ވަޅިން ހަމަލާދީ މަރައިލާނެ ކަމަށް ބުނެ އަމިއްލަ މަންމައަށް އިންޒާރުދިނުމަށްފަހު އަނިޔާކޮށް ފޯނު ފޭރިގަނެގެން ދިޔަ މީހަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ މުހައްމަދު އިސްމާއިލް 28، ހ. އެހަޑަ ކަމަށެވެ.
ފުލުހުން ބުނީ އެ މުއައްސަސާއަށް ރިޕޯޓު ކުރީ ހިޔާގެ 13 ވަނަ ޓަވަރުން އަންހެނަކު ރޯއަޑު އިވޭ ކަމަށް ބުނެ އިއްޔެގެ އިރުއޮއްސި 6:17 ހާއިރު ކަމަށެވެ.
އެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ އެޕާޓުމެންޓަށް ދިޔުމުން ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އަނިޔާ ކުރުމަށްފަހު ފޯނު ފޭރިގަނެގެން އަމިއްލަ ދަރިފުޅު ގޮސްފައިވާ ކަމުގެ މައުލޫމާތު 57 އަހަރުގެ އަންހެނަކު ފުލުހުންނަށް ދިން ކަމަށް ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.
އެ މީހާއަށް ލިބިފައި ހުރި އަނިޔާއަށް ފަރުވާ ދިނުމަށްފަހު ރޭ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.














