ހުލާސާކޮށް އިއްޔެ: ރަސްމާލެ ޓަނަލަކީ އެމެރިކާ މީހުން ހަނދަށް ދިޔުން ފަދަ ތަސައްވުރެއް!

Oct 29, 2024, 1:20 AM
ހުލާސާކޮށް އިއްޔެ: ރަސްމާލެ ޓަނަލަކީ އެމެރިކާ މީހުން ހަނދަށް ދިޔުން ފަދަ ތަސައްވުރެއް!

އަލަށް ހިއްކަން މަސައްކަތް ކުރާ ފުށިދިއްގަރުފަޅާއި މާލެ ޓަނަލަކުން ގުޅާލުމަކީ ވަރަށް މުއްސަނދި ތަސައްވުރެއް ކަމަށް ވިދާޅުވެ، އެ ޕްރޮޖެކްޓުގެ މަސައްކަތް ހަނދަށް ދިޔުން ފަދަ ކަމެއްގެ ގޮތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އިއްޔެ ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެއާ ހަމައަށް ޓަނަލެއް އެޅުމަކީ މީގެ ކުރިން ދުނިޔޭގައި ކޮށްފައި ނުވާ ފަދަ ބޮޑު މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ، އެފަދަ ކަމެއް ތަސައްވުރު ކުރުމަކީ، ލީޑަރެއްގެ ހުންނަންޖެހޭ ފަދަ މުހިންމު ސިފައެއް ކަމަށެވެ.

"މިވަގުތު ދުނިޔޭގެ އެއްވެސް ތަނެއްގައި، އޯޕަން ސީގައި ހަދާފައި އޮތް ކަހަލަ އިންފްރާސްޓްރަކްޗާއެއްގެ ވާހަކައެއް ނޫން މި ދައްކަނީ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެމެރިކާއިން ހަނދަށް ދިޔުމަށް ވެސް ޖޯން އެފް ކެނެޑީ އެންވިޝަން ކުރެއްވީ އެއްވެސް ބަޔަކު ހަނދަށް ގޮސްގެނެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ އެ ޓަނަލް އެޅުމުގެ މަސައްކަތަކީ ޓައިމްލައިނެއް ހަދައިގެން ކުރިއަށް ގެންދެވޭނެ ޕްރޮޖެކްޓެއް ނޫނެވެ. އޭނާ ވިދާޅުވީ އެއީ އެއަށްވުރެ މާ އާދަޔާ ހިލާފު މަސައްކަތެއް ކަމަށެވެ.

"އެކަން ހާސިލް ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން، އެހެންނަމަވެސް އެއީ ޓައިމްލައިނެއް ލައިގެން މިކަން ކުރެވޭނެ ނުކުރެވޭނެ ތާރީހެއް ދީގެން ކުރަން އޮތް ކަހަލަ ކަމެއް ނޫން. އެއީ އެއަށްވުރެ މާ ބޮޑު، މާ އާދަޔާ ހިލާފު ކަމެއް،" މުއްތަލިބު ވިދާޅުވި އެވެ.

ފުށިފިއްގަރުފަޅާއި މާލެ ޓަނަލަކުން ގުޅާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ ޖެނުއަރީ 22، ގައި ދަރުބާރުގޭގައި ވާހަކަ ދައްކަވަމުންނެވެ.

"ރަސްމާލެއާ ގުޅުވައިލުމަށްޓަކައި އަޅުގަނޑުމެން މިހާރު ފަންނީ ވަރަށްގިނަ މަސައްކަތްތަކެއް، އިނޮވޭޓިވް މަސައްކަތްތަކެއް ވާނީ ފަށާފައި. ވަރަށް ގާބިލް ކުންފުނިތަކާއެކު އަޅުގަނޑުމެން މިހާރު ވާނީ މަޝްވަރާ ފަށާފައި. މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ އަންޑާ ވޯޓާ ޓަނަލް، މާލެއިން ރަސްމާލެއަށް އިރާދަކުރެއްވިއްޔާ ގުޅުވާލުމުގެ މަސައްކަތް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ ޓަނަލް އަޅަން ފީސިބިލިޓީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.

"އެ ޓަނަލް ވެގެންދާނީ، އެ ޓަނަލްގައި ދުއްވާ ޓްރެއިންގެ ސަބަބުން، ޓްރެއިންގައި ދާއިރުގައި ކަނޑުއަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލަކަށް. އެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެކަމުގެ ގާބިލްކަން ހުރި ކުންފުނިތަކާ އެކީގައި މިހާރު ވަނީ ފީޒިބިލިޓީ މަސައްކަތް ފަށާފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox