމެންނަށް މަސައްކަތް ނިންމާލެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.
މިފްކޯއަކީ އެންމެ ދޯހަޅިކޮށް ހިންގަމުން އަންނަ ސަރުކާރުގެ އެއް ކުންފުނި ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ. އެހެން އެކަން އޮއްވައި، މިފްކޯ ރަނގަޅު ކުރަން ރާއްޖެއިން ބޭރުން ރެކްރޫޓު ކުރި ސީއީއޯ ޑރ. ވިޓަލީ ލިއުބިމޯވް މާޗް 3، ގައި އެ ކުންފުނިން ވަނީ ވަކިކޮށްފަ އެވެ.











