މިދިޔަ އަހަރުގެ ނޮވެމްބަރު 17، އިން ފެށިގެން އިއްޔެ އާ ހަމައަށް 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު، އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 11 މަަސްދުވަހުގެ ތެރޭގައި 177 ކިލޯގެ މަސްތުވާތަކެއްޗާއި 8300 އަށްވުރެ ގިނަ ބަނގުރާ ފުޅި އާއި ދަޅު އަތުލައިގެންފައިވާ ކަމަށެވެ.
"17 ނޮވެމްބަރު 2023 އިން 20 އޮކްޓޫބަރު 2024 ގެ ނިޔަލަށް 177 ކިލޯ ގުރާމަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލެވިފައި އަދި ހަމައެއާ އެއްކޮށް 8300 އަށްވުރެ ގިނަ ބަނގުރާ ފުޅި އަދި ދަޅު ހިމަނައިގެން އެ އަދަދަށް އަޅުގަނޑުމެންނަށް ވަނީ އަތުލެވިފައި، މިއީ ގާތްގަނޑަކަށް މަގުމަތީގެ މި ތަކެތީގެ އަގަށް ބަލާކަމުގައި ވެއްޖެއްޔާ 328 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަކެތީގެ ވާހަކަ އަޅުގަނޑު މި ދައްކަނީ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މުއްދަތުގައި މާލެ އާއި އަތޮޅު ތެރޭގައި 155 އޮޕަރޭޝަނެއް ހިންގައި 12000 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން މަސްތުވާތަކެއްޗާ ގުޅުންހުރި 900 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އަދި އެމީހުންގެ ތެރޭގައި 145 ބިދޭސީއަކު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމީހުން އިމިގުރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އިއްޔެގެ ނިިޔަލަށް މަސްތުވާތަކެއްޗާ ގުޅުންހުރި 335 މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.













