ތިރީހަށް ވުރެން ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގައި ބާއްވާ އޭޝިއާ ޓެނިހުގެ ފުރަތަމަ މުބާރާތް، "އޭޝިއަން ޓެނިސް ފެޑެރޭޝަން މޯލްޑިވްސް 16 އެންޑް އަންޑަ އޯޕަން ޗެމްޕިއަންޝިޕް" މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.
މި މުބާރާތުގައި އޭޝިއާގެ އެކި ހިސާބުތަކުގެ ޒުވާން ޓެނިސް އެތުލީޓުން ވާދަކުރާއިރު, މުބާރާތުގައި ބްރެޒިލްގެ ކުޅުންތެރިއަކު ވެސް ވާދަކުރާނެ އެވެ.
"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ދެމުން ޓެނިސް އެސޯސިއޭޝަނުން ބުނީ, މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިން މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މި ފެންވަރުގެ މުބާރާތެއް ރާއްޖޭގައި ބޭއްވޭ މިއީ ފުރަތަމަ ފަހަރު ކަމަށާއި, މި ފެންވަރުގެ މުބާރާތެއް ރާއްޖޭގައި މި ބޭއްވެނީ ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްގެން ކަމަށެވެ.
މީގެ ކުރިން ރާއްޖޭގައި ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް ނުބޭއްވުނީ އެ ފެންވަރުގެ ކޯޓެއް ނެތުމުން ކަމަށް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.
މި ފަހަރުގެ މުބާރާތުގައި ފެނިގެންދާނީ ރާއްޖޭގެ އިތުރުން, ކަޒަކިސްތާން, ޗައިނާ, އިންޑިއާ, އިންގްލެންޑް އަދި ބްރެޒިލްގެ ކުޅުންތެރިންނެވެ.
މި މުބާރާތުގައި ރާއްޖޭގެ 15 ކުޅުންތެރިން ކުޅޭނެ އެވެ. އެއީ ލޫތު އަގްލީމް އަހުމަދު, އާރާ އާސާލް އާޒިމް, އައިޝާ ޔަމިން, ކައިސާން އިއްޒަތު ރަޝީދު, އައިޝަތު ލިވިއާ, ޒަފްޔާން މުހައްމަދު ސަލާމް, މަލްޝާ މުހައްމަދު, މަންހާ މުހައްމަދު އަލީ, މުހައްމަދު ނޫހް ނާޒިހް, އާދަމް އާލް ނިޔާޒް, ސާރާ ސާމީ މުހައްމަދު, ދާއޫދް ޝަހީބް, ނީމް އަހުމަދު ސަލީމް, ކިޔާރާ އުސާމާ އަލީ, ނަޔާރާ އުސާމާ އަލީ, ލާރާ އަހުމަދު ޔަޒީލް އަދި ޒަހްރާ ލިލީ ޝިހާމް އެވެ.
މިއީ ބައިނަލްއަގުވާމީ ބޮޑެތި ޓެނިސް މުބާރާތްތައް ރާއްޖެ އަށް ގެންނަން ބަލާއިރު ފުރުސަތުތައް ތަނަވަސްކޮށްދޭނެ މުބާރާތެކެވެ. ރާއްޖޭގެ ޓެނިސް ކުޅުންތެރިން ފަހަކަށް އައިސް ބައިނަލް އަގުވާމީ މުބާރާތްތަކުގައި އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.













