އައްޑޫ ސިޓީ ފަތުރުވެރިކަމަށް ހާއްސަ ކުރުމަށް އެ ސިޓީގެ ކައުންސިލުން އިސް ނަގައިގެން އެންކްރިއާ ސްޓޫޑިއޯއާ ހަވާލުކޮށްގެން "ބިޔޮންޑް ދަ އީކުއޭޓާ" ނަމުގައި ބްރޭންޑެއް ލޯންޗުކޮށްފި އެވެ.
އައްޑޫގެ ކެނެރީފުގައި ބޭއްވި އެ ހަފްލާގައި ބްރޭންޑު ލޯންޗިންއާއެކު އައްޑޫ އިސްތިހާރު ކުރުމަށް ހާއްސަ ޓުއަރިޒަމެއް ވެސް ވަނީ ލޯންޗު ކޮށްފަ އެވެ.
އޭގެ އިތުރުން، އައްޑޫ ސިޓީ ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި އިސްތިހާރު ކުރުމަށް އައްޑޫގެ ރީތިކަން ފެންނަ ވީޑިއޯއެއް ވެސް ވަނީ ދައްކާލައިފަ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި އިސްތިހާރު ކުރުމަށް ބޭނުންވަނީ އެއްބާރުލުން ކަމަށާއި އެއާއެކު އެހެން ތަންތަނެކޭ އެއްފަދައިން އައްޑޫ ވެސް ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ފައްކާ ކުރެވިދާނެ ކަމަށެވެ.
ބްރޭންޑު ތައްޔާރުކުރި އެންކްރިއާ ސްޓޫޑިއޯގެ އާޓް ޑިރެކްޓަރު އަބްދުﷲ ޝަފީއު ވިދާޅުވީ ބްރޭންޑު ލޯގޯ ހަދާފައި ވަނީ މުސްތަގުބަލުގައި އައިކޮނިކް މާކެއް ގޮތުގައި ބޭނުން ކުރެވޭނެ މަގު ތަނަސް ކޮށްދިނުމަށް ކަމަށާއި އެ ލޯގޯ ބޭނުން ކޮށްގެން ތަފާތު ގިނަ ކަންކަން ކުރެވޭނެ ކަމަށެވެ.

"މި ލޯގޯ ފަރުމާ ކުރެވިގެންދިޔައިރު އަޅުގަނޑުމެން މި ދައްކާލަދިނީ ދުނިޔޭގައި އިންވިޒިބަލް ލައިނެއް އީކުއޭޓާއަށް އަޅާލެވިފައި އިންނައިރުގައި، އެ އިންނަ އޯވަލް ޝޭޕް އައްޑޫގެ މި ހިތްގައިމު އައިކޮނިކް އެޓޯލް ޝޭޕްގެ ތެރެއިން ދައްކާލަ ދިނުން. އަދި އޭގެ އިތުރަށް އައްޑޫއިން މި ފެންނަ ރީތި ހިތްގައިމ ފެއްސާއި ނުލުގެ ގްރޭޑިއަންޓަކުން މި ލޯގޯގެ މާކް ދައްކާލަ ދިނުން،" އަބްދުﷲ ވިދާޅުވި އެވެ.
މުޅި ބްރޭންޑް ފަރުމާ ކޮށްފައި ވަނީ އައްޑޫގެ ރީތިކަމާއި ހުރި ވަސީލަތްތައް ދައްކުވައިދޭ ގޮތަށް ކަމަށާއި އޭގެ ސަބަބުން ބްރޭންޑު ފެންނައިރަށް އެންމެންނަށް އެއީ އައްޑޫކަން އެނގޭ ގޮތަށް މަސައްކަތް ކުރި ކަމަށް ވެސް އެންރިއާ ސްޓޫޑިއޯއިން ވަނީ ބުނެފަ އެވެ.
ބްރޭންޑް ލޯންޗިން ހަފްލާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ސަރުކާރުގެ އިސްވެރިންނާއި އައްޑޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.












