އައިޖީއެމްއެޗްއާ ދިމާލުން މޫދުގައި ޒަހަމްތަކާ އެކީ އޮއްވާ މިއަދު ފެނުނު މީހާއަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެއްޖެ އެވެ.
އޭނާ މަރުވީކަން "އަދަދު" ނޫހަށް ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އޭނާގެ ނަމާއި ރަށެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ކުރިން ފޮނުވި މެސެޖެއްގައި ބުނީ އޭނާގެ ބޮލަށް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އެ ޒަހަމްތައް ލިބުނީ އުޅަނދެއްގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ ސަލާމަތް ކުރާ މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވި އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ނަގައި އެމްބިއުލާންސަކަށް އެރުވީ އެ ސަރަހައްދުގައި ތިބި ބަޔެކެވެ.

އޭނާ އެމްބިއުލޭންސަށް އެރުވިއިރު ހަރަކާތް ކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނުނެވެ.













