އަންހެނުން ބާރުވެރިކޮށް، އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރަން ދިވެހިރާއްޖޭގެ ހަތް ސިޔާސީ ޕާޓީއަކުން އެއްބަސްވެ އެކަމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ވެސްޓްމިނިސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީއިން އިސް ނަގައިގެން އެކުލަވާލި އެ އެއްބަސްވުމުގައި ސޮއި ކުރީ، އަދާލަތު ޕާޓީ އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އާއި ޕީޕަލްސް ނޭޝަނަލް ފްރަންޓް އަދި ދަ ޑެމޮކްރެޓްސް އެވެ.
މިއީ އަންހެނުން ބާރުވެރި ކުރަން އަދި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަން ސިޔާސީ ޕާޓީތަކުން އެއްބަސްވި ފުރަތަމަ ފަހަރެވެ.
"މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ކުރެވުނު ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މުހިންމު އެއްބަސްވުމެއް. މި އެއްބަސްވުމުގައި ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުންނަށް ކުރިމަތިވާ އަނިޔާ ހުއްޓުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން އަޅަންޖެހޭ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކުރެވިފައިވޭ،" ވެސްޓްމިނިސްޓާ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ވެސްޓްމިނިސްޓާ ފައުންޑޭޝަނުން އިތުރަށް ބުނީ އެ ފައުންޑޭޝަނުގެ މަގުސަދަކީ އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް މަދުކޮށް، ފާހަގަކުރެވޭ ފަދަ އިސްލާހީ ބަދަލުތަކެއް ގެނައުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި އެއްބަސްވުމުގެ ޒަރީއާއިން ސިޔާސީ މަޝްރަހުގައި އަންހެނުންނަށް ޒަމާނުއްސުރެ ކުރިމަތިވަމުން އައިސްފައިވާ ހުރަސްތައް މަދުކޮށް، ފާހަގަކުރެވޭފަދަ އިސްލާހީ ބަދަލުތަކެއް ގެނައުން. އަދި ގައުމީ ފެންވަރުގެ ނިންމުންތައް ނިންމުމުގައި އަންހެނުންނަށް ބަސްބުނުމުގެ ފުރުސަތު ފަހިކޮށްދ،ީ ދިވެހިރާއްޖޭގައި ހަރުދަނާ އަދި ޝާމިލު ޑިމޮކްރެޓިކް ވެއްޓެއް ގާއިމުކުރުމަށް މަގުފަހިކޮށްދިނުން،" އެ ބަޔާނުގައިވެ އެވެ.
އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތް ކުރަން ޕާޓީތަކުން އެއްބަސްވިއިރު، އަންހެނުންނަށް ލިބޭ ފުރުސަތުތައް އިތުރު ކުރުމަކީ ސަރުކާރުގެ ވެސް ސިޔާސަތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ވިދާޅުވެފަ އެވެ.
"ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖުމަތައުގައި އަންހެން ދަރީންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށް ދިނުން. ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުން. އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުން،" ރައީސް އިއްޔެ ދެއްވި ހިތާބެއްގައި ވިދާޅުވި އެވެ.








