ޑިސެމްބަރު 31، 2023، ގައި، ރައީސް މުއިއްޒުގެ ވެރިކަމުގެ އާ ދުވަސްވަރު މާލެއަށް ބޯކޮށް ވާރޭ ވެހުނުއިރު އަގުބޮޑު ކޯޓެއް ތުރުކުރައްވައިގެން، ގަންބޫޓަކަށް އަރުއްވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވީ މާލޭ ތެރޭގައި މީހުންގެ ހާލު ބެއްލެވުމަށެވެ.
ތައުރީފުގެ ބަސްތަކާއެކު، ރައީސް އޮފީހުންނާއި ސަރުކާރަށް ތާއީދު ކުރާ އެކްޓިވިސްޓުން މެދުކެނޑުމެއްނެތި ސޯޝަލް މީޑިއާގައި ޕޯސްޓު ކުރައްވަމުން ގެންދެވީ ގެތަކަށް ވަންނަވައި ރައީސް މުއިއްޒު ނަންގަވަމުން ގެންދެވި ފޮޓޯތަކެވެ. ފެންބޮޑުވެފައި އޮތް މަގެއްގައި ހުންނަވައި އެ މަނިކުފާނު ޓީވީ ޗެނަލްތަކަށް އިންޓަވިއުއެއް ވެސް ދެއްވި އެވެ.
އިއްޔެއިން ފެށިގެން މުޅި ދިވެހިރާއްޖެ އަދި ވެރި ރަށް މާލެ ސަރަހައްދަށް ވަރަށް ބޯކޮށް ދަނީ ވާރޭ ވެހެމުންނެވެ. މާލެ އެއްކޮށް އޮތީ ފެނުއަޑީގަ އެވެ. އެއް ގަޑިއިރު ތެރޭ 60 މިލިލީޓަރުގެ ވާރޭ ވެހިއްޖެ އެވެ. 24 ގަޑިއިރު ތެރޭ 140 މިލިލީޓަރުގެ ވާރޭ ވެހިއްޖެ އެވެ.
މާލޭގެ އިތުރުން، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި ފެންބޮޑުވެއްޖެ އެވެ. އޭގެ ތެރޭގައި ރ. އިނގުރައިދޫ އާއި ފ. ނިލަންދޫ އެ އަތޮޅު މަގޫދޫ އާއި ފީއައްޔާއި ދ. ކުޑަހުވަދޫ އާއި އެ އަތޮޅު މީދޫ އާއި އދ. މާމިނގިނލި އަދި ކ. ގުރައިދޫ ހިމެނެ އެވެ. ވާރޭވެހި ފެންބޮޑުވުމުގެ އިތުރުން ބައެއް ރަށްތަކަށް އުދަ ވެސް އަރައިފި އެވެ.
އެކަމަކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ ހަބަރެއް ނުވެ އެވެ. ރާއްޖޭގެ ބަޔަކު ހާލުގައި ޖެހިގެން އުޅޭ މި ދަނޑިވަޅުގައި ކުޑަމިނުން އެމަނިކުފާނުގެ ސޯޝަލް މީޑިއާ ޕޯސްޓެއްހާ މިންވަރު ވެސް ނުފެނެ އެވެ. އެމަނިކުފާނަށް ތައުރީފު ކުރާ އެކްޓިވިސްޓުންގެ ހިމޭންކަމުން ސޯޝަލް މީޑިއާ "ގުގުމާލައިފި" އެވެ. އެމަނިކުފާނު ކޮބައިތޯ އެވެ؟

ރައީސް މުއިއްޒު މުޅިން ނުގެއްލެ އެވެ. އެމަނިކުފާނުގެ ކާރުކޮޅު (ހީވާ ގޮތުން އެމަނިކުފާނާއެކު) މަޖީދީ މަގުން މިއަދު އިރާކޮޅު ދުއްވާފައި ދިޔަ އެވެ. މާފަންނުކޮޅު ޒިއޯން މޮބައިލްސް ކައިރިން ކާރުކޮޅު ދިޔައިރު އާންމު ރައްޔިތަކު އާދޭސް ކުރަމުންދިޔައީ، ރައީސް މުއިއްޒު އެތަނަށް ފައިބައިވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށެވެ. އޭނާގެ ބަހުން ނަމަ "އަހަރުމެންނަށް ވަގުތުކޮޅެއް" ދިނުމަށެވެ. އެކަން ކުރެއްވުމުގެ ބަދަލުގައި އާދޭސް ކުރަމުންދިޔަ މީހާއަށް ދިމާލަށް އަމާޒުވީ ރައީސްގެ ބޮޑީގާޑުގެ ހަޅޭކެވެ.
"ކިހިނެއްތަ ވެގެންތި އުޅެނީ،" ކާރުގެ ދޮރު ތެރެއިން ބޭރަށް ބޯ ނެރެގެން ހުރެ ސިފައިން މީހާ ހަޅޭއްލަވައިގަތެވެ.
ރައީސް މުއިއްޒުގެ އަގުބޮޑު ކާރުކޮޅުން ފައިބައިވަޑައިގެން ރައްޔިތެއްގެ އުދާސްތައް މިއަދު އަޑުއެހިކަމެއް ނޭނގެ އެވެ. ގައިމު ވެސް އެމަނިކުފާނާ ބައްދަލުކޮށްލެއްވުމަށް މާފަންނުކޮޅުން އެދުނު މީހާ ކައިރިއަށް ރައީސް މުއިއްޒު ނުހުއްޓަވަ އެވެ. އެމަނިކުފާނު ކާރުގައި އިންނެވިކަމެއް ވެސް ޔަގީނެއް ނޫނެވެ. އެމަނިކުފާނު ކާރުގައި އިންނެވިކަމެއް ވެސް ޔަގީނެއް ނޫނެވެ.
ޔާގީންވާ ކަމަކީ މިއަދު އެމަނިކުފާނުގެ ފޮޓޯތަކެއް ނުފެންނަ ކަމެވެ. ފެންބޮޑުވެފައިވާ މަގުތަކުގައި ހުންނަވައި އިންޓަވިއު ދޭ މަންޒަރެއް ނުފެންނަ ކަމެވެ.












