ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ލައިޓްގެ މައްސަލަ ޖެހިގެން މެދުކަނޑާލަން ޖެހުނު މެޗުގައި، ބ. ކެންދޫ އަތުން 5-1 އިން ރ. އަލިފުށި މޮޅުވެއްޖެ އެވެ.
މިރޭގެ މެޗުގައި ގަލޮޅު ރަސްމީ ދަނޑުގެ ލައިޓުތަކަށް މައްސަލަ ދިމާވެ، ނިވުމާ ގުޅިގެން މެޗު މެދުކަނޑާލަން ޖެހުނު މުއްދަތު 20 މިނިޓަށް ވުރެ އިތުރުވި އެވެ. އެހެންވެ، ރެފްރީ ވަނީ މެޗުގެ 90 މިނިޓް ނިމުމުން އިތުރު ވަގުތުގެ ގޮތުގައި 25 އެއްހާ މިނިޓް ކުޅުވައިފަ އެވެ.
ގަލޮޅު ދަނޑުގެ ލައިޓިން މައްސަލަ ހައްލުކުރީ، މީގެ ހަ ވަރަކަށް މަސް ކުރިންނެވެ. މި ފަހަރުގެ ގޯލްްޑް ކަޕްގެ މެޗުތައް ރޭގަނޑު ވެސް ކުޅެވިގެންދާއިރު، މިއީ މި ގޮތަށް ލައިޓް މައްސަލަ ދިމާވި ފުރަތަމަ މެޗެވެ. ދަނޑުގެ ލައިޓް މައްސަލަ ސަރުކާރުން ހައްލުކުރީ ގިނަ އަހަރުތަކެއް ވަންދެން އެކަން އެންމެ ރަނގަޅަށް ނުކޮށް އޮތުމަށް ފަހު އެެވެ.
މަޝްހޫރު ކޯޗު، އިސްމާއިލް އާސިފް (ކުޑަހީނާ)ގެ އިރުޝާދުގެ ދަށުން ކުޅޭ އަލިފުށިން ވަނީ މި މެޗުގެ ކޮންޓްރޯލް ނަގައިގެން މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، މެޗުގެ ފުރަތަމަ ލަނޑު އަލިފުށްޓަށް ޖަހައިދިނީ، ގައުމީ ޓީމުގެ މިޑްފީލްޑަރު، ހުސެއިން ނިހާން (ނިހާޓް) އެވެ.

ގައުމީ ޓީމުގެ ކުރީގެ ތަރި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުލްބެކް، މުހައްމަދު ރަޝީދު (ހޮކޭ)ގެ ކެޕްޓަންކަމުގައި ކުޅުނު އަލިފުށްޓަށް މި މެޗުގައި ދެން ލަނޑުތައް ޖަހައިދިނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު ހުސާމް (ހުސާންކޮ) އާއި ކުރިން ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް ކުޅުނު، އަލިފުށީ ކައުންސިލްގެ ރައީސް، އާދަމް އިމްރާން (އިންނަ) ދެ ގޯލުގެ އިތުރުން، ފުރަތަމަ ގޯލު ޖެހި ނިހާން އެވެ.
އަލިފުށީ ސަޕޯޓަރުންގެ ފަރާތުން ތަފާތު ރޫހެއްގެ ސަޕޯޓް ފެނިގެންދިޔަ މި މެޗުގައި، ކެންދޫން ކާމިޔާބުކުރި ހަަމައެކަނި ލަނޑު ޖެހީ، ރަޝާދު އަބްދުލް މަތީން އެެވެ. އިތުރު ވަގުތުގައި، އޭރިއާ ރޮނގުމަތިން ކަަހަލަ ގޮތަކަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.












