މި ޑިސެމްބަރު މަހު ރާއްޖެއިން 6،373 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިޔަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެކި ކުންފުނިތަކާއި ހަވާލުވެގެން މި މަހު އުމްރާގެ އަޅުކަމަށް މައްކާއަށް ދިޔަ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ޑިސެމްބަރު މަހު އުމްރާގެ އަޅުކަމަށް އެންމެ ގިނައިން މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނުންނެވެ. އެގޮތުން އެ ގްރޫޕުން ވަނީ 830 އަށްވުރެ ގިނަ މީހުން ގެންގޮސްފަ އެވެ.
އޭގެއިތުރުން އަލް މުސާފިރުއިން 660 މީހުން، ގިބްލަ ހައްޖު އެންޑް އުމްރާއިން 456 މީހުން، ހިޖާޖްއިން 316 މީހުން، ނިމްސް މޯލްޑިވްސްއިން 356 މީހުން އަދި އަލް ސަފާއިން 325 އުމްރާއަށް ގެންދިޔަ އެވެ.
އުމްރާގެ އަޅުކަން އަދާ ކުރުމަށް އާންމު ގޮތެއްގައި ޑިސެމްބަރު މަހު ރާއްޖެއިން ގިނަ ބަޔަކު މައްކާއަށް ދެ އެވެ. މިފަހަރު ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަމާ އެކު ވެސް އުމްރާގެ އަޅުކަން އަދާ ކުރުމަށް ރަށްރަށުން މީހުން ފޮނުވާފައިވެ އެވެ.














