ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ފުލުހުންގެ ވަޒީފާއިން މީގެ ކުރިން ކަނޑާލާފައި ހުރި އަހުމަދު މުހައްމަދު (ޓޫފޯ) އައްޔަން ކުރަން ނިންމައިފި އެވެ.
މިދިޔަ ސަރުކާރުގައި ޓޫފޯ މަގާމުން ވަކި ކުރީ، ބޮޑެތި ކުށްތަކަށް ތުހުމަތު ކުރެވޭ ފުލުހުންގެ ސީނިއާ އޮފިސަރުން މަގާމުން ވަކި ކުރަންޖެހޭނެ ކަމަށް ފުލުހުންގެ އާ ގާނޫނުގައި ބަޔާންކޮށްފައި އޮތުމުންނެވެ.
ފުލުހުންގެ ލޯންޗުތަކެއް ގަތުމުގައި ޓޫފޯ ކޮރަޕްޝަން ހިންގައި ފައިސާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހުން ބެލި އެވެ. އެ މައްސަލަ މިފަހުން އަނެއްކާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ޓޫފޯ ފުލުހުންގެ ވަޒީފާއަށް އަލުން ނެރެ، އޭނާއަށް މި ސަރުކާރުން ވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ދީފަ އެވެ.
ފުލުހުންގެ ހިދުމަތުން އޭނާ ވަކިކުރަން އޯގަސްޓު 9، 2021 ގައި ޕޮލިސް ބޯޑުން ލަފާދިނީ ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި މައްސަލައަށް ވެސް ރިއާތަތް ކުރުމަށްފަހު ކަމަށް މި ނޫހަށް އެނގިފައިވެ އެވެ. އެ ލަފަޔާ އެއްގޮތަށް ޓޫފޯ ވަޒީފާއިން ވަކިކުރީ އޮކްޓޫބަރު 10، 2021 ގަ އެވެ.

މިއީ މި ސަރުކާރުން އައްޔަން ކުރާ ތިން ވަނަ ޕޮލިސް ކޮމިޝަނަރެވެ. އެންމެ ފުރަތަމަ އެ މަގާމު އަދާކުރެއްވީ އަލީ ސުޖާއު އެވެ. އެއަށްފަހު އެ މަގާމަށް ވަޑައިގަތީ އިސްމާއިލް ނަވީން އެވެ.
ސުޖާއު އިސްތިއުފާ ދެއްވީ، އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާގެ މައްސަލައިގައި މާލޭގައި ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާގެ ޕްރެޝަރު ބޮޑުވެގެންނެވެ.











