ފުލުހުންނާއި ސިފައިންނަށާއި އެ މީހުންގެ އާއިލާތަކަށް މިހާރު ލިބޭ ވެލްފެއާގެ ސްކީމުގެ ބަދަލުގައި ޕްރައިވެޓް އިންޝުއަރެންސެއް ހަމަޖައްސަން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނައިފި އެވެ.
އެ ބަދަލު ގެންނަން ނިންމާފައި ވަނީ އާސަންދަ އާއި މެޑިކަލް ވެލްފެއާގެ ނިޒާމު ހަރުދަނާ ކުރުމަށް އަޅަން ރާވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން، އަންނަ އަހަރުގެ ކުރީކޮޅެވެ. ނަމަވެސް ސީދާ ތާރީހެއް ބަޔާންކޮށްފައި ނެތެވެ.
ބަޖެޓު ފޮތުގައިވާ ގޮތުގައި ސިފައިންނާއި ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ދޭ މެޑިކަލް ވެލްފެއާ މިހާރު ބައްޓަންވެފައި އޮންނަނީ އާސަންދަ ފަދަ އިތުރު ސްކީމެއް ގޮތަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް ލިބޭ މެޑިކަލް ވެލްފެއާގައި ވަކި ލިމިޓެއް ކަނޑައެޅިފައި ނޯންނައިރު، އޭގެ ދަށުން ކޮސްމެޓިކް ޕްރޮސީޖާތަކާއި ބައެއް ބޭސްތައް ވެސް ލިބޭކަން ފާހަގަކޮށްފައިވެ އެވެ.
އެ ގޮތުން މިއަހަރުގެ ނިޔަލަށް ފުލުހުންނާއި ސިފައިންގެ ބޭސްފަރުވާއަށް އާސަންދައިގެ ބޭރުން 321.7 މިލިއަން ހަރަދުވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.
ބަޖެޓުގައި ހިމަނާފައި ވަނީ ފުލުހުންނާއި ސިފައިންނަށް ހަމަޖައްސާ ޕްރައިވެޓު އިންޝުއަރެންސް ކަވާ ހަމަވުމަށްފަހު އާސަންދަ ނިޒާމުގެ ދަށުން އެމީހުންނަށް ބޭސްފަރުވާ ކުރެވޭ ގޮތަށެވެ. ނަމަވެސް ފުލުހުންނާއި ސިފައިންގެ ވަޒީފާ އަދާކުރުމުގެ ތެރޭގައި ލިބޭ ގެއްލުމަށް ދައުލަތުން ފުރިހަމައަށް ހަރަދު ކުރަމުންދާނެ ކަމަށް ބަޖެޓުގައި ލިޔެފައިވެ އެވެ.













