މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ހަރަދުތައް ހަމަޖައްސަން 50 ބިލިއަން ރުފިޔާ ހަރަދުކުރިއިރު, އާމްދަނީގެ ގޮތުގައި ލިބުނީ 34.7 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން އާންމުކޮށްފައިވާ އަހަރުގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި, މިދިޔަ އަހަރަށް ބަޖެޓުކުރި 54.9 ބިލިއަން ރުފިޔާގެ ތެރެއިން ހަރަދުކުރީ 52.6 ބިލިއަން ރުފިޔާ އެވެ. އެއީ ހަރަދުތަކުގެ އިތުރުން ލޯނުތަކަށް ދެއްކި 2.3 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.
ހަރަދުތަކަށް ބަލާއިރު, ރިކަރަންޓު ހަރަދާއި ކެޕިޓަލް ހަރަދު ވެސް އޭގެ ކުރީ އަަހަރަށް ވުރެ އިތުރެވެ.
އެގޮތުން ރިކަރަންޓު ހަަރަދުތަކަށް 34.7 ބިލިއަން ރުފިޔާ ހޭދަވީއިރު, ކެޕިޓަލް ހަރަދުތަކަށް 15.2 ބިލިއަން ރުފިޔާ ހަރަދުވި އެވެ. މިދިޔަ އަހަރު ނޫން އޭގެ ކުރީ އަހަރު ރިކަރަންޓު ހަރަދުތަކަށް ހޭދަކުރީ 47.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުތަކަށް ހޭދަކުރީ 14.8 ބިލިއަން ރުފިޔާ އެވެ.
ރިކަރަންޓު ހަރަދުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ބޮޑު ބަޔެއް ހަރަދުކުރީ އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށެވެ. ދެން އެންމެ ބޮޑު ބަޔެއް ހަރަދުވީ މުސާރަތަކަށެވެ. މި ދެ ބައިގެ ހަރަދުތައް ވެސް އޭގެ ކުރީ އަހަރަށް ވުރެ އިތުރެވެ.

މިދިޔަ އަހަރުގެ ބަޖެޓުގެ ރިކަރަންޓު ހަރަދުތައް އާމްދަނީއަށް ލިބުނު ފައިސާއަށް ވުރެ 54 މިލިއަން ރުފިޔާ އިތުރުވުމާއެކީ, ފިސްކަލް ސްޓްރެޓީޖައި ކަނޑައަޅާފައިވާ ގޮތަށް އާމްދަނީން ރިކަރަންޓު ހަރަދުތައް ހަމަޖެއްސުމުގެ އަމާޒު ހާސިލެއް ނުވެ އެވެ.
ކެޕިޓަލް ހަރަދުތައް ވެސް އޭގެ ކުރީ އަހަރަށް ވުރެ ބޮޑެވެ. މި ހަރަދުތަކުގެ ބޮޑު ބަޔެއް ހަރަދުވީ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނޭ އިންފްރާސްޓްރަކްޗާއަށެވެ. ދެން އެންމެ ގިނަ އަދަދަކަށް ފައިސާ ހަރަދުކުރީ ބިމާއި އިމާރާތްތަކަށެވެ.
އާމްދަނީއަށް ބަލާއިރު, އެހެން އަހަރުތަކެކޭ އެއް ފަދައިން މިދިޔަ އަހަރު ވެސް އާމްދަނީގެ ބޮޑު ބަޔެއް ލިބުނީ ޓެކްސްގެ ގޮތުގަ އެވެ. ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު އޭގެ ކުރީ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ ހަރަދުވި އެވެ.
ޓެކްސް އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ އިތުރު ނަމަވެސް, ޓެކްސް ނޫން އާމްދަނީ ދަށެވެ. މިދިޔަ އަހަރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.9 ބިލިއަން ރުފިޔާ ލިބުނުއިރު, އޭގެ ކުރީ އަހަރު މި އަދަދު އުޅެނީ 8.8 ބިލިއަން ރުފިޔާގަ އެވެ.














