ދައުރު މެދުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ތާރީހީ ބޮޑު ބައްޔެއް!

ރައީސް މުއިއްޒު. ރެފަރެންޑަމްގައި ސަރުކާރާ އެއްކޮޅަށް ވޯޓު ދިނުމަށް ވަކާލާތުކޮށް ވަރަށް ގަދައަށް ކެމްޕޭން ކުރެއްވި ނަމަވެސް ލިބިވަޑައިގަތީ އެންމެ 31 ޕަސެންޓު ވޯޓު --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު. ރެފަރެންޑަމްގައި ސަރުކާރާ އެއްކޮޅަށް ވޯޓު ދިނުމަށް ވަކާލާތުކޮށް ވަރަށް ގަދައަށް ކެމްޕޭން ކުރެއްވި ނަމަވެސް ލިބިވަޑައިގަތީ އެންމެ 31 ޕަސެންޓު ވޯޓު --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި މި ހިނގަމުންދާ ވިހިވަނަ މަޖިލީހުގެ އުމުރުން ހަ މަސްދުވަސް އުނިކުރުމަށް ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން އުޅުނު ބަދަލާ ދެކޮޅަށް ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ނޫނެކޭ ބުނުމުން އެ ބިލު ބާތިލުވެއްޖެ އެވެ. 

މިހާތަނަށް ފެންނަ ނުފެންނަ ވޯޓުގެ ފޮށިތަކުގެ ތެރެއިން 93 ޕަސެންޓުގެ ވޯޓު ގުނައި ނިމި ނަތީޖާ ވަނީ އިއުލާންކޮށްފަ އެވެ. ސަރުކާރުގެ ހުށަހެޅުމަށް ތާއިދުކޮށް އާނއެކޭ ބުނީ 58,144 މީހުންނެވެ. އެއީ އެންމެ 31 ޕަސެންޓެވެ.

ސަރުކާރުގެ ހުށަހެޅުމަށް 128,009 މީހުން ވަނީ ނޫނެކޭ ބުނެފަ އެވެ. އެއީ މިހާތަނަށް ގުނާފައިވާ ވޯޓުގެ 69 ޕަސެންޓެވެ. 

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި އެންމެ ފަހުން ފެންނަ ނުފެންނަ ވޯޓެއް ނެގީ 2007 ވަނަ އަހަރު އެވެ. އެއީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ނެގި ވޯޓެކެވެ. 

އޭރު އޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ބޭނުންވީ ރިޔާސީ ނިޒާމެކެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަކާލާތުކުރީ ބަރުލަމާނީ ނިޒާމެއް ބޭއްވުމަށެވެ. ރިޔާސީ ނިޒާމަކަށް 62 ޕަސެންޓު ރައްޔިތުން ތާއިދުކުރިއިރު ބަރުލަމާނީ ނިޒާމަށް ލިބުނީ 38 ޕަސެންޓު ރައްޔިތުންގެ ތާއީދެވެ. 

އެހެންކަމުން، ވެރިކަމުގައި ތިބެ ކެމްޕޭންކޮށް އާންމު ވޯޓެއްގައި އެންމެ ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހުނީ މުއިއްޒުގެ ސަރުކާރުންނެވެ. މުއިއްޒުއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދިން މީހުންނާ ގާތްގަނޑަކަށް އެއްވަރެއްގެ އަދަދެއްގެ މީހުން ވަނީ އެމަނިކުފާނުގެ ދައުރަށް ދެ އަހަރާއި ބައިވަމުން ދަނިކޮށް މި ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ނޫނެކޭ ބުނެފަ އެވެ.  

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެއީ މުއިއްޒުގެ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ހިމެނޭ ކަމެއް ނޫނެވެ. މި ވާހަކަތައް މުއިއްޒު ދައްކަވަން ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ.

މި ބަދަލު ގެނައުމަށް މަޖިލީހުން ބިލު ފާސްކުރީ ވެސް ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ފަހު އަވަސް އަރުވާލައިގެންނެވެ. ކޮމިޓީ މަރުހަލާ ހިމެނޭހެން މަޖިލީހުގައި ބިލަށް ބަހުސްކޮށް މަޝްވަރާކުރީ މަދު ގަޑިއިރުތަކަކަށެވެ. 

މި ވޯޓުގައި ސަރުކާރުން ވަރަށް ގަދައަށް ކެމްޕޭން ކުރި އެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަރަދު ކުޑަކުރަން ކުރާ ކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގައި ހަމަޖެހުން ގާއިމުވެ އެންމެ ގިނަ ރައްޔިތުން ވޯޓުލާ އިންތިހާބުގައި (ރިޔާސީ އިންތިހާބުގައި) ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރާނެ ކަމަށް ބުނެ ވަކާލާތު ކުރި އެވެ. 

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މި ވޯޓުގައި ސަރުކާރުގެ ހުށަހެޅުމަށް ނޫނެކޭ ބުނުމަށް ކެމްޕޭން ކުރި އެވެ. އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުންނާއި، މަޖިލީހުގެ ކުރީގެ މެންބަރުންނާއި، ގާނޫނީ ވަކީލުންނާއި، މަދަނީ ޖަމިއްޔާ ޖަމާއަތްތަކުންނާއި އަދި ގިނަ އަދަދެއްގެ ރައްޔިތުން މިކަމާ ދެކޮޅަށް ވަކާލާތު ކުރި އެވެ.

އެ ވަކާލާތުގައި ބުނި ގޮތުގައި މިއީ ގާނޫނުއަސާސީއާ ހިލާފު ބަދަލެކެވެ. ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ޖަހައިގެނެ އެކެއްގެ އަތަށް ބާރުތައް ޖަމާކޮށް، ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ފުރުސަތު މި ބަދަލުން ފަހިވެގެންދާނެ ކަމަށް އެ ފަރާތްތަކުން ދެކެ އެވެ. 

މި ވޯޓާ ގުޅިގެން ދަށު ކޯޓުތަކާއި އެންމެ މަތީ ކޯޓަށް ވެސް މައްސަލަތަކެއް ހުށަހެޅުނެވެ. އޭގެ ތެރެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ބެލިއިރު ހުކުމް ކުރީ ފެންނަ ނުފެންނަ ވޯޓުގެ ސުވާލު ސައްހަ ކަމާއި އެ ވޯޓު ހުއްޓުވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. 

ރެފަރެންޑަމްގެ ސުވާލުގައި އޮތީ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމަށް ރައްޔިތުންނަށް ފެނޭތޯ އެވެ. އެ އިސްލާހުގައި އޮތް ކަންކަމާ މެދު ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމެއް ނެތެވެ. 

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން މި ވޯޓު ނެގިއިރު މި ބިލު ފާސްކުރުމާ ދެކޮޅަށް ރަައްޔިތުންގެ ބޮޑު އަގުލިބައްޔަތެއް ވޯޓު ދީފައިވާތީ މުއިއްޒުއަށް މި ބިލު ތަސްދީގެއް ނުކުރެވޭނެ އެވެ. ބިލު ބާތިލުވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox