މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން 3،119 ބާކީކޮށް ފްލެޓް ލިސްޓު މިއަދު އިއުލާންކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ފްލެޓް ލިބޭނީ 1،820 މީހުންނަށް ކަމަށެވެ.
މިދިޔަ ސަރުކާރުން ފްލެޓު އިއުލާނުކުރި ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 4,939 މީހުންގެ ތެރެއިން އިވެލުއޭޝަން ނިމުނުއިރު:
- ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ކަނޑައެޅި 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުން
- ތިން ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 3,721 މީހުންގެ ތެރެއިން ވެރިފިކޭޝަނަށް ފަހު 75 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓު ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށް
- ދެ ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 1,218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށް ވުރެ މަތިން ލިބިފައި ވަނީ 397 މީހުންނަށް
މުއްތަލިބު ވިދާޅުވީ މިއަދު އިއުލާނު ކުރާ ފްލެޓު ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އަދި ފްލެޓު ނުލިބޭ ކަމަށް ކަނޑައަޅާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަކަށް ލިބިގެންދާނެ ކަމަށް އެނާ ވިދާޅުވި އެވެ.
"އަދި ފްލެޓް ނުލިބޭ ކަމަށް ފާހަގަކޮށްފައިވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ. މި މުއްދަތުގެ ތެރޭގައި ލިސްޓުން އުނިވި ފަރާތަށް ޕޯޓަލްއިން ޝަކުވާ ހުށަހެޅޭނެ. އަދި އާންމު ފަރާތަކުން ލިސްޓުގައި ހިމެނޭ ފަރާތަކާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ މިނިސްޓްރީއަށް ސިޓީއަކުން ނުވަތަ އީމެއިލްއަކުން ޝަކުވާ ހުށަހެޅޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ފްލެޓްތައް ދިނުމަށް ކަނޑައަޅާނީ ލިބޭ ޝަކުވާއަށް ބަލައި މިނިސްޓްރީގެ ނިންމުމަށް ޗެލެންޖު ކުރަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ވެސް ދިނުމަށްފަހު ކަމަށެވެ.













