ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އޭރުގެ ޕްރޮކިޔުމަންޓް ހެޑު މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލައިފި އެވެ.
ސައީދު އާއި ދީނާގެ މައްޗަށް ދައުވާ އުފުލީ 2018 ގައި ފެނަކަ އާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަންއަށް ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލައިގަ އެވެ.
އެ އަމަލުގެ ސަބަބުން ފެނަކައަށް 848،000 ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މި މައްސަލައާ ގުޅޭ ގޮތުން އާންމުކުރި މައުލޫމާތުގައި ވެ އެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭނެ އެވެ.
ދީނާއަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީގައި 2021 ގައި ވެސް އެދުނެވެ. އެއީ 2018 ގެ ތެރޭގައި ފެނަކައިން ކުއްޔަށް ހިފި އެއް ދޯންޏަކީ، ދީނާއާ ގާތްގުޅުން އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ކަމަށް ބުނާ މައްސަލަ އެވެ. އެ ފަހަރު ވެސް ދީނާގެ މައްޗަށް ދައުވާކޮށްދޭން އެދުނީ އޭނާއާ ގާތް މީހެއްގެ ދޯނި ކުއްޔަށް ނެގީ ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ކަމަށް ތުހުމަތުކޮށެވެ.

އޭސީސީން އޭރު ބުނީ އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުގައި ދޯނި ކުއްޔަށް ދޫކުރުމަށް ފެނަކަ ކޯޕަރޭޝަނަށް ކޯޓޭޝަން ހުށަހަޅާފައިވާ ފަރާތާއި، ދީނާއާ ދެމެދު ފޯނުން ގިނަ އަދަދެއްގެ މުއާމަލާތުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރި ކަމަށް ރެކޯޑުތަކަކުން ނުދައްކަ އެވެ. މިކަން އިތުރަށް ސާފުކުރުމަށް "އަދަދު" އިން ވާނީ ޕިޖީ އާއި އޭސީސީގައި ވެސް އެދިފަ އެވެ.
ސައީދުގެ މައްޗަށް ޕީޖީން ދައުވާ އުފުލީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަަތުތައް މީގެ ކުރިން އޭނާ ވަނީ ދޮގުކޮށްފަ އެވެ. މި މައްސަލަތައް ބަލަމުންދާތީ އޭނާއަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ޕާސްޕޯޓު ހިފަހައްޓާފަ އެވެ.












