މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ދޭން ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ލިބުނު ކަމުގެ ވަގު ލިޔުންތަކެއް ތައްޔާރުކޮށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުރުން މަނާކޮށް، ޕާސްޕޯޓު ހިފަހައްޓާފައިވާ މީހުންގެ ލިސްޓު އަދަދު ނޫހަށް ލިބިއްޖެ އެވެ.
މި މައްސަލަ ފަޅައި އެރުމުން ފުލުހުންނާއި އޭސީސީ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ނުކުރެ އެވެ.
ނަމަވެސް 20 މީހެއްގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން އިއްޔެއިން ފެށިގެން މާޗު 19، 2025 ގެ ނިޔަލަށް ހިފަހައްޓައި، ރާއްޖޭން ބޭރަށް ފުރުން ވަނީ މަނާކޮށްފަ އެވެ. އެ މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ކޮއްކޮ މުހައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ.
ފުރުން މަނާ މީހުން
- އިބްރާހިމް ފަޒުލް ރަޝީދު، މ. ޒޭވަރު
- އިބްރާހިމް ޔޫސުފްފުޅު، އަތިރީގެ، ނ. ވެލިދޫ
- މުހައްމަދު ވިޝާމް، ވ. ވަސްމީރުފިޔަ
- އުލާ މުހައްމަދު ރަޝީދު އިބްރާހިމް، ގ. ގަސްކަރަ
- އާރިފް އަބްދުއްސަމަދު، ދަފުތަރު 9241
- މުހައްމަދު ނާޖިލް، ހ. ފަށަން
- މުހައްމަދު ވަހީދު، މަބުއްސްތާނުގެ ހއ. ފިއްލަދޫ
- ޔޫސުފް ވަހީދު، ބޮޑުގެ، ހއ. ވަށަފަރު
- އަޒުހަރު އަބްދުﷲ ސައީދު، ސީނާޒު، ގދ. މަޑަވެލި
- މުހައްމަދު ފަޒީލް ރަޝީދު، މ. ޒޭވަރު
- އަބްދުލް މަޖީދު މާހިރު، ޖަމީލާމަންޒިލް، ހއ. ދިއްދޫ
- މަރިޔަމް ސާއީ، ހަޒާރުމާގެ، ސ. ފޭދޫ
- މަރިޔަމް ނިޔާޒާ، ހުޅުމާލެ ގޯތި ނަންބަރު 10794 (އަނާރު، ކ. މާލެ)
- އަހުމަދު ވިޝާން ނަސީމް، މއ. އިހާދޫ
- އަބްދުﷲ ފާއިދު، ހ. މާފާގާ
- އަބްދުﷲ ޝުހޫދު، މ. ސްލިޕްވޭއާގެ
- އަހުމަދު އައިމަން، މ. އަޒުމާ
- އަހުމަދު ޔާމީން، ކަސީރާގެ، ސ. މަރަދޫ
- ޟިރުގާމް ވަހީދު، މއ. ވިރާހު
- މުހައްމަދު އާރިފު، ނެދުންގެ، ހއ. އިހަވަންދޫ
މި ލިސްޓުގެ 1-9 އަށް އެ ވަނީ އެޗްޑީސީ ބޯޑުގެ މެންބަރުންނެވެ. އެ ބޯޑުގެ މެންބަރުންގެ ތެރެއިން ޕާސްޕޯޓު ހިފަހައްޓާފައި ނެތީ ފާތުމަތު މިޒްނާ އަލީގެ އެކަންޏެވެ. އޭނާއަކީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެވެ. އަދި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އަނބިކަނބަލުންނެވެ.
ފުރުން މަނާކުރި މީހުންގެ ލިސްޓުގައި ހައުސިން މިނިސްޓްރީގެ ބައެއް ވެރިން އަދި އެމްޑީޕީގެ ވެރިކަމުގައި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފު ހިމެނެ އެވެ. އޭގެ އިތުރުން ބިން ވެރިޔާގެ ލިސްޓުގައި ނަން ނެތި ގޯތި ލިބިފައިވާ ފަޒީލް އާއި އަބްދުލް މަޖީދު މާހިރު ހިމެނެ އެވެ.

މި ގޯތިތަކުގެ މައްސަލަ އެޗްޑީސީއަށް ފުރަތަމަ ފާހަގަވީ މި އަހަރުގެ ޖުލައި މަހު ބިންވެރިޔާ ސްކީމްގެ ލޮޓް ނަންބަރު 20768 ގޯތީގެ އިންފާރު ރޭނުމަށް ފަޒީލް އާއި މަޖީދު ހުށަހެޅި ހިސާބުންނެވެ. އެ މައްސަލައިގައި ހައުސިން މިނިސްޓްރީން ބުނެފައި ވަނީ އެ ދެ މީހުންނަށް ވެސް ބިން ލިބިފައި ނުވާ ކަމަށެވެ.
ނަމަވެސް އެތަނުގެ އިން ވަކިކޮށް ފާރު ނޭރުމުގެ ހުއްދަށް އެޗްޑީސީން ފަޒީލް އަށް ދީ، ދާދި ފަހުން ފާރު ވެސް ވަނީ ރާނާފަ އެވެ.
މާލޭގެ ރަށްވެހިންނަށް ހުޅުވާލި ބިންވެރިޔާ ސްކީމުން ދިއްދޫ ރަޖިސްޓްރީގައި އޮތް މަޖީދަށް ގޯތި ލިބެންވީ ގޮތެއް ތަހުގީގީ އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ. ފަޒީލްގެ ނަން ވެސް ބިންވެރިޔާ ސްކީމުގެ ޝަރުތު ހަމަވާ ލިސްޓުގައި ނެތެވެ.
ބިންވެރިޔާ ސްކީމުން ފަޒީލްއަށް އަށް ގޯތި ލިބުނުކަމުގެ ލިޔުން ދިނީ ކުރީ ސަރުކާރުން ކަމަށް، އޭނާ ބުނާ ކަމަށް ފުލުހުން ރޭ ބުންޏެވެ. ނަމަވެސް އެ ބުނާ ބުނުމުގެ ސައްހަކަން ފުލުހުން އަދި ކަށަވަރެއް ނުކުރެ އެވެ.












