ކެރަމްގެ ދުނިޔޭގެ ޖަމިއްޔާ، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ރައުޝާން އިންތިހާބުކޮށްފި އެވެ.
އައިސީއެފްގެ މަގާމަށް ކުރިއަށް އޮތް ހަތަރު އަހަރަށް ރައުޝާން އިންތިހާބުވީ، އެެމެރިކާގެ ސެން ފްރަންސިންސްކޯ، ކެލިފޯނިއާގައި ކުރިއަށްދިޔަ، އިންތިހާބަށް ފަހު އެވެ. ރައުޝާން ވެގެންދާނީ އައިސީއެފްގެ ނައިބުގެ މަގާމު ފުރުއްވާނެ އެންމެ އުމުރުން ހަގު ފަރާތަަށެވެ.
ކުރިން ކެރަމް ކުޅުމަށް ފަހު، އަމްޕަޔަރު ކަމުގައި ވެސް މަސައްކަތްކުރި ރައުޝާން، ކެރަމް އެސޯސިއޭޝަން ދުވަހުން ދުވަހަށް ހިންގުމުގެ އިސް ޒިންމާ ގުޅިފައި އޮތް ޖެނެރަލް ސެކްރެޓަރީގެ މަގާމާ އެންމެ ފުރަތަމަ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން، އޭނާ ކެރަމް އެސޯސިއޭޝަން ހިންގުމުގެ އިތުރުން، ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ވަރުގަދަކުރި އެވެ.
އެ ގޮތުން، މި އަހަރު ރާއްޖޭގައި، އޭޝިއާގެ ކެރަމްގެ ބޮޑު މުބާރާތް، އޭޝިއަން ޗެމްޕިއަންޝިޕް ހޯސްޓްކުރުމުގައި ވެސް ރައުޝާން އިސްކޮށް ހަރަކާތްތެރިވި އެވެ. މި އަހަރު ރާއްޖޭގައި އޭޝިއާގެ މައި ކެރަމް މުބާރާތް ބޭއްވިއިރު، މިއީ، މިދިޔަ 10 ވަރަކަށް އަހަރު ތެރޭ ދެކުނު އޭޝިއާ ގައުމަކުން މި މުބާރާތް ހޯސްޓްކުރި ފުރަތަމަ ފަހަރެވެ. މިއީ ރާއްޖޭގައި، ބޮޑު ކެރަމް މުބާރާތެއް ހޯސްޓްކުރި ދެ ވަނަ ފަހަރެވެ. އެ ގޮތުން، 2014 ވަނަ އަހަރު ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބޭއްވީ ސަން އައިލެންޑް ރިސޯޓްގަ އެވެ. އެ މުބާރާތުގައި، ރައުޝާން މަސައްކަތްކުރީ އަމްޕަޔަރަކަށެވެ.
މީގެ ކުރިން، ރާއްޖޭގެ އެކި ފަރާތްތަކުން ވަނީ އެކި ކުޅިވަރުގެ ދުނިޔޭގެ ފެޑެރޭޝަނުގެ ޒިންމާތަކެއް އަދާކޮށްފަ އެވެ. އެ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ކުރީގެ ރައީސް މޫސާ ނާޝިދު ވަނީ 2017 ވަނަ އަހަރު ބެޑްމިންޓަންގެ ދުނިޔޭގެ ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ކައުންސިލް މެމްބަރެއްގެ އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ.
އަދި، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ބޯޑުގައި އޭޝިއާ ތަމްސީލްކުރާ މެމްބަރަކަށް، 2018 ވަނަ އަހަރު، ރާއްޖޭގެ ކްރިކެޓް ބޯޑުގެ އޭރުގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) އިންތިހާބުވެވަޑައިގެންއިރު، އޭގެ ފަހުން، އައިސީސީ އިން އޭޝިއާ ސަރަހައްދުގެ ނޮން-އެލިޖިބަލް ގައުމުުތައް ތަމްސީލްކުރާނެ ފަރާތަކަށް އިންތިހާބު ކޮށްފައިވަނީ ރާއްޖޭގެ ކްރިކެޓް ބޯޑުގެ މި ވަގުތު ހުންނެވި ރައީސް މުހައްމަދު ފައިސަލް އެވެ. އަދި، 2022 ވަނަ އަހަރު، ބޮޑީބިލްޑިންގެ ދުނިޔޭގެ ޖަމިއްޔާ، ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަން (ޑަބްލިއުބީޕީއެފް)ގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) އިންތިހާބުކޮށްފި












