ހުޅުމާލޭ ފަޅު ތެރޭގައި މިރޭ ހިނގި އެކްސިޑެންޓުގައި މޫދަށް ވެއްޓުނީ މީހެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން މިރޭ ކުރި ފުރަތަމަ މެސެޖުގައި ބުނީ ދެ ޑިންގީ ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މޫދަށް ވެއްޓިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ނަަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން ފޮނުވި އެހެން މެސެޖެއްގައި ބުނީ މޫދަށް ވެއްޓުނީ ޑިންގީގައި ހުރި އެއްޗެހިތަކެއް ކަމަށާއި އެ ތަކެތި މިހާރު މޫދުން ނަގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ހުޅުމާލެ ވެމްކޯ ޖެޓީއާ ދިމާލުގައި ކަމަށެވެ. އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.












