ޕޮލްކޯ ކޮރަޕްޝަން: ކޮރަޕްޝަން ހިންގި މީހުންގެ މައްސަލަ އޭސީސީއަށް ހުށަހަޅައި ޕޮލްކޯ ބޯޑަށް ފިޔަވަޅު އަޅަން ލަފާ ދީފި

Jan 24, 2025, 6:40 AM
ބްލޫސް ހައުސިން މަޝްރޫއުގެ ބިންގާ އަޅަނީ: ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް މިހާތަނަށް 354 މިލިއަން ރުފިޔާ ވަނީ ގެއްލިފަ -- ފޮޓޯ: ފައިލް

ބްލޫސް ހައުސިން މަޝްރޫއުގެ ބިންގާ އަޅަނީ: ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް މިހާތަނަށް 354 މިލިއަން ރުފިޔާ ވަނީ ގެއްލިފަ -- ފޮޓޯ: ފައިލް

ފުލުހުންނަށް ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު ހިންގި ކޮރަޕްޝަންތަކުގެ މައްސަލައިގައި ހިމެނޭ އެންމެންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ބޯޑު މެންބަރުންނަށް ފިޔަވަޅު އަޅަން އޮޑިޓު އޮފީހުން ލަފާ ދީފި އެވެ.

އޮޑިޓު އޮފީހުން ބުރާސްފަތި ދުވަހު އާންމު ކުރި ހާއްސަ އޮޑިޓުން ހާމަވި ގޮތުގައި ބްލޫސް ހައުސިން ޔުނިޓުގެ 13 ބުރީގެ ތިން ޓަވަރު އެޅުމުގެ މަސައްކަތުގައި، ޕޮލްކޯގެ ނާގާބިލްކަމާއި ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ވަނީ 354 މިލިއަން ރުފިޔާ ގެއްލިފަ އެވެ. އެ މަޝްރޫއަށް ޖުމުލަ މިހާތަނަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

އެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާ އެވެ. ފަހުން ހަވާލު ކުރީ ނޫމަޑި ރިޕްރެޒެންޓު ކުރާ މީހާގެ މެނޭޖިން ޑައިރެކްޓަރުކަމުގެ ދަށުން ހިންގާ އައިލެންޑް އެކްސްޕާޓްސް ކިޔާ ކުންފުންޏަކާ އެވެ. އޮޑިޓު އޮފީހުން ބުނަނީ އެ މަޝްރޫއުގެ އެއްބަސްވުންތައް ޕޮލްކޯއިން ހަދައި ކޮންޓްރެކްޓު ހަވާލުކޮށްފައި ވަނީ އޭނާއަށް ފައިދާވާ ގޮތަށް ކަމަށެވެ.

އޮޑިޓު އޮފީހުން ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލު ގެނެސް، ކޮށްފައިވާ މަސައްކަތަށް ނުބަލައި ފައިސާ ދޫކޮށްފައި ވަނީ ވަކި ބަޔަކަށް މަންފާ ހޯދަން ކަމަށެވެ.

"މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި މި މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެހެނިގެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ލަފާ ދެން،" ހާއްސަ އޮޑިޓުގައި ބުނެފައިވެ އެވެ.

ބްލޫސް ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ޕޮލްކޯއިން ނަގައި މިހާރު ވަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ނަމަވެސް އޮޑިޓުގައި ލަފާ ދީފައި ވަނީ ޕޮލްކޯއިން މަޝްރޫއު ކުރިއަށްދިޔައިރު އެތަނުގެ ބޯޑުގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމަށެވެ.

"މިކަންތައްތައް ކުރިއަށްގެންދިޔައިރު، ނިންމުންތައް ނިންމިއިރު، އޮތް ޕޮލްކޯގެ އޮތް ބޯޑް އޮފް ޑިރެކްޓަރުން އަދި އިސް ވެރިން މިކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ބެލުންތައް ބަލައި އަމަލީ ފިޔަވަޅު އަޅާފައިނުވާތީ އޭރުގެ ޕޮލްކޯގެ ބޯޑާއި އިސް ވެރިން މިކަމުގައި ޒިންމާ ކުރުވުމަށް ލަފާ ދެން،" އޮޑިޓުގައި ބުނެފައިވެ އެވެ.

ފުލުހުންނަށް ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާ އެވެ. ނޫމަޑިއާ މަސައްކަތް ހަވާލު ކުރީ އިއުލާނު ކުރުމެއް، ޓެންޑާ ކުރުމެއް ނެތި އެވެ. ފަހުން މުޅި ޕްރޮޖެކްޓު ހަވާލު ކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓްއާ އެވެ. އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރަކީ ނޫމަޑީގެ ރިޕްރެޒެންޓޭޓަރެވެ. އެހެންކަމުން، އެކަމުގައި ފައިދާވީ ދައުލަތުގެ ބަދަލުގައި އޭނާއަށްކަން އޮޑިޓުގައި ފާހަގަ ކުރެ އެވެ.

"މި މަޝްރޫއުގެ އަގު އާދަޔާ ހިލާފަށް ބޮޑުވެފައި ވަނީ ޓެންޑާ ކުރުމުގެ އުސޫލުތަކާ ހިލާފަށް ސިންގަލް ސޯސްކޮށް ފަންނީ އަދި މާލީ ގާބިލްކަން ނެތް ކޮންޓްރެކްޓަރުންނަށް މަސައްކަތް ހަވާލު ކުރުމާއި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކުގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވުމުންނާއި ފްރޯޑާއި ކޮރަޕްޝަނުގެ އަމަލުތަކަށް ޝައްކު ކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރެއިން ހިންގާފައިވާތީ،" އެ އޮޑިޓުގައި ބުނެފައިވެ އެވެ.

ޕޮލްކޯއިން ކަނޑައެޅިގެން މަސައްކަތް ކޮށްފައި ވަނީ ނޫމަޑީގެ ރިޕްރެޒެންޓޭޓިވްއަށް ފައިދާވާ ގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އޭނާގެ ނަމެއް އޮޑިޓް ރިޕޯޓުގައި ފާހަގައެއް ނުކުރެ އެވެ. އޭނާއަށް ދީފައިވާ ނަމަކީ "މިސްޓާ އެކްސް" އެވެ.

"މި އޮފީހުން ބެލި ބެލުމުން ޕޮލްކޯއިން މި މަޝްރޫއަށް ހަދާފައި ހުރި 628.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓުތަކަކީ މިސްޓާ އެކްސްއާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވާ އެސޯސިއޭޓެޑް ކުންފުނިތަކެއް ކަމަށް ބެލެވޭ،" އޮޑިޓުގައި ބުނެފައިވެ އެވެ. "އެއްބަސްވުންތަކުގެ ދަށުން ދީފައިވާ މާލީ ލުއިތަކާއި އަގު އިތުރުކޮށްދިނުމާއި ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށްދިނުން ފަދަ ހުރިހާ ފައިދާއެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބިފައިވާ ފަރާތަކީ މިސްޓާ އެކްސް ކަމަށް ބެލެވޭ."

ނޫމަޑި ކުންފުނި ހިމެނޭ ގޮތަށް (އަމީން ކޮންސްޓްރަކްޝަން ފިޔަވައި) އެ މަސައްކަތް މިހާތަނަށް ކޮށްފައިވާ ހުރިހާ ކުންފުންޏަކަށް އިތުރަށް ފައިސާ ދޫކޮށްފައިވާކަން އޮޑިޓުން ދައްކަ އެވެ. އެއީ ސަބް ކޮންޓްރެކްޓަރުން ހިމަނައިގެން ޖުމުލަ ހަ ކޮންޓްރެކްޓަރުންނެވެ.

ބްލޫސް ހައުސިންއަށް މިހާތަނަށް ހަރަދުކޮށްފައިވާ ފައިސާ

  1. އެޗްޑީސީއަށް ދެއްކި ބިމުގެ އަގު - 15.4 މިލިއަން ރުފިޔާ
  2. އެޗްޑީސީއަށް ޖޫރިމަނާގެ ގޮތުގައި ދެއްކި ފައިސާ - 151،282ރ.
  3. ނޫމަޑި ކުންފުންޏަށް ދެއްކި ފައިސާ - 76 މިލިއަން ރުފިޔާ
  4. އައިލެންޑް އެކްސްޕާޓަށް ދެއްކި ފައިސާ - 432 މިލިއަން ރުފިޔާ
  5. އައިލެންޑް އެކްސްޕާޓުގެ ސަބް ކޮންޓްރެކްޓަރުންނަށް ދެއްކި އަދަދު - 199 މިލިއަން ރުފިޔާ
  6. ދެ ކޯމަސް ކުންފުންޏަށް ދެއްކި ފައިސާ - 4.1 މިލިއަން ރުފިޔާ
  7. ދެ ކޯމަސްގެ ސަބް ކޮންްޓްރެކްޓަރުންނަށް ދެއްކި އަދަދު - 10 މިލިއަން ރުފިޔާ
  8. ހާއޯ ކުންފުންނަށް ދެއްކި ފައިސާ - 10.2 މިލިއަން ރުފިޔާ
  9. ހައުސިން މިނިސްޓްރީން، އަމީން ކޮންސްޓްރަކްޝަނަށް ދެއްކި އަދަދު - 310 މިލިއަން ރުފިޔާ

އޭގެ އިތުރުން އަދި ނުދައްކާ އެ ޕްރޮޖެކްޓުގެ ބައެއް ބިލުތަކަށް ފައިސާ ނުދައްކާ ވެސް އެބަ ހުއްޓެވެ. އެއީ އެމްޓީސީސީއަށް ދައްކަންޖެހޭ 480،006ރ. އާއި އަމީން ކޮންސްޓްރަކްޝަންގެ ބިލުތަކަކަށް ދައްކަންޖެހޭ 18.3 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox